މުޙައްމަދު އަންވަރު
02 June 2019
މަޤްބޫލު ޙަބަރު

ސާދަ އަހަރަށްފަހު ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ލިވަޕޫލްއިން އުފުލާލައިފިއެވެ.

‎ލިވަޕޫލްއިން އެ ތަށި އުފުލާލީ ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި މިރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި 2-0 ގެ ނަތޖާއަކުން ޓޮޓެންހަމް ބަލިކުރުމަށްފަހުއެވެ.

‎މިއީ ލިވަޕޫލްއިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. އެ ކުލަބުން އެ ތަށި އެންމެފަހުން އުފުލާލާފައިވަނީ 2005 ވަނަ އަހަރެވެ. އެ އަހަރު ލިވަޕޫލްއިން ތަށި އުފުލާލީ ޕެނަލްޓީގައި އޭސީ މިލާން ބަލިކޮށްގެންނެވެ.

މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ޕްރިމިއާ ލީގުގެ ދެ ވާދަވެރިން މިރޭ ކުޅުނު ފައިނަލް މެޗުގައި ލިވޕޫލްއަށް މެޗުގެ ލީޑް ނަގައިދިނީ މެޗުގެ ދެވަނަ މިނެޓްގައި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހްއެވެ.

ސަލާހުގެ އެ ލަނޑަކީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ޖެހި ދެވަނައަށް އެންމެ އަވަސް ގޯލެވެ. އެ މުބާރާތުގެ ފައިނަލެއްގައި އެންމެ އަވަސް ލަނޑު ޖެހީ ލިވަޕޫލު ކޮޅަށެވެ. އެ ގޯލު ކާމިޔާބުކުރީ 2005 ވަނަ އަހަރު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އޭސީ މިލާންގެ ޕައުލޯ މަލްޑީނީއެވެ.

‎ސަލާހް އެ ގޯލް ކާމިޔާބު ކުރީ ޓޮޓެންހަމްގެ އޭރިއާ ތެރެއިން އެ ޓީމުގެ މޫސާ ސިސޯކޯގެ އަތުގައި ޖެހުނު ކަމަށްބުނެ ލިވަޕޫލްއަށް ލިބުނު ޕެނަލްޓީއެއް ގޯލަށް ފޮނުވާލައިގެންނެވެ.

ސަލާހުގެ ދަނޑަށްފަހު ވެސް ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ޖޯލް މަޓިޕް ދިން ބޯޅައަކުން އެންޑްރޫ ރޮބާޓްސަން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ ހަމަލާވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމްގެ ފަރާތުން ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރިއެވެ. އެއާއެކު އެޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިކުރިއެވެ. އެގޮތުން މެޗު ނިމެނިކޮށް ހިއުންގް މިން ސޮންއަށް ލިބުނު ފުރުސަތާއި ކްރިސްޓިއަން އެރިކްސަންއަށް ލިބުނު ހިލޭ ޖެހުން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ ލިވަޕޫލްގެ އިތުބާރު ކީޕަރު އެލިސަން ބެކާއެވެ.

ޓޮޓެންހަމްއަށް މެޗުގެ ނަތީޖާ ހަމަހަމަ ނުކުރެވުމުގެ ނަތީޖާއަކަށްވީ މެޗުގެ 87 ވަނަ މިނެޓުގައި ލިވަޕޫލުން ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ޔަގީންކުރުމެވެ. ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އެ ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިވޯކް އޮރިގީއެވެ.

އޭނާއަކީ މުބާރާތުގެ ސެމީ ފައިނަލްގައި ބާސެލޯނާ ބަލިކޮށް ލިވަޕޫލް ފައިނަލަށް ގެންގޮޮސްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©