މުޙައްމަދު އިބްރާހިމް
28 May 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)، ޓީސީ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީސީއަށް އިންމަ ސޮއިކުރިކަން އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ. އިންމަ ޓީސީއާ ގުޅުމާއެކު އެޓީމުން ގެންނަން ކުރިން ނިންމާފައި އޮތް ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރު ނުގެންނާނެ ކަމަށް ޓީސީން ވަނީ ބުނެފައެވެ.

ސަތާރަ އަހަރު ވަންދެން ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބަލަހައްޓާ އެތަކެއް ސަޕޯޓަރުންނެއްގެ ލޯތްބައި އިހްތިރާމް ހޯދާފައިވާ އިންމަ ވަނީ ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން 2016 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ.

ނަމަވެސް ކުލަބް ލެވެލްގައި އިތުރު ދެ އަހަރު ވަރު ކުޅޭނެ ކަމަށް މީގެ ކުރިން އިންމަ ވަނީ ބުނެފައެވެ. އެގޮތުން ފާއިތުވި ސީޒަންގައި ފެނިގެން ގޮސްފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ.

ނަމަވެސް މުސާރައިގެ މައްސަލާގައި އެފްއޭއެމްއަށް މައްސަލަ ހުށަހެޅުމާއެކު ނިއުއިންވަނީ އިމްރާންގެ ކޮންޓްރެކްޓް އުވާލައިފައެވެ. ނަމަވެސް ނިއުގެ ސީނިއާ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދެވި ކުލަބް ދަރަނިވެރިވެ، އެފްއޭއެމްއިން މިހާރު ވަނީ ނިއު ސަސްޕެންޑް ވެސް ކޮށްފައެވެ. އަދި އެންމެ ފަހުގެ ކޮންގުރެސްގައި އެ ސަސްޕެންޝަން ވަނީ ދަމަހައްޓައިފައެވެ.

ނިއުއާ ކުޅުންތެރިންނާ ޖެހިފައިވާ މުސާރައިގެ މައްސަލާގައި އިންމަ ވަނީ އެތައް ފަހަރަކު ކުޅުންތެރިންގެ ހައްގުގައި މަސައްކަތް ތެދުވެ، މުސާރަތައް އަވަސް ކުރުމަށް އެދިފައެވެ. އަދި އެފްއޭއެމްއިން ނިއު ސަސްޕެންޑް ކޮށްފައިވާ ކުރުމަށް، ހައްލު ހޯދުމަށް އެ ކުލަބްގެ ކުރީގެ އިސްވެރިންނާއި ސަޕޯޓަރުންނާއެކު އެންމެ ކުރީ ސަފުން ވެސް އިންމަ ދަނީ މަސައްކަތް ކުރަމުންނެވެ.

ކުލަބް އީގަލްސް އިން ކެރިއަރުފެށި، އިންމަ ވަނީ ވެލެންސިއާ އަދި ވިކްޓަރީގެ އިތުރުން ވީބީ، މާޒިޔާ އަދި ނިއުގެ ގޯލުވެސް ބަލަހައްޓައިދީފައެވެ. ރާއްޖެއިން 2008 ވަނަ އަހަރު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ތަށި އެންމެ ފުރަތަމަ ކާމިޔާބުކުރި ރަން ޓީމުގައި އިންމަ އަދާކުރި ދައުރު ބޮޑެވެ.

ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އާއެކު މިއަހަރުގެ ސީޒަނަށް  ޓީސީ ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިިން އިންމަގެ ސޮއި ހޯދާފައިވާއިރު އެ ކުލަބުން ދަނީ މުހިންމު ބައެއް ކުޅުންތެރިން ވެސް ގެނެސްފައެވެ.

އެގޮތުން ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އާއި މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު އިސްމާއިލް އީސަ (މެސީ) އަންނަ ސީޒަންގައި ފެނިގެންދާނީ ޓީސީންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©