މުޙައްމަދު އީމާން
08 June 2019
މަޤްބޫލު ޙަބަރު

ދުނިޔޭގެ ކްރިކެޓް ކަޕްގައި ބައިވެރިވާ އިންޑިއާގެ ކްރިކެޓް ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ކްރިކެޓް ބެޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަދިޔާ ކުރައްވައިފިއެވެ.

ރައީސް ސޯލިހަށް މޯދީ އެ ކްރިކެޓް ބެޓް ހަދިޔާ ކުރެއްވީ، ރާއްޖެއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

“ކްރިކެޓުން ގުޅިފައި” ކަމަށް ވިދާޅުވެ، މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ރަހްމަތްތެރިޔާ އަދި ރައީސް ސޯލިހަކީ ކްރިކެޓަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށެވެ.

އެހެންކަމުން މިއަހަރު ވޯލްޑް ކްރިކެޓް ކަޕްގައި ވާދަކުރާ ޓީމް އިންޑިއާގެ ފަރާތުން ސޮއިކުރައްވާފައިވާ ކްރިކެޓް ބެޓެއް ރައީސް ސޯލިހަށް އަރުވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ސްކޫލް ދައުރުން ފެށިގެން ކްރިކެޓަށް ލޯބިކުރެއްވި އަދި އެއް ވަނަ ޑިވިޝަންގައި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުވާފައިވާ ރައީސް ސޯލިހަށް ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ކްރިކެޓަށް ދަނީ ގިނަ ކުރިއެރުންތަކެއް ގެންނަން މަސައްކަތް ކުރައްވަމުންނެވެ.

ހާއްސަކޮށް އިންޑިއާ އައި ރާއްޖެއާދެމެދު ބަދަހިވެފައިވާ ގުޅުމުގެ ތެރެއިން އިންޑިއާއިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން އެއްބަސްވެފައެވެ. އަދި ދެ ގައުމުގެ ދެ މެދުގައި މަތީ ފަންތީގެ ކްރިކެޓް ސިލްސިލާއެއް ބާއްވަން އެއްބަސްވެ އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ ވަނީ ރާއްޖޭގައި ކުޅެފައެވެ.

އިންޑިއާގެ މަޝްހޫރު ތަރި ޔުވްރޭޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އައިސް ކުޅުނު ސިލްސިލާގެ މެޗުގައި ރައީސް ސޯލިހުވެސް ކުޅުއްވިއެވެ.

އަދި މިދިޔަ އޭޕްރިލް މަހު އެމަނިކުފާނު ވަނީ އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި)ގެ ދައުވަތަކަށް ބެންގަލޫރަށް ވަޑައިގެން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ޗެންނާއީ ސުޕަ ކިންގްސް އާއި ރޯޔަން ޗެލެންޖާސް ބެންގަލޯ ކުޅުނު މެޗް ބައްލަވާލައްވައިފައެވެ.

އެ މެޗުގެ ކުރިން ރޯޔަލް ޗެލެންޖާސްގެ ކެޕްޓަން ވިރާތު ކޯލީ އާއި ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ވަނީ ރައީސް ސޯލިހަށް، ދެ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީ އާއި ކްރިކެޓް ބެޓެއް ހަދިޔާކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©