މުޙައްމަދު އިބްރާހިމް
02 October 2019
މަޤްބޫލު ޙަބަރު

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓަރީން ބޭއްވި ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދީ، މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން މަޖީދިއްޔާ ސްކޫލު ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ތިން ވަނަ ހޯދީ އިމާދުއްދީން ސްކޫލެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ގިޔާޒުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ގާޒީ ސްކޫލުގެ މުހައްމަދު އައިހަމް އިބްރާހީމެވެ.

މިއަދު ހަވީރު ބޭއްވި އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ ބައެއް ވެރިންނާއި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ވެސް ބައިވެރިވިއެވެ.

މިއަދުގެ މުބާރާތުގައި ޑްރީމް ޓީމުގައި ހިމެނުނު ނުވަ ކުޅުންތެރިންގެ ނަން ވެސް ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ޑްރީމް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ދެ ސްޓްރައިކަރުން ކަމަށްވާ ޝާއިން އިބްރާހިމް ރަމީޒާއި މުހައްމަދު އައިހަމް އިބްރާހީމް، އެޓޭކިން މިޑްފީލްޑަރު/ އީތަން އިބްރާހިމް ޒަކީ، ހޯލްޑިންގް މިޑްފިލްޑަރު/ ހުސެއިން އާއިޝް އަބްދުލް ވާހިދު، ރައިޓް ބެކް/ މުހައްމަދު އައިލަމް އިބްރާހިމް، ލެފްޓް ބެކް/ އަހުމަދު ކައިމް ގަޔާޝް، ސެންޓްރަލް ޑިފެންޑަރުގެ ގޮތުގައި އިސްމާއިލް އުލްވީ ސޯދިގާއި ނަޝީމް އަހުމަދު ޝިޔާމް އަދި ގޯލްކީޕަރެއްގެ ގޮތުގައި އިސްމާއިލް އިނާން ހަމްޒާއެވެ.

މި ޓީމަށް އަންނަ އަހަރުގެ ފެބްރުއަރީމަހު ދުބާއީގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް ކަޕުން ފުރުސަތު ލިބިގެންދާނެއެވެ. އެ މުބާރާތުގައި އެޓީމު ވާދަކުރާނީ ރާއްޖޭގެ ގައުމީ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޮތުގައެވެ. ދުބާއީގައި ބާއްވާ އެ މުބާރާތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް ފަދަ ކްލަބުތަކުގެ އެކަޑަމީތަކުން ބައިވެރިވާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©