.
03 August 2019
މަޤްބޫލު ޙަބަރު

ބޮޑުތަފާތަކުން ނިލަންދޫ ސްޕޯޓްސް ބަލިކޮށް ކްލަބު ގްރީން ސްޓްރީޓްސް މުބާރާތުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ދިވެހި ޕްރިމިއާ ލީގު ބޮޑު ބްރޭކަކަށް ފަހު މިއަދު މުބާރާތުގެ ކުޅުން ފެށިއިރު، މެޗުން ގްރީން ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ރާއްޖޭގެ އެއްވަނަ ފޯވާރޑް އަލީއަޝްފާގު ހެޓްރިކް ހެދި މިމެޗްގައި ގްރީންއިންގެ ފުރަތަމަ ލަނޑުވެސް އެޓީމަށް ޖަހައިދިނީ މެޗްގެ ހަތްވަނަ މިނިޓްގައި ކެޕްޓަން އަޝްފާގު (ދަގަނޑޭ) އެވެ. ނިލަންދޫގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި އަހުމަދު ރަޝީދު (އައްމަޑޭ) ގެ އެހީއާއެކު މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ރިޒުހާން (ރިޒްކޮ) އެވެ.

ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް މުހައްމަދު އުމެއިރު ވަނީ ގްރީންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. 64 ވަނަ މިނެޓުގައި ޑިފެންޑަރު މަހުމޫދު ދިން ޕާހަކުން ދަގަނޑޭ ގްރީންގެ ހަތަރުވަނަ ގޯލް ޖެހިއިރު، އޭގެ 9 މިނެޓު ފަހުން ދަގަނޑޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ މިފަހަރުގެ ސީޒަނުގައި ދަގަނޑޭ ހެދި ފުރަތަމަ ހެޓްރިކެވެ. ގްރީންގެ ހަވަނަ ގޯލް މެޗުގެ 82 ވަނަ މިނެޓުގައި ދަގަނޑޭ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީނެވެ.

މިއަދުގެ މެޗުން މޮޅުވެ ގްރީން ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެޓީމަށް 8 ޕޮއިންޓު ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޓީސީއަށްވެސް ވަނީ 8 ޕޮއިންޓު ލިބިފައެވެ. ގްރީންއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©