.
21 July 2019
މަޤްބޫލު ޙަބަރު

ރީޔޫނިއަން އަތުން ބަލިވި ޓީމްގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން ނިކުމެ، ކޮމޮރޯސް އަތުންވެސް ސީނިއަރ ޤައުމީ ފުޓްބޯޅަ ޓީމް މިއަދު ބަލިވެއްޖެއެވެ.

އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ކޮމޮރޯސް އަތުން ރާއްޖެ ބަލިވީ 3-0 ނެވެ. މިނަތީޖާއާއެކު ސެމީގެ ފުރުޞަތު ރާއްޖެއަށް ވަނީ ބަންދުވެފައެވެ. މެޗުގައި ކޮމޮރޯސްއިން ފުރަތަމަ ލަނޑުޖަހާ ލީޑް ހޯދީ 29 ވަނަ މިނިޓްގައެވެ. މި ލަނޑުޖެހީ އިބްރަހިމް ޔޫސުފްއެވެ. 37 ވަނަ މިނިޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑް ފުޅާކުރުމަށްފަހު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ކޮމޮރޯސްއިން ތިންވަނަ ލަނޑެއްވެސް ޖެހިއެވެ. މި ދެލަނޑުވެސް ޖެހީ ނަޒަރަލީ އިއްސައެވެ.

ކޯޗު ޕީޓަރ ސެގަޓް ކޮމޮރޯސްއާ ދެކޮޅަށް ނިކުތީ ސަމްދޫހު މުޙައްމަދު އަތުގައި ކެޕްޓަން ބޭންޑް އަޅުވައިގެން، އަލީ ފާސިރާއި، އިބްރާހީމް މަހުދީއާއި، ކީޕަރު ފައިސަލްވެސް ބެންޗްގައި ބައިންދާފައެވެ. ގޯލް ހަވާލުކުރީ ޒުވާން ކީޕަރ ލަބާންއާއެވެ. ނަމަވެސް ދެވަނަ ހާފް ފެށީ ސެންޓޭއާއި، އިބްރާހީމް މަހުދީ ހިމަނައިގެންނެވެ. ކޯޗުގެ ފުރަތަމަ އެގާރައިން މިއަދު އަހުމަދު ރިޒްވީންއާއި، މިޑްފީލްޑަރ އިބްރާހީމް ވަހީދު ހަސަންއަށްވެސް ފުރުޞަތެއް ނުދެއެވެ. އޭގެ ބަދަލުގައި ކޯޗު ވަނީ އަލަށް ޓީމުން ޖާގަ ހޯދި އިބްރާހީމް އައިސަމްއާއި، މުޙައްމަދު ނާއިމްއާއި، މުޙައްމަދު ޖައިލަމްއަށް ފުރަތަމަ އެގާރައިން ފުރުޞަތުދީފައެވެ.

ގްރޫޕް ސްޓޭޖްގައި ރާއްޖެއަށް ދެން އޮންނާނީ މެޔޯޓްއާ ވާދަކުރަންޖެހޭ މެޗެވެ. އެމެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ. އެޓީމް ވަނީ ކޮމޮރޯސް އަތުން މޮޅުވެފައެވެ. މިގްރޫޕްގައި ދެމެޗުންވެސް މޮޅުވެ 6 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ރީޔޫނިއަންއެވެ. ޕޮއިންޓެއް ނުލިބި އޮތީ ރާއްޖެއެވެ. އެއީ ފުރަތަމަ މެޗުގައި ރީޔޫނިއަން އަތުން 4-0 ން ވީ ބައްޔާއެކުއެވެ.

Leave a Reply

Your email address will not be published.

haftha.mv ©