މުޙައްމަދު އިބްރާހިމް
20 April 2019
މަޤްބޫލު ޙަބަރު

އަނިޔާގައި ހުރި އާސެނަލްގެ ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސޭ އަށް ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނެފިއެވެ.

ރަމްސޭގެ ފައިގެ މަސްގަނޑަށް އަނިޔާވީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި އިޓަލީގެ ނަޕޯލީއާ ވާދަކުރި މެޗުގައެވެ. އާސެނަލް 1-0ގެ ނަތީޖާއަކުން މޮޅުވި އެ މެޗުގައި ރަމްސޭއަށް އަނިޔާވެ ދަނޑުން ފައިބަންޖެހުނީ މެޗުގެ 33 ވަނަ މިނެޓުގައެވެ.

ރަމްސޭއަށް ލިބުނު އަނިޔާގެ މާނައަކީ އެ މެޗަކީ އާސެނަލްއަށް އޭނާ ކުޅެދިން އެންމެ ފަހު މެޗެވެ. އެއީ އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ގުޅުމަށް ރަމްސޭ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާތީއެވެ.

“އަހަންނަކަށް ނޭނގެ ޓީމުގައި ނުހިމެނި ކިހާ ދުވަހެއް ވާނެ ކަމެއް. ނަމަވެސް ދޭއް ނުވަތަ ތިން ހަފްތާ ވުން އެކަށީގެންވޭ،” މިދިޔަ އަހަރުގެ މެއި މަހު އާސެނަލްގެ ކޯޗުކަމާ ހަވާލުވި އެމެރީ ބުނެފައިވެއެވެ.

ޕްރިމިއާ ލީގުގައި އާސެނަލްއިން އެންމެ ފަހު މެޗު ކުޅޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ ބާންލީއާ ދެކޮޅަށެވެ. އަދި ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ވެލެންސިއާއާ ދެކޮޅަށް އެ ޓީމުން މޭމަހުގެ ދެވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ކުޅޭނެއެވެ.

އުމުރުން 28 އަހަރުގެ ރަމްސޭ އާސެނަލާ ގުޅުނީ 2008 ވަނަ އަހަރު ކާޑިފް ސިޓީންނެވެ. އާސެނަލް ދޫކޮށް ދާންޖެހުމުން ރަމްސޭ ބުނެފައިވަނީ ކާމިޔާބު 11 އަހަރަށްފަހު އާސެނަލް ދޫކޮށްލަނީ ބަރު ހިތަކައިގެން ކަމަށެވެ.

އަހަރަކު ހަތް މިލިއަން ޔޫރޯގެ މުސާރައަކަށް ރަމްސޭ ޔުވެންޓަސްއާ ގުޅެން ނިންމިއިރު، އޭނާ ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބްތަކުން މަސައްކަތްކުރިއެވެ.

އޭގެ ތެރޭގައި ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އިންޓަ މިލާނާއި އޭސީ މިލާނުގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކް ހިމެނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©