އެމްޓީސީސީގެ މުޅިފޯކަސް ކުޅުދުއްފުށީ އެއާރޕޯޓްގެ މަސައްކަތް ނިންމުމަށް

ކުޅުދުއްފުށީގައި ގާއިމުކުރާ އެއާޕޯޓްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފިއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓްލުމަށް މާލޭގައި ދިރިއުޅޭ ކުޅުދުއްފުށީ ރައްޔިތުން ކުޅުދުއްފުށްޓަށް ދާނީ ފުލައިޓްގައި ކަމަށް މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ވަނީ އެމަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަށް މަސައްކަތް ދެ ގުނަ ހަލުވިކޮށްފައެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމު ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި ރަންވޭގެ 600 މީޓަރުގެ ސަރަހައްދުގައި އެގްރިގޭޓް ބޭސް ކޯސް މިއަދު އަޅައި ނިންމާލެވޭނެ ކަމަށެވެ.

ރަންވޭގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ ލޭޔަރު) އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ރަންވޭ ދެ ދެބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ރަންވޭގެ ވާތް ފަރާތުގެ 600 މީޓަރުގައި އޭބީސީ ލޭޔަރު އަޅާ ނިންމާލާފައިވާއިރު ކަނާތް ފަރާތުގައި 600 މީޓަރަށް އޭބީސީ ލޭޔަރު އަޅައި މިއަދު ނިންމާލެވޭނެ ކަމަށް ހުޝާމް ވިދާޅުވެފައިވެއެވެ.

ހުޝާމް ވިދާޅުވީ އެމްޓީސީސީގެ ހުރިހާ ފޯކަސް އެއް މިހާރު އޮތީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތަށް ކަމަށެވެ. އެހެންކަމުން ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ކޮންމެ މަސައްކަތަކަށްވެސް ބެކަޕެއް ގެންގުޅޭ ކަމަށާއި، އެގޮތުން ތާރު މެޝިނުގެވެސް ބެކަޕް މެޝިނެއް ކުޅުދުއްފުއްޓަށް ގެނެސްފައިވާކަމަށް ހުޝާމް ވިދާޅުވި އެވެ.

” އަޅުގަނޑުމެން މުޅި ކުންފުނީގެ ފޯކަސް މިހާރު އޮތީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތަށް. އެއާޕޯޓްގެ މަސައްކަތްތައް އަވަސްކޮށް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށް.” އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ގާއިމްކުރާ އެއާރޕޯޓްގެ ރަންވޭގެ ދިގުމިނަކީ 1200 މީޓަރެވެ.އަދި ފުޅާމިނުގައި ހުންނަނީ 30 މީޓަރެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެންނެވުން މިރެއަށް ފަސްކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންނެވުން މިރެއަށް ފަސްކޮށްފިއެވެ.

ކުރިން ކުޅުދުއްފުއްޓަށް ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރެވެ. މިހާރު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ވަގުތު ބަދަލުކުރެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ރައީސް ވަނީ މިއަދު ހދ. ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުވައިދެއްވައިފައެވެ. ނޮޅިވަރަންފަރުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ މަގު ހެދުމުގެ މަޝްރޫއު އާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭނަން، އެއާޕޯޓުގެ މަސައްކަތެއް ނުހުއްޓާނަން: އިބޫ

ހދ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށާއި އެ ރަށު އެއާޕޯޓުގެ މަސައްކަތް ނުހައްޓާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން އުސޫލުން ބޭރުންވެފައިވާ އެގްރިމެންޓްތައް ބަލައި، އެ އެގްރިމެންޓްތަކަށް ބަދަލު ގެންނާނެ ކަމަށެވެ. ނަމަވެސް ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދާ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ވަރަށް އަވަހަށް ދޭނަން. އަޅުގަނޑުމެންގެ ވެރިކަމެއްގައި މިހާރު ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން. ނަމަވެސް އުސޫލުން ބޭރުން ވެފައިވާ އެގްރިމެންޓުތައް ބަލައި ބަދަލު ގެންނަން. ކުޅުފުއްފުށީގައި އަޅަން ފަށާފައިވާ އެއާޕޯޓުގެ މަޝްރޫއު ވެސް ކުރިއަށްދާނެ،” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އާބަން ސެންޓަރު ގާއިމްކުރާ ތިން ސަރަހައްދުގެ ތެރެއިން އުތުރުގައި ގާއިމްކުރާ އާބަން ސެންޓަރަކަށް ވެގެންދާނީ ކުޅުދުއްފުށި ކަމަށެވެ. އަދި އާބަން ސެންޓަރެއްގެ ގޮތުގައި ކުޅުފުއްފުށީ ހަމަޖެއްސެވުމަށްފަހު، ކުޅުފުއްފުށީ އިންޓަނޭޝަނަލް ބަނދަރަށް ގެންނަ މުދަލުން ނަގާ ޓެކްސާއި ޑިއުޓީއަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.

“އަޅުގަނޑުމެންގެ އިގްތިސާދުގައި ރާއްޖޭގެ އުތުރުާއި ދެކުނާއި މެދުތެރޭގައި އާބަން ސެންޓަރުތަކެއް ގާއިމު ކުރުމަށް ވަނީ ކަނޑައަޅާފަ. އެގޮތުން މާލެއިން އުތުރުގައި ކަނޑައެޅޭ އެއް އާބަން ސެންޓަރަކަށް މިތަން ވެގެންދާނެ ކަމުގައި ތިބޭފުޅުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން،” އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިޔާލާއެކު ކުޅުފުއްފުށީގައި އިތުރު މަގުތައް ތަރައްގީކުރާނެ ކަމަށާއި ބޯހިޔާވަހިކަން އެންމެންނަށް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި ވިޔަފާރި ބަނދަރެއް ގާއިމްކޮށް، ކުޅުފުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ މާލެ ގެންނަނީ

ހދ. ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށީގައި މިއަދު މެންދުރު އެ އެކްސިޑެންޓް ހިނގީ ޒޯން ސްޓޭޑިއަމް ކައިރިން އަމީނީމަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ. އެއް ސައިކަލު ދުއްވަން އަންހެނަކު އިން އިރު، އަނެއް ސައިކަލް ދުއްވަން އިން މީހާއަކީ މާލެ ގެނައުމަށް މަސައްކަތްކުރާ ދުވަސްވީ މީހާއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެނެސްފައިވަނީ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.

އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ ބޮލަށް އަނިޔާވެފައިވާ އިރު، އެ އަނިޔާތަކުގެ ތަފްސީލް އެނގޭނީ މާލެ ގެންގޮސް ސީޓީ ސްކޭން ހެދުމުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އޭނާ މާލެ ގެނައުމުގެ މަސައްކަތް އެ ހޮސްޕިޓަލުން މިހާރު ދަނީ ކުރަމުންނެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން މިހާރު ވަނީ ތަހުގީގު ފަށައިފައެވެ.