މުޙައްމަދު އިބްރާހިމް
18 June 2019
މަޤްބޫލު ޙަބަރު

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކްރިކެޓްގެ މެޗްތައް ބެލުމަށް ބިދޭސީންނަށް ބަލަން ތިބެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީ އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކްރިކެޓް ބެލުމަށް ދާއިމީ ގޮތެއްގައި ބޮޑު ސްކްރީނެއް ހެދުމަށް ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބޭރު ގައުމުތަކުގެ އެމްބަސީތަކާ ވެސް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ، ބިދޭސީން ކްރިކެޓް މެޗުތައް ބެލުމަށް ވަގުތީ ގޮތުން ސޯޝަލް ސެންޓާރުގައި ހުންނަ ބޮޑު ސްކްރީން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ސޯޝަލް ސެންޓަރުގައި ހުންނަ ބޮޑު ސްކްރީނަކީ އާންމު ގޮތެއްގައި ދައުލަތުގެ މީޑިއާ އަޅުވާފައި ހުންނަ ތަނެކެވެ.

ރާއްޖޭގައި އުޅޭ ގިނަ ބިދޭސީންނަކީ އަވަށްޓެރި ގައުމުތަކުގެ މީހުންނަށްވާއިރު، އެގައުމުތަކުގައި ކްރިކެޓަކީ އެންމެ ގިނަ ބަޔަކު ބަލާ އެއް ކުޅިވަރެވެ.

ނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެ ކުޅިވަރު ބެލުމުގެ އިންތިޒާމް ހަމަޖެހިފައި ނެތުމުން، ގިނަ މީހުން މެޗުތައް ބަލައި އުޅެނީ އަތުގައި އޮންނަ ފޯނުން ނުވަތަ ކޮންމެވެސް ހޮޓަލެއްގެ ބޭރުގައި ތިބެގެން އެތަނުގައި ހުންނަ ޓީވީ އަކުންނެވެ.

އަދި ހާއްސަކޮށް، މި ދުވަސްވަރަކީ ކްރިކެޓް ވޯލްޑް ކަޕް ކުރިއަށްދާ ދުވަސްވަރު ކަމުން ކެފޭތަކާއި ހޮޓާތައް ކައިރިއަށް ޖަމާވެ އެތަންތަނުގެ ޓީވީން އަޅުވާފައި ހުންނަ މެޗުތައް ބަލަން ގިނަ ބިދޭސީން މަގުމަތީގައި ގިނައިރުތަކެއް ވަންދެން ކޮޅަށް ތިބޭތަން ފެނެއެވެ.

އަދި އެކަމާ ގުޅިގެން ގިނަ ދިވެހިން ސޯޝަލް މީޑިއާގައި ވަނީ ބިދޭސީންނަށް އެފަދަ މާހައުލެއް ގާއިމްކޮށް ދިނުމަށް ސަރުކާރުގައި އިލްތިމާސް ކޮށްފައެވެ.

އިނގިރޭސި ވިލާތާއި ވޭލްސްގައި މިއަހަރު ކުރިއަށްދާ 12 ވަނަ ކްރިކެޓް ވޯލްޑް ކަޕް ފަށާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހުއެވެ. އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެ މުބާރާތުގައި 10 ޓީމު ވާދަކުރާއިރު، މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

އެގޮތުން މިހާޜުގެ ނަތީޖާއަށް ބަލާއިރު ލީގުގެ އެއްވަނާގައި އޮތީ އޮސްޓްރޭލިއާއެވެ. އަދި ދެވަނާގައި ނިއު ޒިލެންޑް އޮތްއިރު، މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އިންޑިއާ އޮތީ ލީގުގެ ތިން ވަނައިގައެވެ. ހަތަރު ވަނާގައި އޮތީ މުބާރާތް ބާއްވާ އެއްގަމު ކަމަށްވާ އިނގިރޭސިވިލާތެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތްވާ ބަންގުލަދޭޝް އޮތީ ލީގުގެ ލީގުގެ ފަސް ވަނައިގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©