މުޙައްމަދު އިބްރާހިމް
17 July 2019
މަޤްބޫލު ޙަބަރު

ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންގައި ޗައިނާ އާއި ސީރިއާ އެއް ގްރޫޕެއްގައި ރާއްޖެ ލައްވާލައިފި އެވެ. މިއަދު ގުރު ނެގިއިރު ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން ހިމެނެނީ ފިލިޕީންސާއި ގުއާމެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިޔާގެ ޓީމުތައް ފަސް ސީޑިން ގްރޫޕަށް ބަހާލިއިރު ރާއްޖެ ހިމެނުނީ ހަތަރު ވަނަ ސީޑުގަ އެވެ. ސީޑުކޮށްފައިވަނީ ފީފާ ރޭންކިން އާއި މީގެ ކުރީގެ ނަތީޖާތަކަށް ބަލައިގެންނެވެ.

ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ޖޯޑަން އަދި ޗައިނީސް ޓައިޕޭ އާއި ކުވޭތާއި ނޭޕާލެވެ. ގުރޫޕް ސީގައި ހިމެނެނީ އޭޝިއާގެ ފުޓްބޯޅައިގެ އިތުރުން ސިޔާސީ ގޮތުން ވެސް ވާދަވެރި އިރާން، އިރާގުގެ އިތުރުން ބަހުރޭން، ހޮންކޮން އަދި ކެމްބޯޑިއާ އެވެ.

ގްރޫޕް ޑީގައި ހިމެނެނީ ސައޫދީ އަރަބިއާ އާއި އުޒުބަކިސްތާން އަދި ފަލަސްތީނާއި ޔަމަނާއި ސިންގަޕޫރެވެ. ސާކް ސަރަހައްދުގެ ތިން ގައުމު ކަމަށްވާ އިންޑިޔާ އާއި ބަނގްލަދޭޝް އަދި އަފްގާނިސްތާން ހިމެނޭ ގުރޫޕް އީގައި ދެން ހިމެނެނީ އޮމާނާއި އޭޝިޔާގެ ޗެމްޕިއަން ގަތެރެވެ.

ގްރޫޕް އެފްގައި ހިމެނޭ އެންމެ ގަދަ ޓީމަކީ ޖަޕާނެވެ. ދެން ހިމެނެނީ ކިރިގިސްތާނާއި ތަޖިކިސްތާނާއި މިޔަންމާ އަދި މޮންގޯލިއާ އެވެ.

ޔޫއޭއީ އާއި ވިއެޓްނާމް އަދި ތައިލެންޑާއި މެލޭޝިޔާއާއެކު އިންޑޮނީޝިޔާ ހިމެނެނީ ގްރޫޕް ޖީގަ އެވެ. ދެކުނު ކޮރެޔާ އާއި ލެބަނަން އަދި އުތުރު ކޮރެޔާ އާއި ތުރުކުމެނިސްތާން އަދި ލަންކާ ހިމެނެނީ ގްރޫޕް އެޗްގަ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން އެއް ބުރު ކުޅުމަށްފަހު ދެ ވަނަ ބުރަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ޓީމާއި ދެ ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ ހަތަރު ޓީމެވެ. ވޯލްޑް ކަޕުން އޭޝިޔާ އަށް ލިބިފައިވަނީ ހަތަރު ޖާގަ އެވެ. މިހެންވެ ދެ ވަނަ ބުރުން ފަސް ވަނަ ހޯދާ ޓީމު ކުޅޭނީ ޕްލޭއޯފް މެޗެކެވެ.

އޭޝިޔާގެ ވޯލްޑް ކަޕް ކޮލިފައިން ކުރިއަށް ގެންދާނީ އޭޝިއަން ކަޕް ކޮލިފައިންއާއެކު ވެސް އެކު އެވެ. މި ގޮތުން ގްރޫޕްތަކުގެ ޗެމްޕިއަން ޓީމާއި ދެ ވަނަ އަށްދާ އެންމެ ގަދަ ހަތަރު ޓީމު އޭޝިއަން ކަޕަށް ކޮލިފައިވާ އެވެ. އެހެން ޓީމުތައް އޭޝިއަން ކަޕުގެ ޕްލޭއޯފް ކުޅެން ޖެހޭނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©