މުޙައްމަދު އިބްރާހިމް
30 August 2019
މަޤްބޫލު ޙަބަރު

ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ އަންހެން ދަރިފުޅު ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އުމުރުން ނުވަ އަހަރުގެ ޒާނާ މާޓިނޭޒް މަރުވީ ކަށީގެ ކެންސަރު ބަލީގައެވެ. އެ ބަލީގައި އެންރީކޭގެ ދަރިފުޅު ވޭތުވެދިޔަ ފަސް މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

“ތިޔަ ދަރިފުޅު ވާނީ އަހަރެމެންގެ އާއިލާއަށް މަގު ދައްކައިދޭ ތަރިއަކަށް. އަހަރެމެން ދަރިފުޅު މަތިން ވަރަށް ބޮޑަށް ހަނދާންވޭ. އަދި މުސްތަގްބަލުގައި އަލުން ދިމާވާނެ ކަމުގެ އުއްމީދާއެކު ދިރިއުޅުމުގެ ކޮންމެ ދުވަހަކު ދަރިފުޅުގެ މަތިން ހަނދާން ކުރާނަން،” ދަރިފުޅު މަރުވިކަން އިއުލާންކުރަމުން އެންރީކޭ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމުން ކުއްލި ގޮތަކަށް އެންރިކޭ އިސްތިއުފާ ދިނީ ވެސް ދަރިފުޅުގެ ބަލި ހާލަތު ހުރިގޮތުން ދަރިފުޅަށް ވަގުތު ދިނުމަށެވެ.

އެންރީކޭގެ ދަރިފުޅު މަރުވުމާ ގުޅިގެން ފުޓްބޯޅަ އާއިލާއިން ދަނީ ލިބުނު ހިތާމައިގައި ބައިވެރިވަމުންނެވެ.

އެގޮތުން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުންނާއި އެ ކުލަބާއެކު އެންމެ ގިނަ ކާމިޔާބީއެއް ހޯދި ބާސެލޯނާގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑާއި އެންރިކޭ ކުރިން މެނޭޖަރުކަން ކުރި އޭއެސް ރޯމާއިން ވެސް އެންރީކޭގެ އާއިލާއަށް ވަނީ ތައުޒިޔާ ކިޔާފައެވެ.

އަދި އެންރީކޭގެ ހިތާމައިގައި ބައިވެރިވާ ކަމަށް ބާސެލޯނާ އާއި އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އާއި ސްޕެއިންގެ ބޮޑުވަޒީރުގެ އިތުރުން ޓެނިސް ކުޅުންތެރި ރަފައެލް ނަޑާލް ވެސް ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©