ބުރިޖް މަތީގައި ކައިވެނިކުރަން ބޭނުންވާ މީހުންނަށް އަންނަ ހަފްތާގައި ފޯމް ދޫކުރަން ފަށަނީ

ބްރިޖު މަތީގައި އަލަތު ކައިވެނިކުރަން ބޭނުންވާ މީހުންނަށް އަންނަ ހަފްތާއިން ފެށިގެން ފޯމް ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު، ސިނަމާލެ ބްރިޖު ނިމުމުން އެތަނުގައި ކައިވެނިކުރަން ނުވަތަ ކައިވެނި ޕާޓީ ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް ވެވަޑައިގަތް އެ ވައުދަށް އިޝާރާތް ކުރައްވައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖު މަތީގައި އަލަތު ކައިވެނިކުރަން ބޭނުންވާ ފަރާޓްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލައި، ހައުސިން މިނިސްޓްރީގެ ކައުންޓަރުން ފޯމް ދޫކުރާނެ ކަމަށެވެ.

އަދި ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ބްރިޖު މިދިޔަ މަހުގެ 26 އަށް ނިންމާނެ ކަމަށް އެ މަސައްކަތްކުރާ ކުންފުނިން ބުނި ނަމަވެސް، ބްރިޖު މިހާރު ހުޅުވުމަށް މަސައްކަތް ކުރަމުންދަނީ އަންނަ ސެޕްޓެމްބަރު 25 އަށެވެ. ބްރިޖުގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މިހާރު ކުރަމުންދަނީ ބްރިޖު މަތީގައި ތާރު އެޅުމާއި ލައިޓް ހަރުކުރުން ފަދަ މަސައްކަތްތަކެވެ.

އެ މަސައްކަތާއެކު ބްރިޖާ ގުޅިގެން ހަދާ މަގުތައްވެސް ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފްތާ ފަށަނީ

މާލެ-ހުޅުލެ ބްރިޖް (ސިނަމާލެ ބްރިޖް)އާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ އަންނަ ހަފްތާ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފަށާނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ކަމަށެވެ.

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބްރިޖުގެ ހުރިހާ މަސައްކަތްތަކާއެކު ނިމިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މާލޭގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން މާލޭ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. މިހާރު އެ މަގުތައް ކޮނެ ނަރުދަމާގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.