Fri, 5 June, 2020, 10:28 am
ފެނަކަ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން ކަން އަންބީޓަބަލް ޔެލޯސް އަށް، ރާނީ އަކަށް ޝަނާ
21

ފެނަކަ ކޯޕަރޭޝަންގެ ހަތް ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ބޭއްވި ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން ކަން އަންބީޓަބަލް ޔެލޯސް އިން ހޯދައިފިއެވެ.

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ އިސްނެންގެވުމަކަށް ފެނަކަ ރިކްރިއޭޝަން ކުލަބުން އިންތިޒާމް ކުރި މި މުބާރާތަކީ ފެނަކައިގެ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ.

އެގޮތުން ހަތަރު ޓީމުން ޖުމްލަ 45 މުވައްޒަފުން ބައިވެރިވެގެން އެއްދުވަހުގެ މުބާރާތެއް ގޮތަށް ހުޅުމާލެ ފުޓްސަލް ގްރައުންޑުގައި ބޭއްވި އެ މުބާރާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ އެމްޑީ ސައީދެވެ.

“އެފްއާރުސީ ހޭންޑްބޯލް ޓޯނަމަންޓް”ގެ ނަމުގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަން ކަން އަންބީޓަބަލް ޔެލޯސް އިން ހޯދީ ރޭ ކުޅުނު ފައިނަލްގައި 4-3 ގެ ނަތީޖާއަކުން ލޮޓަސް ބަލިކުރުމަށް ފަހުއެވެ.

އެ ޓީމަށް ތައްޓާއެކު 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިއިރު އިނާމު ހަވާލު ކޮށްދެއްވީ އެމްޑީ ސައީދެވެ.

ރަނަރަޕް އަށް ހޮވުނު ލޮޓަސް އަށް ދީފައިވަނީ 3000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އަސްލު ޗެމްޕިއަންއެވެ. އެ ޓީމަށް ވެސް ވަނީ 1000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މުބާރާތް ނިންމައި ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ހަފްލާގައި ”ކުއީން އޮފް ދަ ޓޯނަމަންޓް” އަކަށް ހޮވުނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި އަންބީޓަބަލް ޔެލޯސްގެ ހައްވާ ޝަނާއެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ މަރިޔަމް އިފްހާމާ ޔޫސުފެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން ވެސް ހޮވައި އެ ކުޅުންތެރިންނަށް ޓްރޮފީ އާއި ސެޓްފިކެޓް ވަނީ ދީފައެވެ. މުބާރާތުގެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ އައިޝަތު ޖައުދާ، މަރިޔަމް ނާޝިއާ އަހުމަދު، މަރިޔަމް ދީނާ ސޯލިހު އަދި އާސިޔަތު އިބްރާހީމެވެ.

Leave a comment

Your email address will not be published.