މުޙައްމަދު އިބްރާހިމް
29 September 2019
މަޤްބޫލު ޙަބަރު

ނޭޕާލްގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ހޯދައިފިއެވެ.

ތިން ވަނަ ހޮވަން މިއަދު ކުޅުނު މެޗުގައި ބޫޓާންގެ މައްޗަށް ރާއްޖޭގެ ޓީމުން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއަކީ ރާއްޖޭގެ ޒުވާން ޓީމަކުން ސާފް މުބާރާތެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު ބޭއްވި ސާފް މުބާރާތުން ރާއްޖޭގެ ޓީމް ކުޅުނު ހުރިހާ މެޗަކުން ބަލިވިއިރު ގޯލެއް ވެސް ޖެހިފައެއް ނުވެއެވެ. މިފަހަރުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ނޭޕާލާއި ބޫޓާން ދެކޮޅަށް ކުޅެ އެއްވަރު ކޮށް، ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލުން އިންޑިއާ އަތުން 0-4 އިން ބަލިވިއެވެ.

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މިއަދު ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދެވަނަ ހާފުގައި ރާއްޖޭން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ބޫޓާނުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

އެގޮތުން މެޗުގެ 75 ވަނަ މިނެޓްގައި ރާއްޖޭން ލީޑު ނެގިއެވެ. އެ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އިމްރާނެވެ. މި ގޯލަށްފަހު ވެސް ރާއްޖޭން ވަނީ ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ވެސް ތަނަވަސްކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©