• Wed, 8 July, 2020, 12:45 am

  ގުއާމް ކޮޅަށް ތިން ލަނޑު ޖަހައިގެން މޮޅުވެ، ރާއްޖެއަށް މުހިންމު ތިން ޕޮއިންޓް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ގުއާމްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން މޮޅުވެ، މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ.

  މިއަދުގެ މެޗު ރާއްޖެއިން ކާމިޔާބު ކުއިއިރު، ގުއާމާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗު ވެސް ރާއްޖެއިން ވަނީ ކާމިޔާބު ކޮށްފައެވެ. އެ މެޗުން ރާއްޖެ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

  އަމިއްލަ ދަނޑުގައި ގުއާމް އަތުން ހޯދި ތިން ޕޮއިންޓާއެކު ރާއްޖެއަށް އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން ސީދާ ޖާގައެއް ހޯދުމުގެ އުއްމީދު ވަނީ އާވެފައެވެ. އެގޮތުން މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ ވަނީ ހަތަރު ވަނައިގައި ހަ ޕޮއިންޓް ހަމަކޮށްފައެވެ.

  މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ކޯޗު ޕީޗާ ސެގާޓް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުދިން އަލީ އަޝްފާގު (ދަގަނޑޭ) އާއި ނާއިޒް ހަސަން (ދާދު) އަދި އަހުމަދު ރިޒްވާން (ރިޒޭ) އަށް ފުރުސަތު ދީފައެވެ.

  ފުރަތަމަ ހާފުގެ ކުރީކޮޅު ރާއްޖެއިން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ގުއާމުން ވަނީ މެދު ތެރެއަސް ވަދެ ނުރައްކާކޮށްފައެވެ.

  ނަމަވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ ރާއްޖޭންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ދަގަނޑޭ ނަގައިދިން ކޯނަރަކުން ހުރަސްކުރި ބޯޅައަށް ފުންމައިގެން އަރައި ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން އެ ލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ސަމޫހު އަލީ (ސަމުއްޓެ)އެވެ.

  އެގޯލަށްފަހު ކުދަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ދަނޑުން ބާލައިފައެވެ. އޭނާގެ ބަދަލުގައި އެރުވީ ހައިޝަމް ހަސަނެވެ.

  ރާއްޖެއަށް މެޗުގައި ލީޑު ފުޅާވީ ގުއާމް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އެ ގޯލުގެ މޭސްތިރިއަކަށްވީ ހައިޝަމްއެވެ. އެ ލަނޑު ވަނީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުހަށްހުރި ދަގަނޑޭއަށް ހައިޝަމް އަރިމަތިން ހުރަސްކުރި ބޯޅަ ގުއާމުގެ ޓްރަވިސް ނިކޮލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލުގެ ތެރެއަށް ވަދެގެންނެވެ.

  ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސް ރާއްޖެއަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު ލިބުނެވެ. އެގޮތުން ރިޒޭ އޭރިއާ ބޭރުން ގުއާމުގެ ގޯލަށް ފޮނުވާލި ބާރު ހަމަލާ އެޓީމުގެ ގޯލްކީޕަރު ހިފިއިރު، ދާދު ދިން ބޯޅައަކުން ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

  މެޗުގެ ފުރަތަމަ ހާފު 2-0 އިން ރާއްޖެ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ގުއާމުން ލަނޑެއް ޖެހިއެވެ. އަރިމަތިން ނެގި ހުރަހެއް އޭރިއާ ތެރެއިން ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށް ވައްދާލައިގެން އެ ލަނޑު ގުއާމަށް ކާމިޔާބު ކޮށްދިނީ ޖޯން މަޓްކިންއެވެ.

  މި ލަނޑަށްފަހު ގުއާމުގެ ކުޅުން ލަސްކޮށް ފެނުނު ނަމަވެސް، ރާއްޖެއިން މެދުތެރޭގެ ކޮންޓްރޯލް ނަގައި އަނެއްކާ ވެސް ގުއާމުގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ.

  އެގޮތުން ދަގަނޑޭ ދިން ބޯޅައަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހަމަލާއެއް އުފައްދަން އުޅުނުއިރު، ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ހުސްކޮށްހުރެ ރިޒޭ ގޯލަށް ބޯޅަ ފޮނުވާލި ނަަމަވެސް އެރީ ގުއާމުގެ ގޯލްކީޕަރު އަތަށެވެ.

  މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ދެ ބަދަލެއް ގެނައެވެ. އެއީ ދާދުގެ ބަދަލުގައި ގައުމީ ސްކޮޑުގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިޔާ ހަސަން ނަޒީމް (ޗޯޓް) ކުޅެންއެރިއިރު، ރިޒޭގެ ބަދަލުގައި ކުޅެން އެރީ އަލީ ފާސިރު (ސެންޓޭ)އެވެ.

  މެޗުގައި ރާއްޖެއިން ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދަނިކޮށް އުފެއްދި ކައުންޓާ އެޓޭކަކުންނެވެ. އެގޮތުން ދަގަނޑޭ އަށް ދިން ބޯޅައެއް އޭނާއަށް އަތުނުވެ ގުއާމުގެ ގޯލްކީޕަރަށް ލިބުނު ނަމަވެސް، އޭނާ ދިފާއުކުރަން ޖެހި ބޯޅަ ދަގަނޑޭގެ ގައިގައި ޖެހިފައި ގޮސް ވަނީ ގޯލަށެވެ.

  ރާއްޖޭން އޭޝިއަން ކަޕް ކޮލިފައިންގައި މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު މޮޅުވީ ރަށުން ބޭރުގައި އަދި އަމިއްލަ ދަނޑުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

  ބާރަ ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައި އޮތް ސީރިއާ، އަދި ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތް ޗައިނާ އަދި ފިލިޕީންސް އަތުން ރާއްޖެވީ ބައްޔެވެ.

  ރާއްޖޭން ދެން ކުޅެން ޖެހޭނީ ރަށުން ބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށެވެ. މާލޭގައި ދެން މެޗެއް ކުޅޭނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސީރިއާއާ ދެކޮޅަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.