މުޙައްމަދު އިބްރާހިމް
11 October 2019
މަޤްބޫލު ޙަބަރު

ރ. އަލިފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލިފުށި އޯލް މެމްބާސް އިންޓެގުރޭޓެޑް އަމިޓީ އެސޯސިއޭޝަން (އާމިއާ) އިން އިންތިޒާމް ކޮށްގެން އެރަށުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އާމިއާ ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް މިއަހަރު ވެސް ބިދަބިން ބޮޑުބެރު ގުރޫޕް ހަމަޖައްސައިފިއެވެ.

މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވަން ފެށި އާމިއާ ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ބިދަބިން ހަމަޖެއްސުމުން މިއަހަރު އެ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ބިދަބިން އާމިއާ ފުޓްސަލް ޗެލެންޖު 2019 ގެ ނަމުގައެވެ.

އާމިއާ ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ބިދަބިން ހަމަޖެއްސުމަށް ރޭ ބިދަބިން ސްޓޫޑިއޯގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބިދަބިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާސިމް (އާއްކޮ)އެވެ.

އާމިއާ ފުޓްސަލް ޗެލެންޖުގެ ފަރާތުން ސޮއިކުރެއްވީ ނައިބް ރައީސް އިބްރާހިމް އަޒްމީއެވެ.

ރޭގެ ރަސްމިއްޔާތުގައި އާމިއާ ފުޓްސަލް ޗެލެންޖުގެ އިވެންޓް ޕާޓްނަރަކަށް ސައިޓް އެންޑް ސައުންޑް ވެސް ވަނީ ހަމަޖައްސައިފައެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ސޭލްސް އެންޑް ކޮމިއުނިކޭޝަން ހަސީން ޝަފީއުއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާއްކޮ ވިދާޅުވީ، ބިދަބިން އަކީ އަބަދުވެސް ކުޅިވަރާއި އިޖްތިމާއީ ކަންކަމަށް ޝައުގުވެރިކަން ހުންނަ އަދި މިކަހަލަ ކަންކަމުގައި އެހީވާން ބޭނުންވާ ބައެއް ކަމަށެވެ.

އަދި ބިދަބިންގެ އެންމެ ބޮޑު މަގްސަދަކީ މިއުޒިކް އާއި ކުޅިވަރުގެ ތެރެއިން ފަރުދުންެ މެދުގައި އެކުވެރިކަމާއި ރިވެތި އަހުލާގު އަށަގެންނެވުން ކަމަށާއި އެހެންކަމުން ޒުވާނުންގެ ހުނަރުތައް ކުރިއެރުވުމުގައި ބިދަބިންގެ ސަޕޯޓް އަބަދުވެސް ލިބޭނެ ކަމަށް އާއްކޮ ވިދާޅުވިއެވެ.

އާމިއާގެ ނައިބް ރައީސް އަޒްމީ ވިދާޅުވީ، ބިދަބިން ކަހަލަ ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޭންޑެއް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ވުމަކީ މުބާރާތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި އެކަމުން އެނގެނީ ބިދަބިން އިން ދިވެހި ޒުވާނުންނާއި ކުޅިވަރަށްދޭ އަހައްމިއްޔަތުކަން ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސައިޓް އެން ސައުންޑް ކަހަލަ ބަޔަކު އިވެންޓް ޕާޓްނަރަކަށް ލިބުމަކީ މުބާާރާތް އިތުރަށް ކުލަ ގަދަވެގެން ދާނެ ކަމެއް ކަމަށާއި މުބާރާތުެ ކޮންމެ އިވެންޓެއް ވެގެންދާނީ ގުރޭންޑް އިވެންޓެއްގެ ގޮތުގައި ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©