މުޙައްމަދު އިބްރާހިމް
22 May 2019
މަޤްބޫލު ޙަބަރު

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ހެންވޭރު ހީނާގަސްދޮށުގެ އަޙްމަދު ސަލީމް (ބޮޑުހީނާ) އައްޔަން ކުރައްވައިފިއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުލަބްތަކުގެ ރަޖިސްޓްރޭޝަން ބެލެހެއްޓުމަށް ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމަށް ހީނާ ސަލީމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވީ މިއަދުއެވެ.

އެ މަގާމަށް އޭނާ އައްޔަންކުރެއްވީ މިނިސްޓަރުގެ ނައިބް ފެންވަރުގައެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީން ކުރުމުގެ ރޮނގުން މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ހީނާ ސަލީމަކީ ކުރީގެ ކުޅިވަރު ކުޅުންތެރިއެއްގެ އިތުރުން ރެފްރީ ކަމާއި ކޯޗެއްގެ ގޮތުގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ސްޕޯޓްސް ކޮމިޝަނަރު ކަމަށް ހީނާ ސަލީމް އައްޔަންކުރެއްވިއިރު، އެ މަގާމުގައި ކުރިން ހުންނެވީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރެވެ.

ނަމަވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވަނިކޮށް މިދިޔަ މާރިޗް މަހުގެ 13 ވަނަ ދުވަހު އަލީ އުމަރު ވަނީ މަގާމުން ވަކިކޮށްފައެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަކީ 2015 ވަނަ އަހަރު ރައިސްލުޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ ގާނޫނު ބުނާ ގޮތުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސް އެ އޮފީހުން ބަލަހައްޓަންޖެހެއެވެ.

އެގޮތުން އެ އޮފީހުގެ އެންމެ ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރަކަށް ހަމަޖެއްސީ އަހުމަދު ނަޝީދު (ޑޭވް)އެވެ. ޑޭވް މަގާމުން އިސްތިއުފާދިނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

Leave a Reply

Your email address will not be published.

haftha.mv ©