Wed, 29 January, 2020, 3:38 am
މާލޭގައި އަޅާ އޮލިމްޕިކް ސައިޒުގެ ސުވިމިން ޕޫލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތް ފެށުން --- ފޮޓޯ/ ޔޫތް މިނިސްޓްރީ
ސުވިމިން ޕޫލް އަޅާ ބިން ހުސްކުރިތާ ތިން މަސް ފަހުން، ބިން ސާފުކުރަން ފަށައިފި

މާލޭގައި އަޅާ އޮލިމްޕިކް ސައިޒުގެ ސުވިމިން ޕޫލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕޫލް ހަދަނީ ކުޅިވަރު އެކުވެނި ކައިރީގައި ކުރިން ކުނިކޮއްޓަށް ހާއްސަކޮށްފައި އޮތް ބިމުގައެވެ. އެ ބިން ހުސްކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ކުރީކޮޅު ފެށިއެވެ. އަދި މިއަދު ވަނީ ބިން ސާފު ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފައެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެޓްރީ އެންޑް ކޮންސްޓުރަކްޝަނާއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް މަސް ދުވަހުގެ ތެރޭ ބިން ސާފުކޮށް ނިންމާ ގޮތަށެވެ.

ބިން ސާފުކުރުމުގެ މަސައްކަތް ފެށުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ، އަންނަ އަހަރު ސުވިމިން ޕޫލް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި އަންނަ އަހަރު ޕޫލްގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފަށާނެ ކަމަށެވެ.

ސުވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ އަންނަ ފެބްރުއަރީ 15ގެ ކުރިން ސުވިމިން ޕޫލް އަޅާ ބިން ސާފުކޮށް ނިމުމުން، ހަމަ އެމަހުގެ ތެރޭގައި ޕޫލް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

އަދި މަސައްކަތް ފަށާތާ އަށް މަސް ދުވަސް ތެރޭގައި މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

މި ޕޫލަކީ 50 މީޓަރު ދިގު، 25 މީޓަރު ފުޅާ މިނުގެ 10 ލޭން އޮންނަ ޕޫލެކެއެވެ. އަދި ވޯމްއަޕް ޕޫލެއްގެ ގޮތުގައި 25 މީޓަރުގެ 4 ލޭން އޮންނަ ޕޫލެއްވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެތުންތެރިން ބޭނުން ކުރާނެ ޖިމަކާއި ކޯޗުން ތިބޭނެ ތަނެއްގެ އިތުރުން ސްވިމިން އެސޯސިއޭޝަންގެ އޮފީސް ވެސް އެތަނުގައި ހިމޭނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.

އޮލިމްޕިކް ސައިޒު ސުވިމިން ޕޫލް ކޮމްޕުލެކްސްއެއް މާލެ ސަރަހައްދުގައި ހަދަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރެއިން ކުރަން ނިންމި ކަމެކެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ވައުދެއް ނުފުއްދުނެވެ.

ޔޫތް މިނިސްޓްރީން ބުނާ ގޮތުގައި، އެކަން ފެށުން ލަސްވެން ދިޔައީ ސުވިމިން ޕޫލް އެޅުމަށް ހަމަޖެހިފައިވާ ބިމަކީ އެހެން ފަރާތަކަށް ދީފައިވާ ބިމަކަށްވެފައި، އެ މައްސަލަ އާބިޓްރޭޝަން އޮތުމުގެ ސަބަބުންނެވެ.

Leave a comment

Your email address will not be published.