Sun, 26 January, 2020, 10:02 am
ސާއިދު ހޯދި ތާރީހީ ކާމިޔާބީއަށް ރައީސްގެ މަރުހަބާ އާއި ހިތްވަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއަށް ގުޅުއްވައި، ސައުތު އޭޝިއަން ގޭމްސްގައި އޭނާ ހޯދި ތާރީހީ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ސާއިދު ވަނީ، މިހާރު ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގައި ފައިނަލްގައި ވާދަކޮށް، ރަން މެޑަލް ހޯދައިފައެވެ. މިއީ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރު ވީ ތާރީހުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑައްޔެއް ލިބުނު ފަހަރެވެ.

އެ ތާރީހީ ކާމިޔާބީއާ ގުޅިގެން ސާއިދުއަށް ފޯނުން ގުޅުއްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ސާއިދު ހޯދި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމުގައި ވިދާޅުވިއެވެ.

އަދި ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ސާއިދު ދައްކަމުން ގެންދާ ހިތްވަރަށް ސާބަސްދީ އޭނާ ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައި ރައީސް ވަނީ ސާއިދު ކުރަމުންގެންދާ މަސައްކަތާމެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތުގައި ދެމިހުންނަން އިޝާރު ދެއްވައި ކުރިއަށް އޮތް ތަނުގައި ގަދައަޅައި މަސައްކަތް ކުރުމަށް ސާއިދުއަށް ރައީސް ހިތްވަރު ދެއްވިއެވެ.

ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ރަން މެޑަލް ހޯދީ 10.49 ސިކުންތުން ދުވެގެންނެވެ. ދެވަނަ ހޯދީ އެންމެ ފަހުގެ ގޭމްސްގައި ރަން މެޑަލް ހޯދި ސްރީ ލަންކާގެ ހިމާޝާ އީޝާންއެވެ. އޭނާގެ ވަގުތަކީ 10.50 ސިކުންތެވެ. އަދި ލޯ މެޑަލް ހޯދީ 10.66 ސިކުންތުން ދުވުން ފުރިހަމަކުރި ޕާސްކިތާނުގެ ސާމީ އުއްލާއެވެ.

މިފަހަރުގެ ގޭމްސް އިން ސާއިދު ރަން މެޑަލް ހޯދިއިރު، އެންމެ ފަހުގެ ގޭމްސްގެ 100 މީޓަރު ދުވުމުގައި ވާދަކޮށް އޭނާ ވަނީ ރިހި މެޑަލް ހޯދައިފައެވެ.

Leave a comment

Your email address will not be published.