Sun, 29 March, 2020, 11:00 am
ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރި ބީޗް ވޮލީ ކޯޓު ހުޅުވައިފި

ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރި ހުޅުމާލޭގެ ބީޗް ވޮލީ ކޯޓު ރަސްމީކޮށް މިއަދު ހަވީރު ހުޅުވައިފިއެވެ.

ހުޅުމާލޭގެ ރެޑްބުލް ޕާކު ތެރޭގައި އަޅާފައިވާ އެ ކޯޓަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރި ފުރަތަމަ ބީޗް ވޮލީ ކޯޓެވެ.

ބީޗް ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އަރިހުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

އޭގެ އިތުރުން ވޮލީ ބޯޅަ އެސޯސިއޭޝަނާއި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސްގެ މެމްބަރުން ބައިވެރިވިއެވެ.

އެގޮތުން ކޯޓު ހުޅުވުމުގެ ގޮތުން ޔޫތް މިނިސްޓްރީގެ ޓީމަކާއި ވޮލީބޯޅަ ވެޓަރެންސް ޓީމުން ވަނީ މެޗެއް ކުޅެފައެވެ. އެ މެޗު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި މިނިސްޓަރު މަހުލޫފް ހިމެނޭ ޔޫތް މިނިސްޓްރީގެ ޓީމެވެ.

ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމުން ވަނީ މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދައިފައެވެ. އަދި ހަމަ އެ މުބާރާތުގައި ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދާއި އާދަމް ނަސީމްގެ ޕެއާ އިން ވަނީ އިންޑިވިޖުއަލް އިވެންޓުގެ ލޯ މެޑަލް ހޯދައިފައެވެ.

އޭގެ އިތުރުން 2015 ވަނަ އަހަރު މާލޭގައި ބޭއްވި އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތުން ރާއްޖޭގެ ޓީމު ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ. އެ ހުިރހާ މުބާރާތްތަކަށް ވެސް ކުޅުންތެރިން ފަރިތަކުރީ މިއަދު ހުޅުވި ކޯޓުގައެވެ.

Leave a comment

Your email address will not be published.