މުޙައްމަދު އިބްރާހިމް
17 July 2019
މަޤްބޫލު ޙަބަރު

ޔޫރަޕުގައި މިވަގުތު ހުރި އެންމެ އުއްމީދީ ޑިފެންޑަރު ޑި ލިޓް ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 19 އަހަރުގެ އަޔެކްސްގެ ކެޕްޓަން މިހާރު ހުރީ ޔުވެންޓަސްއާ ގުޅުމަށް ބޭނުންވާ އެންމެ ފަހުގެ ކަންކަން ހަމަޖެއްސުމަށް އިޓަލީގަ އެވެ. އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އޭނާ ބަދަލުވީ 67.5 މިލިއަން ޕައުންޑަ ށެވެ.

އޭނާ ހޯދުމަށް އިނގިރޭސިވިލާތުގެ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިންގެ ބާސެލޯނާ އަދި ރެއާލް މެޑްރިޑްގެ އިތުރުން ފްރާންސްގެ ޕީއެސްޖީ ފަދަ ޔޫރަޕްގެ ނަން މަޝްހޫރު ގާތްގަނޑަކަށް ހުރިހާ ކްލަބަކުން މަސައްކަތް ކުރި އެވެ.

ނަމަވެސް ޔުވެންޓަސް އަށް ކުރި ލިބުނު މައިގަނޑު އެއް ސަބަބަކީ ޑިލައިޓްގެ އެޖެންޓަށް ދޭން ޖެހޭ 12 މިލިއަން ޕައުންޑް ދޭން ޔުވެންޓަސް އެއްބަސްވުމެވެ.

ޑި ލިޓް ޔުވެންޓަސް އަށް އައުމަށް އެ ކުލަބުގެ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ އެދިފަ އެވެ. އޭނާ މިކަމަށް އެދުނީ ޕޯޗުގަލް އަތުން ނެދަލޭންޑްސް ބަލިވި ނޭޝަންސް ކަޕުގެ ފައިނަލަށް ފަހު ދަނޑުމަތިން ބައްދަލުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގު ހޯދަން މަސައްކަތްކުރަމުން އަންނަ ޔުވެންޓަސް އަށް މި ސީޒަނުގައި ކޯޗުކޮށްދޭނީ ޗެލްސީއާ އެކު މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©