މުޙައްމަދު އިބްރާހިމް
07 September 2019
މަޤްބޫލު ޙަބަރު

ގައުމީ ވާޖިބަށް ގޮވާލާ ކޮންމެ ފަހަރަކު 100 ޕަސެންޓް ދޭނެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

ދަގަނޑޭ މިހެން ބުނެފައިވަނީ، މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިކުރުމަށްފަހު މިހާތަނަށް ފުރުސަތެއް ނުދީ ހުރުމަށްފަހު، ގައުމީ ސްކޮޑަށް އަލުން ފުރުސަތު ދިނުމުން ކުރި ޓުވީޓެއްގައެވެ.

ޗައިނާއާ ދެކޮޅަށް ގައުމީ ޓީމުން ރާއްޖޭގައި ކުޅޭ މެޗަށް އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑްގައި ދަގަނޑޭ ވަނީ ހިމަނައިފައެވެ. އަދި އެ މެޗަށް ގައުމީ ޓީމުން ހޮޓެލް ޖެންގައި މިރޭ ކޭމްޕުކުރިއިރު ދަގަނޑޭ ވެސް ވަނީ ޓީމާއެކު ބައިވެރިވެއެވެ.

ޓީމުގެ ބައެއް ކުޅުންތެރިންނާއެކު ނެގި ސެލްފީއަކާއެކު ދަގަނޑޭ ކުރި ޓުވީޓްގައި ބުނީ، އެނބުރި އައިސްފައިވާ ކަމަށެވެ. އަދި އޭނާއަށް ދިން ހިތްވަރާއި ލޯތްބަށް ޓުވީޓްގައި ޝުކުރު އަދާކޮށްފައިވެއެވެ.

“އިންޝާﷲ ގައުމީ ވާޖިބަށް ގޮވާލާ ކޮންމެ ފަހަރަކު 100 ޕަސެންޓް އަބަދުވެސް ދޭނަން،” ދަގަނޑޭގެ ކުރު ޓުވީޓްގައި ބުނެފައިވެއެވެ.

ގައުމީ ޓީމަށް ދަގަނޑޭ މިރޭ ނެގިއިރު، އޭނާ މީގެ ކުރިން ވަނީ ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނެ ކަމަށް ބުނެފައެވެ. އަދި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމިހުރުން ކަމަށެވެ.

ދަގަނޑޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ކޯޗު ޕީޓާ ސެގާޓް ފުރުސަތު ގެއްލުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުންނެވެ. އަދި އޭގެ ފަހުން ކޯޗު، ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©