މުޙައްމަދު އިބްރާހިމް
18 September 2019
މަޤްބޫލު ޙަބަރު

ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސާޝިޕް އެގްރިމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސްޕޮންސާޝިޕް އެގްރިމަންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރެވެ.

ބީއެމްއެލް އިން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގެ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ސޮއިކުރި ސްޕޮންސާޝިޕް އެގްރިމަންޓެއް ކަމަށެވެ.

އެގޮތުން އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް ޓެނިހުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެމްޕިއަންޝިޕް މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ގައުމީ ޓެނިސް ޗެމްޕިއަންޝިޕަކީ މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ސޯޔާ ވިދާޅުވީ، ޓެނިސް އެސޯސިއޭޝަންއާއެކު މިއަދު ސޮއިކުރި އެއްބަސްވުމަކީ ބޭންކަށް ވަރަށް މުހިންމު އަދި ހާއްސަ ސްޕޮންސާޝިޕެއް ކަމަށެވެ.

“މިއީ ބޭންކަށް ވަރަށް މުހިންމު އަދި ހާއްސަ ސްޕޮންސަޝިޕެއް. މި އަހަރަކީ ގައުމީ ޓެނިސް ޗެންޕިއަންޝިޕް ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރަށް ވުމާއެކު ވެސް މި ސްޕޮންސަޝިޕް އިތުރަށް ހާއްސަ ވެގެންދޭ. މި ކުޅިވަރު މަގުބޫލު ވެގެންދާއިރު، އެސޯސިއޭޝަނުން ތަމްރީނު ކުރަމުން މިދަނީ ޒުވާން މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އަދި އެސޯސިއޭޝަންއަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” ސޯޔާ ވިދާޅުވިއެވެ.

ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސާޝިޕް އެގްރިމަންޓެއްގައި ބީއެމްއެލް އިން މިއަދު ސޮއިކުރިއިރު، އެ ބޭންކުން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޔޫތް ޑިވެލޮޕްމަންޓް ޕާޓްނަރުގެ އިތުރުން ސުވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ނޭޝަންވައިޑް ޕާޓްނަރަކީ ވެސް ބީއެމްއެލްއެވެ.

Leave a Reply

Your email address will not be published.

haftha.mv ©