Thu, 9 April, 2020, 12:40 am
މިއަހަރު ނިއު ރޭޑިއަންޓް އަލުން ފެންނާނެ، އެނބުރި އަންނާނީ ވަރުގަދަކޮށް!

މިއަހަރުގެ ތެރޭގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ފެނިގެންދާނެ ކަމަށް ނިއުގެ ކުރީގެ ޗެއާމަން އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އާޒިމް އެހެން ވިދާޅުވެފައިވާއިރު، ނިއުގެ ދިހަ ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ކުލަބް އޮތީ ސަސްޕެންޝަންގައެވެ.

ނިއު އަލުން ކޮޅަށް ޖެހުމަށް އެ ކްލަބްގެ ސަޕޯޓަރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ނިއުގެ ސަޕޯޓަރުން ވަނީ އާޒިމްއާ އިއްޔެ ބައްދަލުކޮށްފައެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ފޭސްބުކްގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ﷲގެ އިރާދަފުޅުން މަންޒަރުން މިއަހަރުގެ ތެރޭގައި ނިއު ރޭޑިއަންޓް އަލުން ފެންނާނެ ކަމަށެވެ. އަދި ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށް ވިދާޅުވިއެވެ.

“މި ދޫނީގެ ފިޔަކޮށާލުމަކީ ފަސޭހަކަމަކަށް ނުވާނެ. އަހަރެމެން އެނބުރި އަންނާނީ ވަރުގަދަކޮށް،” އާޒިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނިއުގެ ކުރީގެ ޗެއާމަންއާ އެ ކުލަބްގެ ސަޕޯޓަރުން ބައްދަލުކޮށްފައިވާއިރު، އިއްޔެ ވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާ ވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ނިއުރޭޑިއަންޓް އަލުން ކޮޅަށް ޖެހުމަށް ޔޫތް މިނިސްޓްރީން އެހީވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މަހުލޫފް ވަނީ ދެއްވައިފައެވެ.

މިދިޔަ އަހަރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމުގެ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް އަންނަ މާޗް މަހު އޮންނަ އަހަރީ އާންމު ޖަލްސާގައި ނިއުގެ ސަސްޕެންޝަން އުވާލުމުގެ ފުރުސަތު އެބައޮތެވެ.

Leave a comment

Your email address will not be published.