Wed, 29 January, 2020, 3:27 am
އެލްޖީގެ ބަލިކޮށް ފެޑެރޭއިން ބިދަބިން އާމިއާ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފި

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށްދިޔަ އެފްސީ އެލްޖީ ބަލިކޮށް، ބިދަބިން އާމިއާ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ފެޑެރޭ އިން ހޯދައިފިއެވެ.

ރ. އަލިފުށީގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލިފުށި އޯލް މެމްބާސް އިންޓަގްރޭޓެޑް އެމިޓީ އެސޯސިއޭޝަން (އާމިއާ) އިން އިންތިޒާމު ކޮށްގެން އެރަށު ޒުވާނުންނަށް ބާއްވާ އާމިއާ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ފެޑެރޭ އިން ހޯދީ ރޭ ކުޅުނު ފައިނަލު މެޗުގައި އެލްޖީ އަތުން 0-2ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މިއަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އެލްޖީ ކޮޅަށް ފެޑެރޭ އިން ޖެހި ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ އަލީ މާއިސް (މައްޓު)އެވެ.

މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ ތައްޓާއި އިނާމު ހަވާލުކޮށްފައެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ 20 އަހަރަށްފަހު ދާދި ފަހުން ފުޓުބޯޅައިން ރިޓަޔާކުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު، ފެޑެރޭއަށް ތައްޓާއި މެޑަލް އަދި 25000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާއިރު، ރަނަރަޕް އެލްޖީއަށް ތައްޓާއި މެޑަލް އަދި 10،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ އަފާން ސްޕޯޓްސްއެވެ. އަދި ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެނީލާ ސްޕޯޓްސް ކުލަބުގެ މުހައްމަދު ޝަފީއުއެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ވެނީލާ ސްޕޯޓްސް ކުލަބުގެ އާދަމް ފިރާޝެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ފެޑެރޭގެ އިބްރާހިމް ފުރުގާން އާއި އަހުމަދު ވިޖުދާންގެ އިތުރުން އެލްޖީގެ އަބްދުﷲ ޒިޔާން އަދި ހުސެއިން ރައުޝާން އަދި އަފާން ސްޕޯޓްސްގެ އާދަމް އިމްރާނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފެޑެރޭގެ އިބްރާހިމް ފުރުގާން ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ އަބްދުﷲ ރަޝީދެވެ. އޭނާ ވަނީ މުބާރާތުގައި 12 ލަނޑު ކާމިޔާބު ކޮށްފައެވެ.

އޭގެ އިތުރުން މިއަހަރުގެ މުބާރާތުގައި 35 އަހަރުން މަތީގެ މީހުން ހިމަނައިގެން އެކުލަވާލި އެފްސީ ލޯންޗު ހިޔަނި ޓީމަށް، އެކަމުގެ އަގު ވަޒަންކޮށް، އާމިއާގެ ފަރާތުން ވަނީ ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ލިޔުމެއް އަރުވައިފައެވެ.

އާމިއާ ފުޓްސަލް ޗެލެންޖަކީ އާމިއާގެ ފަރާތުން އަލިފުށީގެ ޒުވާނުންނަށް ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކުރުވުމަށާއި ރާއްޖޭގަައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ވާދަކުރެވޭވަރުގެ ކުޅުންތެރިން އުފައްދައި، އެއްބައިވަންތަ ޖީލެއް ބިނާކޮށް، އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ރާއްޖޭގެ ޒުވާން ހުނަރުވެރި ބޮޑުބެރު ގުރޫޕް ބިދަބިން ބޮޑުބެރު ގުރޫޕެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑެވެ. ކޯ-ސްޕޮންސަރަކީ ހޭންޑީއެވެ. މުބާރާތުގެ އިވެންޓް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑެވެ. މީޑިއާ ޕާޓްނަރަކީ ޗެނަލް 13 އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހަފްތާއެވެ. އަދި ފުޑް އެންޑް ބެވަރޭޖްސް ޕާޓްނަރަކީ ޕެޕިނޯ އެލް ކެފޭ އަދި ޓްރެވެލް ޕާޓްނަރަކީ ރަމްޒު ސްޕީޑެވެ.

އާމިއާ އިން ބުނީ، މި މުބާރާތް ކުރިއަށް ދަނީ ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް ކަމަށެވެ. އެގޮތުން މުބާރާތް ތިމާވެއްޓާ ރަހުމަތްތެރި މުބާރާތަކަށް ހެދުމަށްޓަކައި ޓީމު ތަކާއި ސަޕޯޓަރުންގެެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އާމިއާ އިން ބުނެއެވެ.

Leave a comment

Your email address will not be published.