ޔާމީން ހައްޔަރުކުރަން ކުރި އަމުރުގެ އިސްތިއުނާފު މާދަމާ ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ.

ހައިކޯޓުގައި އެ މައްސަލަ ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

ރައީސް ޔާމީން ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި (ޝަރީއަތުގެ މަރުހަލާގައި ބަހައްޓާ ޖަލު)ގައި ބަންދުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފައިވާ ލޯންޑްރީ މައްސަލާގަ އެވެ.

އެމަނިކުފާނު ބަންދު ކުރަން އަމުރު ނެރުނީ އެ މައްސަލައިގެ ހެކީންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހަޅުއްވަން މަސައްކަތް ކުރައްވާ ކަމަށް ގަބޫލު ކުރެވޭތީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިގެނެވެ.

އެ ތުހުމަތުތަކަށް ރައީސް ޔާމީން އިންކާރު ކުރައްވާ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން އެނގިވަޑައި ވެސް ނުގަންނަވާ ކަމަށް ވިދާޅުވެފައި ވީނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލްގެ ވާހަކަތަކަށް ބާރު ދިނުމަށް ބައެއް ލިޔެކިޔުންތައް ވެސް ވަނީ ހުށަހަޅައިފައެވެ.

ރައީސް ޔާމީން ބަންދުކުރި ކުރި އަމުރުގެ އިސްތިއުނާފު މާދަމާ ފަށާއިރު، އެމަނިކުފާނު ބަންދުކުރި ފަހުން ތިން ފަހަރެއްގެ މަތިން އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ވަނީ އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ.

ޔާމީނަށް ”ވާނުވާ“ ޖަހާފައި ޖަލުގައި ނުބެހެއްޓޭނެ، ދޫކުރައްވާ: ގާސިމް

ސަރުކާރާ މައި އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ހެންވޭރު ދެކުނަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕޭން ލޯންޗު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ގާސިމް އެގޮތަށް ވިދާޅުވީ، ދައްކާ ވާހަކައާއި ކުރާ ކަންތަކާ ދިމާވޭތޯ ސުވާލު އުފައްދަވައިފައެވެ.

ގާސިމް ވިދާޅުވީ، މިއަދު ރާއްޖޭގެ ސަގާފަތަކީ ރާއްޖޭގެ ވެރިކަން ކުރާ ކޮންމެ މީހަކުވެސް ”ވާނުވާ“ ޖަހާފައި ޖަލަށް ލުން ކަމަށެވެ. އަދި އެއީ ކޮންކަމެއްތޯ ވިދާޅުވެ ގާސިމް ކޯފާ އިސްކުރައްވާ ވާހަކަފުޅުދެއްކެވިއެވެ.

”އަޅުގަނޑު ގޮވާލަން ބޭނުންވަނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާނުވާ ޖަހާފައި ޖަލުގަ އެހެން ނުބޭއްދޭނޭ. ދޫކުރައްވާށޭ މިހާރުން މިހާރަށް. އަނިޔާވެރި ނުވާނަމޭ ކިޔައިގެން އެ ތޮފި އަޅައިގެން ތިބެގެން އަބްދުﷲ ޔާމީން ޖަލަށް ލައިގެން އެހެން ނުބެހެއްޓޭނެ. ދޫކުރާށޭ. ދޫކުރާށޭ. ވާނުވާ ޖަހާފައި ނުބޭންދޭނެ،“ ގާސިމް ވިދާޅުވިއެވެ.

ޔާމީން ދޫކުރައްވަން ގާސިމް މިއަދު ގޮވާލެއްވިއިރު، ޔާމީން ހުންނެވީ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައެވެ. ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ނަމަވެސް ޖަލަށް ބަދަލުކުރި ފަހުން ތިން ފަހަރެއްގެ މަތިން މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަނީ ފަރުވާ ދެއްވައިފައެވެ.

އަދުލު އިންސާފު ލިބެންޖެހޭނީ ހުރިހާ މީހުންނަށް ހަމަހަމަކޮށްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ރައީސް ޔާމީނަށް ގާނޫނު އަސާސީގައިވާ ހަމަތަކުގެ މަތިން އިންސާފުގެ މަގުން ޝަރީއަތް ހިންގުމަށްފަހު ދޭންޖެހޭ އަދަބެއް ދޭންވީ ކަމަށެވެ.

ނަމަވެސް މިހާރު އެމަނިކުފާނު ޖަލުގައި ބެހެއްޓުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދިވެހި ފުލުހުން އިންޓެލިޖެންސް ރިޕޯޓް ހަދާ ގޮތާއި އޭގެ ފެންވަރު ދަންނަކަމަށާއި އެކަން އަމިއްލަފުޅަށް ތަޖުރިބާ ކުރައްވާފައިވާ ކަމަށެވެ.

އަދި އިންޓެލިޖެންސް ރިޕޯޓެއް ލިބިއްޖެކަމަށް ވިދާޅުވެ ރާއްޖޭގެ ކޯޓަކުން ހުކުމް ކުރާތީ ހިތާމަކުރައްވާކަމަށާއި އެފަދަ މުއައްސަސާތައް މިހާރުން މިހާރަށް އިސްލާހު ކުރެއްވުމަށް ގާސިމް ގޮވާލެއްވިއެވެ.

”ހާއްސަ ގޮތެއްގައި ރަނގަޅަސް ނުބަޔަސް ގައުމަށް އެހާބޮޑު ހިދުމަތްތަކެއްކޮށްފައި ގައުމުގެ އެންމެ މަތީ ވެރިކަންކޮށްފައި ތިބޭ ބޭފުޅުން އެގޮތަށް ރަހުމެއްނެތި ހަމްދަރުދީއެއްނެތި ޖަލަށްލައިގެން ނުވާނޭ އެއްގޮތަކަށް ވިޔަސް. އެއީ ކޮންމެ ބޭފުޅަކަށް ވިޔަސް،“ ގާސިމް ވިދާޅުވިއެވެ.

4000 ފޯމާއެކު ޕީއެންސީ ރަޖިސްޓްރީ ކުރަން ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާ އާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރަން 4000 މެންބަރުންގެ ފޯމާއެކު އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

ޕީއެންސީ އުފައްދަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅީ ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ. އަދި އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި

އެގޮތުން އަދުރޭ އާއި ކުރީގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޕީޕީއެމްގެ މަޖިލިސް މެންބަރުން ވަނީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މެންބަރުންގެ ފޯމުތައް މިއަދު އީސީއާ ހަވާލުކޮށްފައެވެ.

ރައީސް ޔާމީން އުފައްދަވާ ޕީއެންސީއަކީ، ޕީޕީއެމްގެ ބާރުތައް ހަވާލު ކުރާ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމާ ގުޅިގެން އެ މައްސަލަ ނިމޭނެ ގޮތެއް ނޭނގޭތީ ޕީޕީއެމްގެ މިހާރުގެ ލީޑާޝިފުން އުފައްދަން ނިންމި ޕާޓީއެކެވެ.

އެގޮތުން ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބައެއް މެންބަރުން ގެންދަވަނީ އެޕާޓީން ވަކިވެ ޕީއެންސީއާ ގުޅިވަޑައިގަންނަވަމުންނެވެ. އެގޮތުން ރައީސް ޔާމީން ސަރުކާރުގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއްޔެ ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.