މުޙައްމަދު އިބްރާހިމް
14 April 2019
މަޤްބޫލު ޙަބަރު

މެންޗެސްޓާ ޔުނައިޓެޑްއަށް ކުޅޭ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ކާމިޔާބު ކޮށްދިން ދެ ޕަނެލްޓީއާއެކު ވެސްޓް ހަމް ބަލިކޮށްފިއެވެ. ރޭގެ މެޗުން ޔުނައިޓެޑް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ފުރަތަމަ 11 އިން ފެންނަ ގިނަ ކުޅުންތެރިންނާއެކު ޔުނައިޓެޑް ރޭގެ މެޗު ކުޅެގެން މޮޅުވި ނަމަވެސް، މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ވެސްޓް ހަމުންނެވެ.

އެގޮތުން މެޗުގެ ނުވަ މިނެޓުގައި ބްރެޒިލްއަށް ކުޅޭ ފިލިޕޭ އެންޑަސަން ގޯލެއް ކާމިޔާބުކުރި ނަމަވެސް، އޭނާ ހުރީ އޮފްސައިޑުގައެވެ.

އޭގެ ހަތް މިނެޓް ފަހުން ހުއާން މަޓާއަށް ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް މެޗުގައި ލިބުނު ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިއެވެ. އެއަށްފަހު ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވެސްޓް ހަމްއަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ނާކާމިޔާބުވެފައެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ފަސް މިނެޓް ނުވަނީސް ވެސްޓް ހަމް އިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެނުއަލް ލަންޒިނީ ނަގައިދިން ހުރަހަކުން އެ ގޯލު ކާމިޔާބުކުރީ ފިލިޕޭ އެންޑަސަންއެވެ.

އެ ގޯލަށްފަހު ޔުނައިޓެޑްގެ ކުޅުން ފެނިގެންދިޔައީ ވަރުގަދަ ކުރިއެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ރަޝްފޯޑް ގޯލަށް ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހި ގޯލު ކުރިމަތިން ދިޔައިއިރު، އޭގެ ހަތަރު މިނެޓް ފަހުން ވެސް ރަޝްފާޑަށް ގޯލެއް ކާމިޔާބު ކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގައި ޔުނައިޓެޑުން ލީޑު ފުޅާކުރަން ދެވަނަ ޕެނަލްޓީ ލިބުނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. އެ ޕެނަލްޓީ ލިބުނީ ވަން އޮން ވަންއަކަށް ދިޔަ މާޝަލް ހުއްޓުވަން އުޅުމުގެ ތެރޭގައި ކުރެވުނު ފައުލަތަކާ ގުޅިގެންނެވެ.

ޔުނައިޓެޑަށް މި ލިބުނު މޮޅާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އެއީ ހަތަރު ވަނައިގައި އޮތް ޗެލްސީއަށްވުރެ ދެ ޕޮއިންޓް މަދުން ޕޮއިންޓްސް ލިބިގެންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©