މުޙައްމަދު އިބްރާހިމް
01 November 2019
މަޤްބޫލު ޙަބަރު

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް 17 އަހަރު ބެލެހެއްޓި، އަދި ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން މިއަހަރު ގައުމީ އިނާމް ހާސިލްކުރި އިމްރާންގެ ފޭސްބުކް ޕޯސްޓެއްގައި ބުނީ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމާފައިވާ ކަމަށާއި މިއީ އެ ފިޔަވަޅު އަޅަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ހުރިހާ ކަމެއް ހާސިލް ކުރެވުނީ ސަޕޯޓަރުންެ ހިތްވަރުން ކަމަށާއި އެހެންކަމުން އެ އެންމެންނަށް އިމްރާންގެ ޕޯސްޓުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

“އަހަރެން އުންމީދުކުރަނީ ޒުވާން ހުނަރުވެރި ގިނަ ގޯލްކީޕަރުން ތިބޭނެ ކަމަށް. އަހަރެންގެ ހެޔޮއެދުންތައް ދިވެހި ފުޓްބޯޅަ އާއިލާއާއެކު އަބަދުވެސް އޮންނާނެ. ދިވެހި ފުޓްބޯޅައިގެ އާ އަރުފަތަކަށް އެރުމުގެ ތައުފީގު މާތްﷲ ދެއްވާށި. އާމީން،” އިމްރާން ފޭސްބުކުގައި ލިޔެފައިވެ އެވެ.

މީގެ ތިން އަހަރު ކުރިން 2016 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރި އިމްރާން އެއްކޮށް ކުޅުން ހުއްޓާލީ އޭނާ މިހާރު ކުޅެމުން އަންނަ ޓީސީ ސްޕޯޓްސް އިން މުސާރަ ނުލިބޭތީ އެ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ސީޒަނުގެ މެދަކާ ހަމައިން އުވާލުމަށް ފަހުއެވެ.

Leave a Reply

Your email address will not be published.

haftha.mv ©