Sun, 29 March, 2020, 10:28 am
މޮޅުވުމުގެ ރެކޯޑާއެކު އެމްޕީއެލް ކުއާޓާއަށް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ބަލިކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓުގައި ރޭ ކުޅުނު މެޗުގައި އެމްޕީއެލް ވަނީ ފަސޭހަކަމާއެކު ސީދާ ތިން ގޭމުން އެމްޑަބްލިޔުއެސްސީ ބަލިކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ގޭމުން އެމްޕީއެލް މޮޅުވީ ސީދާ ހަތަރު ފްރޭމުންނެވެ. ދެވަނަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްޕީއެލް މޮޅުވިއިރު، އެމްޕީއެލުން ތިންވަނަ ގޭމު ގެންދިޔައީ 4-1 ފްރޭމުންނެވެ.

“ގްރޫޕު ބީ”ގެ އެއްވަނައިގައި އެމްޕީއެލް އޮތީ ކުޅުނު ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއެކުއެވެ. އެޓީމާ އެންމެ ކައިރިން ވާދަކުރާ ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އަދި އެމްޓީސީސީ، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އޭގެ ތެރެއިން ސްޓެލްކޯ ހަތަރު މެޗު ކުޅެފައިވާ އިރު، އެމްޑަބްލިޔުއެސްސީ އާއި އެމްޓީސީސީން މިހާތަނަށް ކުޅުނީ ތިން މެޗެވެ. އެ ގްރޫޕުގެ ދެން ހިމެނޭ ފެނަކައަށް ހަތަރު މެޗުން ތިން ޕޮއިންޓު ލިބިފައިވާ އިރު، ރައީސް އޮފީހަށް ހަތަރު މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެ މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މޮޅުވީ 2-1 ގޭމުންނެވެ. ސްޓެލްކޯ އިން 2-1 ގޭމުން ފެނަކަ ބަލިކުރި އިރު، ޕޮލިސް ކްލަބު އަތުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު މޮޅުވީ 2-1 ގޭމުންނެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

Leave a comment

Your email address will not be published.