.
21 July 2019
މަޤްބޫލު ޙަބަރު

ޒުވާން ދެ ކުޅުޅުންތެރިންކަމަށްވާ ފާތިމަތު ދީމާ އަލީއާއި، އައިޝަތު ރަފާ ނާޒިމް ތަފާތު ދައްކާ، އަންހެން ޓީޓީ ޓީމް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ގެންގޮސްދީފިއެވެ.

ޓީޓީ ޓީމް ސެމީފައިނަލަށް ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން މޮރިޝަސްއާއި މެޔޯޓްވެސް ބަލިކޮށްގެންނެވެ. މޮރިޝަސްގައި ކުރިއަށްދާ ގޭމްސްގައި މޮރިޝަސްގެ މައްޗަށް ކުރި ހޯދީ 3-2 ނެވެ. މެޔޯޓްގެ މައްޗަށް ކުރި ހޯދީ 3-0 ނެވެ.

މޮރިޝަސް އަތުން ރާއްޖެ މޮޅުވިއިރު ދީމާ ވަނީ ކުޅުނު ދެގޭމްވެސް ކާމިޔާބުކޮށްފައެވެ. ދީމާ ފުރަތަމަ ގޭމް ކާމިޔާބުކުރީ 3-0 ން އަދި ފަހު ގޭމް 3-2 ނެވެ. ފުރަތަ ގޭމުން ބަލިވި ނަމަވެސް ރަފާވެސް އޭނާ ކުޅުނު ދެވަނަ ގޭމް ކާމިޔާބުކުރިއެވެ. ޖުމާނާ ކުޅުނު ގޭމުން 3-1 ސެޓުންވީ ބައްޔެވެ. ފުރަތަމަ ގޭމްގައި 3 ސެޓުންވެސް ރަފާ ބަލިވީ 8-11 ނެވެ.

ދެވަނަ ގޭމް ދީމާ ކާމިޔާބުކުރީ 11-9، 11-7 އަދި 11-7 ނެވެ. ތިންވަނަ ގޭމުން ޖުމާނާ ބަލިވީ ތިން ސެޓް އެއް ސެޓުންނެވެ. އެއީ 5-11، 11-8، 7-11 އަދި 6-11 ނެވެ. ހަތަރުވަނަ ގޭމް ރަފާ ކާމިޔާބުކުރީ 11-6، 13-11 އަދި 15-13 ނެވެ. ފަހުގޭމް ވާދަވެރި ކުޅުމަކަށްފަހު ދީމާ ކާމިޔާބުކުރީ 3-2 ސެޓުންނެވެ. އެއީ 7-11، 11-5، 11-8، 8-11 އަދި 12-10 ނެވެ.

މެޔޯޓް އަތުން ރާއްޖެ މޮޅުވި މެޗުގައި ތިން ކުޅުންތެރިންވެސް ގޭމް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ގޭމް ރަފާ ކާމިޔާބުކުރީ 11-3، 11-6، އަދި 11-3 ނެވެ. ދެވަނަ ގޭމް ދީމާ ކާމިޔާބުކުރީ 11-3، 11-5 އަދި 11-6 ނެވެ. ތިންވަނަ ގޭމް މުއީނާ ކާމިޔާބުކުރީ 11-7، 11-3 އަދި 11-2 ނެވެ.

ސެމީފައިނަލްގައި ރާއްޖޭގެ އަންހެން ޓީމް ވާދަކުރާނީ ގްރޫޕް ބީގެ ދެވަނަ މަޑަގަސްކަރައާއެވެ. 2015 ވަނަ އަހަރުގެ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމް ވަނީ ޓީމް އިވެންޓްގެ ލޯ މެޑަލް ހޯދާފައެވެ. އެފަހަރުގެ ގޭމްސްގައި ރާއްޖޭގެ ޓީމްގައި ދީމާއެއް ނުހިމެނެއެވެ. ދީމާއާއެކު އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް ސެމީން ޖާގަ ހޯދުމުން އަންހެން ޓީމް ރަން މެޑަލް ހޯދާނެކަމަށް ކުރާ އުއްމީދު ބޮޑެވެ.

Leave a Reply

Your email address will not be published.

haftha.mv ©