Fri, 5 June, 2020, 12:43 pm
ކޮވިޑް 19އާ ކުރިމަތިލުމަށް ގާޑިއޯލާ އާއި މެސީ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފި
31

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ކުރިމަތިލުމަށް ބާސެލޯނާގެ ސުޕަސްޓާ ލިއޮނަލް މެސީ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފިއެވެ.

މި ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑް 19 އެންމެ ބޮޑަށް ފެތުރިފައިވާ ސްޕެއިންގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށެވެ.

އެގޮތުން މެސީ ހަދިޔާކުރި އެއް މިލިއަން ޔޫރޯ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ބާސެލޯނާގައި ހުންނަ ހޮސްޕިޓަލް ކުލިނިކަށާއި އޭނާގެ އުފަން ރަށް، އާޖެންޓީނާގެ ރޮސާރިއޯގައި ހުންނަ މެޑިކަލް ސެންޓަރަކަށެވެ.

މެސީ މީގެ ކުރިން ވެސް ވަނީ ބާސެލޯނާގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި އާ ކެންސަރު އިމާރާތެއް ހަދަން ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގާޑިއޯލާ ހަދިޔާކުރި އެއް މިލިއަން ޔޫރޯ ފޮނުވުމަށް ހަމަޖެހިފައިވަނީ ބާސެލޯނާގެ މެޑިކަލް ކޮލެޖް އަދި އެންޖެލް ސޮލާ ޑެނިއަލް ފައުންޑޭޝަނަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި ކޮވިޑް 19 ބަލި 422،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެބަލީގައި ގާތްގަނޑަކަށް 19،000 މީހުން ވަނީ މަރުވެފައެވެ.

އޭގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެގައުމުން 6820 މީހަކު މަރުވެފައިވާއިރު ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ވައިރަސް ފެނުނު ޗައިނާއިންނެވެ. އެގައުމުން ވެސް 3281 މީހުން ވަނީ މަރުވެފައެވެ.

ސްޕެއިން އަކީ އެބަލި ޖެހިގެން ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެގައުމުން އެކަނިވެސް މިހާތަނަށް 2991 މީހުން ވަނީމަރުވެފައެވެ.

Leave a comment

Your email address will not be published.