Fri, 5 June, 2020, 1:45 am
ބާސާއަށް އަސްލު “ސައިޒް” ދައްކާލުމަށްފަހު، ލިވަޕޫލް ފައިނަލަށް!
105

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ ބާސެލޯނާގެ މައްޗަށް ހައިރާން ކުރުވަނިވި ގޮތަކަށް ނަތީޖާ އަނބުރާލާ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލުން ދަތުރު ކޮށްފިއެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި 3-0 ގެ ނަތީޖާއަކުން ބާސާ އިން މެޗު ކާމިޔާބު ކުރިނަމަވެސް، ލިވަޕޫލުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ އަމިއްލަ ދަނޑު، އެންފީލްޑްގައި ބާސާއާ ދެކޮޅަށް ކުޅެ 4-0ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ޗެމްޕިއަންސް ލީގުގެ މިދިޔަ އަހަރުގެ ފައިނަލަށްވެސް ލިވަޕޫލް ވަނީ ދަތުރުކޮށްފައެވެ. ނަމަވެސް މިފަހަރު ލިވަޕޫލަށް ހާޢްސައެވެ. އެއީ މިފަހަރަކީ 1986 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ތިން ގޯލުގެ ޑެފިސިޓެއްގައި އޮތް ނަމަވެސް، އެ ނަތީޖާ އަނބުރާލައިގެން ފައިނަލަށް ޓީމެއް ދަތުރުކުރި ފުރަތަމަ ވެސް ފަހަރެވެ.

ނަމަވެސް މިރޭގެ ނަތީޖާއިން ބާސާއަށް އަނެއްކާވެސް ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ހަނދާން އާވެ، ބޮޑު މާޔޫސް ކަމަކާ ކުރިމަތިވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސާއިން 4-1އިން ރޯމާ ބަލިކޮށްފައި އޮތްވާ، ރޯމާގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 3-0ގެ ނަތީޖާއަކުން ބާސާ ބަލިކޮށްފައެވެ.

ލިވަޕޫލުން މިރޭގެ މެޗް ކާމިޔާބުކުރިއިރު، އެ ޓީމުން މިރޭގެ މެޗަށް ނުކުތީ ވެސް އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހާއި ފޯވަޑް ރޮބާޓް ފިރްމީނޯ ނުލައެވެ. އެގޮތުން “ނެވާ ގިވް އަޕް” ޖަހާފައިވާ ޓީޝާޓެއް ލައިގެން އަނިޔާގައި ހުރި ސަލާހް އިނީ މިރޭ ޓީމަށް ހިތްވަރުދޭށް ބެންޗުގައެވެ.

އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ކުޅުމުގެ ފުރުސަތު ނުލިބުނު ސަލާހް އާއި ފިރްމީނޯ ނެތްތަން މިރޭގެ މެޗުގައި ފޫބެއްދީ ޝަގީރީ އާއި އޮރީގީއެވެ. ދެ ކުޅުންތެރިންގެ ފަރާތުން ވެސް ތަފާތު ކުޅުމެއް މިރޭގެ މެޗުން ވަނީ ފެނިގެންގޮސްފައެވެ.

އެގޮތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ މެޗުގެ އޮއިވަރު ބަދަލުކޮށްލައިފައެވެ. މެޗުގެ ހަތްވަނަ މިނެޓްގައި، ލިބުނު ރީބައުންސްއަކުން ލިވަޕޫލްއަށް ލީޑް ނަގައިދިނީ އޮރީގީއެވެ.

މި ގޯލަށްފަހު ބާސާގެ ގޯލަށް އިތުރަށް ނުރައްކާ ކުރަން ލިވަޕޫލް އިން މަސައްކަތް ކުރަމުންދިޔައިރު، ބާސާ އާއި ހާއްސަކޮށް ފުރަތަމަ ލެގުގައި ތަފާތު ކުޅުމެއް ދެއްކި މެސީ ވެސް ދިޔައީ ލިވަޕޫލްގެ ގޯލަށް ހަމަލާތައް އަމާޒުކޮށް މެޗުގެ ފޯރި ގަދަކުރަމުންނެވެ.

އެގޮތުން ޖޯޑީ އަލްބާއާއި ކުޓީނިއޯގެ ހަމަލާތައް އެލިސަން ބެކާ މަތަކުރިއިރު، މެސީގެ ދެ ހަމަލާއެއް ވެސް އޭނާ މަތަކުރިއެވެ. ވަރުގަދަ ހިތްގައިމު ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެ ފޯރީގައި އިތުރު އެއްވެސް ގޯލެއް ނުފެނިއެވެ.

ނަމަވެސް ދެވަނަ ހާފު ފެށިގެން ނުވަ މިނެޓް ނުވަނީސް ލިވަޕޫލުން ލީޑު ފުޅާކުރިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ، ލިވަޕޫލްގެ ރޮބަޓްސަންއަށް ލިބުނު އަނިޔާއާއެކު، ދެވަނަ ހާފްގައި ކުޅެން ނުކުމެ ތަފާތު ކުޅުމެއް ދެއްކި ވައިނާލްޑަމްއެވެ.

އެގޮތުން ލީޑު ފުޅާކޮށްދިނުމަށްފަހު، ދެ މިނެޓް ނުވަނީސް ވައިނަލްޑަމް ވަނީ ދެވަނަ ގޯލެއް ކާމިޔާބު ކޮށްދީފައެވެ. ޝަގީރީގެ ނަގައިދިން ހުރަހުން ކާމިޔާބު ކޮށްދިން އެ ގޯލާއެކު ލިވަޕޫލަށް އިތުރު ހިތްވަރެއް ލިބުނެވެ. އެއީ ބާސާއާ ނަތީޖާ ހަމަހަމަ ކޮށްލެވުމުންނެވެ.

ލިވަޕޫލުން މުޅި ނަތީޖާ އަނބުރާލި ގޯލު ކާމިޔާބުކުރީ މެޗުގެ 79 ވަނަ މިނެޓުގައެވެ. އާނޯލްޑް ނަގައިދިން ކޯނަރެއް ގޯލުގެ މެދަށް ފޮނުވާލައިގެން އެ ގޯލު ކާމިޔާބުކޮށްދީ، ލިވަޕޫލް ފައިނަލަށް ގެންގޮސްދިނީ އޮރީގީއެވެ.

މުބާރާތުގެ ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ އަޔެކްސް އާއި ޓޮޓެންހަމް ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ އަޔެކްސްއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެރޭ ސްޕެއިންގެ ވެރިރަށް މެޑްރިޑްގައެވެ.

Leave a comment

Your email address will not be published.