މުޙައްމަދު އީމާން
03 July 2019
މަޤްބޫލު ޙަބަރު

ދުނިޔޭގެ ތިން ވަނަ ޓެނިސް ކުޅުންތެރިޔާ ސްވިޒަލެންޑްގެ ރޯޖާ ފެޑްރާއަށް ދުނިޔެއިން އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ ކަމަށް އޭނާ ބުނެފި އެވެ.

ދުނިޔޭގެ މަޝްހޫރު އެހެން މީހުންނެކޭ އެއްގޮތަށް ފެޑެރާ ވެސް ވަނީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެ އައިސްފަ އެވެ. އެގޮތުން އެއް ފަހަރެއްގައި ފެޑެރާ ވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދުވަސްކޮޅުގެ ސަބަބުން ކުޅުން ރަނގަޅުވި ކަމަށް ބުނެފަ އެވެ.

ބ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ އަނަންތަރަ ރެސޯޓްސް އެންޑް ސްޕާއަށް 2017 ވަނަ އަހަރު އައި ޗުއްޓީ ދަތުރުގައި ފެޑެރާ ވަނީ ކޮރެއޭޝިއާގެ ޓެނިސް ކުޅުންތެރިޔާ މަރިން ސިލިޗް އާއެކު ރާއްޖޭގައި ފަރިތަކުރުންތައް ކޮށްފަ އެވެ.

އެގޮތުން ދުނިޔޭގެ މަޝްހޫރު އެމެރިކާގެ ލަގްޒަރީ ލައިފްސްޓައިލް މެގަޒިން އެއް ކަމަށްވާ ރޮބް ރެޕޯޓަށް ފެޑެރާއަށް ދިން އިންޓަވިއުއެއްގައި، އެންމެ ދާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ސުވާލުކުރުމުން ފެޑެރާ ބުނީ އޭނާއަށް އެންމެ ކަމުދާ މަންޒިލަކަށް ވާންޖެހޭނީ ރާއްޖެ ކަމަށެވެ.

“އާއިލާއާއެކު ބީޗްގައި ޗުއްޓީ ހޭދަކުރަން އަހަރެން ލޯބިކުރަން. އެގޮތުން ކޮންމެ ދުވަހެއް ނިންމާލަމުން އަންހެނުންނާއެކު މަޑުމައިތިރި ރީތި ރޭގަނޑު ކެއުމެއް ނުވަތަ ރައްޓެހިންނާއެކު ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ،” ފެޑެރާ ދިން ޖަވާބުގައި ބުނެފައިވެ އެވެ.

ނަމަވެސް ނޫ އުޑާއި ސްނޯ ފައިބައިފައި ހުންނަ ފަރުބަދަ މަތީގެ މަންޒަރު ފެންނަ ގޮތަށް ފަރުބަދަ މަތީގެ ހޮޓަލެއްގައި ޗުއްޓީ ހޭދަ ކޮށްލުމަށް ވެސް އޭނާ ލޯބިކުރާ ކަމަށް ފެޑެރާ އިންޓަވިއުގައި ބުންޏެވެ.

ރޯޖާ ފެޑްރާއަށް ދުނިޔެއިން އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ ކަމަށް ބުނެފައިވާއިރު، ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން ވެސް ވަނީ ދުނިޔެއިން އޭނާއަށް އެންމެ ރީތި ތަނަކީ ރާއްޖެ ކަމަށް ބުނެފަ އެވެ.

އެގޮތުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ރާއްޖެ އައިސްފައިވާ ދީޕިކާ ވަނީ ފިރިމީހާ އަދި ބޮލީވުޑްގެ ބަތަލު ރަންވީރު ސިންގްއާ ރައްޓެހިވުމުގެ ކުރިން ވެސް ދެމީހުން އެކި ފަހަރު މަތިން ރާއްޖެ އައިސްފަ އެވެ.

އަދި ދެތަރިންގެ ކައިވެންޏަށްފަހު ސިއްރު ހަނީމޫން ވެސް ހޭދަކުރީ ރާއްޖޭގެ ނ. އަތޮޅުގެ ރިސޯޓެއްގަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©