.
21 July 2019
މަޤްބޫލު ޙަބަރު

އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމް ރަން މެޑަލް ހޯދައިފިއެވެ.

އަންހެން ޓީމް ރަންމެޑަލް ހޯދީ ގޭމްސް ކުރިއަށްދާ މޮރިޝަސްއާ ވާދަކޮށް 3-2 ގޭމުން ކުރި ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖްގައިވެސް 2015 ވަނަ އަހަރުގެ ގޭމްސްގެ ޗެމްޕިއަން މޮރިޝަސްގެ މައްޗަށް ކުރި ހޯދުމަށްފަހު ފައިނަލްގައި ރާއްޖޭގެ އަންހެން ޓީމުން ކުރި ހޯދީ ވާދަވެރި ކުޅުމަކަށްފަހުއެވެ.

ފުރަތަމަ ގޭމް އުއްމީދީ ޒުވާން ކުޅުންތެރިޔާ ފާތިމަތު ދީމާ އަތުން ގެއްލިފައިވަނިކޮށް، ރާއްޖެއަށް ހިތްހަމަޖެހުން ގެނެސްދިނީ ޒުވާން ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ދެވަނަ ގޭމް ހޯދައިގެންނެވެ. ފުރަތަމަ ގޭމް ދީމާއަށް ގެއްލުނީ 9-11، 2-11، 12-10 އަދި 6-11 ނެވެ. ދެވަނަ ގޭމް ރަފާ ކާމިޔާބުކުރީ ފުރަތަމަ ސެޓް ގެއްލިފައިވަނިކޮށް، ހިތްވަރު ހޯދައިގެން 3-2 ސެޓުންނެވެ. ރަފާ ގޭމް ކާމިޔާބުކުރީ 9-11، 12-10، 11-7، 3-11 އަދި 11-9 ނެވެ.

ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުޙައްމަދު ތިންވަނަ ގޭމްގައި ބަލިވުމުން ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ދީމާއަށް އިތުރު ހިތްވަރެއްލާން މަޖުބޫރުވިއެވެ. މުއީނާ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ 1-11، 8-11 އަދި 12-14 ނެވެ. ނަމަވެސް ހަތަރުވަނަ ގޭމްގައި ދީމާ ވަނީ ތިން ސެޓް އެއް ސެޓުން މޮޅުވެ ގޭމް ކާމިޔާބުކޮށްފައެވެ. މިގޭމްގައި ދީމާއަށް ގެއްލުނީ ފުރަތަމަ ސެޓެވެ.

ފަހު ގޭމަށް ނިކުތީ ރަފާއެވެ. ފުރަތަމަ ދެ ސެޓް 11-6، 11-5 ން ކާމިޔާބުކުރުމުން ސީދާ ތިން ސެޓުން މޮޅުވީކަމަށް އުއްމީދުކޮށްގެން ތިއްބާ ތިންވަނަ ސެޓް މޮރިޝަސް ކުޅުންތެރިޔާ 10-12 ން ގެންދިއުމުން ރަން މެޑައްޔަށް ކުރަމުން އައި އިންތިޒާރު ދިގުވިއެވެ. ހަތަރުވަނަ ސެޓް ކާމިޔާބުކޮށް ރަފާ ވަނީ ރަން މެޑަލް ކަށަވަރުކޮށްދީފައެވެ. ހަތަރުވަނަ ސެޓް ރަފާ ކާމިޔާބުކުރީ 13-11 ނެވެ.

Leave a Reply

Your email address will not be published.

haftha.mv ©