އެއް ނަންބަރު ކެންޑިޑޭޓް ނޫން ޗޮއިސް އެއް ނެތް: މުއިއްޒު

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުު ސަލާމަތް ކުރަން ބޭނުންނަމަ ރައީސް ޔާމީން ނޫން ޗޮއިސްއެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ފޮނަދޫގެ ފެނުގެ ނިޒާމް ހިދުމަތް ފައްޓަވައިދެއްވާ ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ ވެރިން ދިވެހިން ދެކެފައިވަނީ ހިތްދަތި ދުވަސްތަކެއް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ގައުމުގެ އިޖްތިމާއީ ފޭރާން ވީދި، ގައުމުގެ މިނިވަންކަމަށް ބުރު އެރިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށާއި ކެންޑިޑޭޓް ބަދަލުވިއަސް އެޕާޓީގެ ފިކުރެއް ބަދަލެއް ނުވާނެ ކަމަށެވެ.

އެހެންކަމުން ދިވެހި ގައުމުގެ ތަރައްގީ އާއި މިނިވަންކަމަށް ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސް އަކީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު އެކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެއްނަންބަރު ކެންޑިޑޭޓް ނޫން ޗޮއިސް އެއް މި ޤައުމުގެ ތަރައްޤީއާއި، މިނިވަންކަމާއި، އިސްތިޤްލާލަށް ނެތް. މިނިވަންކަމާއި އިސްތިޤްލާލު ސަލާމަތް ކުރަން ބޭނުންނަމަ ރައީސް ޔާމީނަށް ވޯޓް ދެއްވާ.” މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިޝާރާތްކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ އެ އިންތިހާބަކީ ހެވާ ނުބައި އަދި ރަނގަޅާއި ނުބައިގެ ނިންމުމެއް ކަމަށެވެ. އަދި ސިޔާސީ އޮއެވަރުގައި ޖެހިގެން ތާއީދު ކުރައްވާ ލީޑަރަކަށް ތިއްބެވި ބޭފުޅުންނަށް ވޯތުން ދޭން ހެޔޮ ނުވާނެ ކަމަށާއި ވޯޓު ލާންވާނީ އަމިއްލަ ބާރުގައި ކަމަށް ވިދާޅުވިއެވެ.

ހައްދުންމައްޗަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގައި މިއަދު ވަނީ ލ. ލިންކު ރޯޑުވެސް ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ.

އޭގެއިތުރުން އެ އަތޮޅު ގަމަށް މިއަދު ވަޑައިގަތް، އެރަށުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި 400 ގޯތި ދޫކުރައްވާނެ ކަމަށް ރައީސް ވަނީ އިއުލާން ކުރެއްވިއެވެ. އަދި އިތުރު ދައުރަކަށް އިންތިހާބު ވެއްޖެނަމަ މިހާރު އަސްކަރީ އެއާޕޯޓެއްގެ ގޮތުގައި އޮތް ކައްދޫ އެއާޕޯޓު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، ބޮޑެތި ބޯޓު ފަހަރު ޖެއްސޭވަރު ކޮށްދޭނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

އިބޫއަކީ އެތައް ބައެއްގެ ދަށުވެފައި ހުންނެވި ބޭފުޅެއް، ވެރިކަމެއް ނުކުރެވޭނެ: ރައީސް ޔާމީން

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ އެތައް ބައެއްގެ ދަށުވެފައި ހުންނެވި ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކަށް ގައުމެއްގެ ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިބޫއަށް ވެރިއެއްގެ ހައިސިއްޔަތުން އޮތް ބާރަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވަންޖެހޭ ކަމަށާއި އެމްޑީޕީގައި އިބޫއަށް ނުފޫޒު ފޯރުވައި އަމުރު ކުރެވޭނެ އެތައް ފަރާތްތަކެއް ތިބުމުން ރައްޔިތުން އެދޭ ވެރިކަމެއް ކޮށް ނުދެވޭނެ ކަމަށެވެ.

“އެބޭފުޅުންގެ މެނިފެސްޓޯގައި ފާޅުކަންބޮޑު ގޮތަކަށް އެ ވިދާޅުވަނީ ތިމަންނަމެންނަށް ވެރިކަން ލިބިއްޖެއްޔާ މިތަން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކުރާނަމޭ. ބަރުލަމާނީ ނިޒާމަކަށް މިތަން ބަދަލުކޮށްފިނަމަ އަނެއްކާވެސް ރައްޔިތުންނަށް އެތައް ބޮޑެތި އިންތިހާބީ ހަރަދުތަކެއް ކުރަން ޖެހޭ،” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގައި ނުފޫޒު ގަދަ އެތައް ބަޔަކު އެބަ ތިބި ކަމަށާއި ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޖަވާބުދާރީވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސް ކިޔޭ އެތައް ބަޔަކު، އޭނަގެ މައްޗަށް ބާރު ހިންގާ އެތައް ވެރިންތަކެއް ތިބޭ ކަމަށް ވާނަމަ ދައުލަތެއް ނުހިންގޭނެ ކަމަށެވެ.

“ރައްޔިތުން ބޭނުންވާގޮތަށް ދައުލަތެއް ހިންގަން ބޭނުންވާނަމަ، ދައުލަތް ހިންގަން އިންތިހާބުކުރާ މީހާއާ ހަމައިގައި ހުރިހާ ބާރުތަކެއް އޮތުން މުހިއްމު. ވެރިޔަކު ތެދުވެރިވާންޖެހޭނީ، އޭނާގެ ކުރިމަތީގައި އޮންނަ ގާނޫނު އަސާސީއަށާއި، ގައުމުގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި، ގާނޫނީ ވެރިކަމެއް ދެމެހެއްޓުމަށާއި އިންސާފު ގާއިމްކުރުމަށް. އަދި ސިޔާސީ އެތައް ލީޑަރުންގެ ބަސް އަހައިގެން ވެރިކަން ކުރަން އުޅުއްވައިގެން ވެރިކަމެއް ނުހިންގޭނެ،” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނު ހިންގާ މަޝްރޫއުތައް ކޮންމެ ރަށަކަށް ވަޑައިގަތަސް ފެންނާނެ ކަމަށާއި އެ މަންޒަރުތައް އިދިކޮޅު ކެންޑިޑޭޓަށް ވެސް ފެންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ނުކުތީ ރައްޔިތުންނާއެކު ކަމަށާއި ނިންމަވާނީވެސް ރައްޔިތުންނާއެކު ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެންނެވުން މިރެއަށް ފަސްކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންނެވުން މިރެއަށް ފަސްކޮށްފިއެވެ.

ކުރިން ކުޅުދުއްފުއްޓަށް ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރެވެ. މިހާރު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ވަގުތު ބަދަލުކުރެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ރައީސް ވަނީ މިއަދު ހދ. ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުވައިދެއްވައިފައެވެ. ނޮޅިވަރަންފަރުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ މަގު ހެދުމުގެ މަޝްރޫއު އާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށެވެ.

މި ސަރުކާރުން ދީނީ އިލްމުވެރިންނަށް އެތައް ފުރުސަތަކާއި މިނިވަންކަމެއް ދީފައިވޭ: ޝަހީމް

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދީނީ އިލްމުވެރިންނަށް އެތައް ފުރުސަތަކާއި މިނިވަންކަމެއް ދީފައިވާ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނީ ފަތުވާދީގެން އެއްވެސް އާލިމެއް ޖަލަށްލައި އަނިޔާ ކޮށްފައިނުވާ ކަމަށާއި ދީނީ އިލްމުވެރިންނަށް ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައިވަނީ މި ސަރުކާރުން ކަމަށެވެ.

“ރާއްޖޭގެ ތާރީހުގައި ވެސް އިސްލާމީ ދައުވަތަކަށް މަގުފައިވެފައި ނެތް މިންވަރަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ އިލްމުވެރިންނަށް ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފުރުސަތާއި މިނިވަންކަން ވަނީ ދީފައެވެ. ދީނީ ފަރުވާ ދީގެން އެއްވެސް އާލިމެއް ޖަލަށްލައި އަނިޔާ ކޮށްފައި ނުވެއެވެ.،” ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ރާއްޖޭގެ ތާރީހަށް ބަލާއިރު ﷲގެ ރަހުމަތާއެކު ރަސްރަސްކަލުންނާއި ހިތްވަރުގަދަ، ދީން ދެކެ ލޯބިވާ ވެރިންނާއި، ރައްޔިތުން އިސްތިއުމާރީ، ފިކުރީ ހަނގުރާމައާއި އަޅުވެތިކަމާ ދެކޮޅަށް ކުރެއްވި ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ އިލެކްޝަނުން ބަލައިގެންފި

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކެންޑިޑެސީ ފޯމު، އެ ކޮމިޝަނުން ބަލައިގެންފިއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގެންފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ މިއަދު އެ ކޮމިޝަނުން ކުރި ޓުވީޓެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސް ޔާމީންގެ ފޯމު ގަބޫލުކޮށްފައިވާކަން ލިޔުމުން މިހާރު އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ. ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ އިއްޔެއެވެ. ރައީސް ޔާމީންގެ ފަރާތުން އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފްއާ ފޯމު ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރެވެ.

ރައީސް ޔާމީންގެ އިތުރުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެންޑިޑެސީ ވެސް އީސީން ވަނީ ބަލައިގެންފައެވެ. އަމިއްލަގޮތުން ވާދަކުރެއްވުމަށް ހުސައިން ނަސީރު ފޯމު ހުށަހެޅުއްވި ނަމަވެސް އީސީން ވަނީ އެ ފޯމު ބާތިލްކޮށްފައެވެ. އެ މައްސަލަ އަންނަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ހުސައިން ނަސީރު މިހާރު ވަނީ ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ހުސެއިން ނަސީރުގެ ފޯމް ބާތިލުކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ހުށަހަޅާ 1500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. އަދި އޭނާގެ ރަނިންމޭޓް ޝެއިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަތަކެއް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.

އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް އިއުލާނުކުރި ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމައިފައެވެ.

އިދިކޮޅުން ވެސް ކުރިއަށްދާން ބޭނުންވަނީ މި ސަރުކާރުގެ ޕްލޭންތަކާ އެއްގޮތަށް: ރައީސް ޔާމީން

މި ސަރުކާރުން ގެނެސްފައިވަނީ ތަރައްގީއެއް ނޫން ކަމަށް ބުނި ނަމަވެސް އިދިކޮޅުންވެސް ކުރިއަށްދާން ބޭނުންވަނީ މި ސަރުކާރުގެ ޕްލޭންތަކާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށާއި އެރަށުގައި ހަދާފައިވާ ހައުސިން ޔުނިޓްތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުން ދަނީ މި ސަރުކާރުގެ ތަރައްގީ ކޮޕީ ކުރަމުން ކަމަށެވެ.

“އިދިކޮޅުންވެސް ކުރިއަށްދާން ބޭނުންވަނީ މި ސަރުކާރުގެ ޕްލޭންތަކާ އެއްގޮތަށް. އިދިކޮޅުން ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ތަފާތު ވައުދުތައް ވަމުން އަންނައިރު އިދިކޮޅު ބޭފުޅުންވެސް އެ ވައުދުތައް ތެދަށް ނުހެއްދެވޭނެ ކަމަށް ގަބޫލުކުރޭ،” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ހަޒާނާއަށް ވާއިރު ނިމިގެންދިޔަ ސަރުކާރުތަކުގައި ޒުވާނުންނަށް ކޮށްދެންޖެހޭ ގިނަ ކަންތައް ކޮށްދީފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަން ކުރި ހަތަރު އަހަރުތެރޭ ޒުވާނުންނަށް ހުރިހާ ދާއިރާއަކުން ކުރިއެރުން ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ދުވަހަކުވެސް މައާފެެއް ނުކުރާނަން: ރިލްވާންގެ މަންމަ

ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން ދުވަހަކުވެސް އެމަނިކުފާނަށް މައާފެއް ނުކުރާނެ ކަމަށް ރިލްވާންގެ މަންމަ އައިމިނަތު އީސަ ބުނެފި އެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް ހަތަރު އަހަރުވުމާ ގުޅިގެން ސަންގު ޓީވީއަށް ރިލްވާންގެ މަންމަ ދިން އިންޓަވިއުއެއްގައި ބުނީ، ރިލްވާން ވީތަނެއް ނޭނގި ހުއްޓައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރިލްވާން މަރުވެއްޖެ ކަމަށް ވިދާޅުވުމުން، ވީގޮތް ވެސް ނޭނގޭ ކަމަށެވެ.

އަދި ދަރިފުޅަށް ހެދި ގޮތެއް ހެދި ބަޔަކަށް އެއްވެސް މައާފެއް ނުދޭނެ ކަމަށް ކަރުނައަޅާ ރޮމުން ރިލްވާންގެ މަންމަ ބުންޏެވެ.

“އަޅުގަނޑު މިހެން ބުނެގެން މައްސަލައެއް ނެތް ގޮސް ޖަލަށް ލިޔަސް. އެކަމަކު ރައީސުލްޖުމްހޫރިއްޔާއަކަށް އަޅުގަނޑެއް މައާފެއް ނުދޭނަން. އެއްގޮތަކަށް ވެސް ނުދޭނަން. ދުވަހަކުވެސް ނުދޭނަން. ގިޔާމަތް މަހުޝަރު ދުވަހުވެސް ނުދޭނަން،” ރިލްވާންގެ މަންމަ ރޮމުން ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރެއަށްފަހު ވީނުވީއެއް ނޭގި ގެއްލިފައިވާ ރިޟްވާން ނިޔާވެފައިވާ ކަމަށް ރައީސް ވިދާޅުވީ، ގދ. މަޑަވެއްޔަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަމަވެސް އެފަހުން ގދ. ފަރެސްމާތޮޑާއަށް ވަޑައިގަތް އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީށް ވަނީ ރިލްވާން މަރު ނުވާ ކަމަށާއި އިރާދަކުރެއްވިއްޔާ އޭނާ ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

ރިލްވާން މައްސަލައިގައި ރައީސް ޔާމީން ޖަވާބުދާރީވާން ޖެހޭނެ: އިބޫ

މީގެ ހަތަރު އަހަރު ކުރީން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުނު މައްސަލަ އަލުން ބަލައި ތަހުގީގު ކުރާނެ ކަމަށާއި އެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާބައިދުއަށް ވަޑައިގެން އިބޫ ވިދާޅުވީ، ގދ. މަޑަވެލީގައި މިއަދު ރައީސް ޔާމީން ވާހަކަފުޅުދައްކަމުން ރިލްވާން މަރުވިކަން ކަށަވަރުވެފައިވާ ކަމަށް ވިދާޅުވުމުން ކަންބޮޑުވާ ކަމަށާއި އެއީ ގައުމެއްގެ ވެރިޔަކު ކޮށްގެން ނުވާނެ ކަމެއް ކަމަށެވެ.

“މިއީ ވަރަށް ކުޑާއްމިސްކޮށް އެމަނިކުފާނު ކުރެއްވި ކަމެއް، އަޅުގަނޑު ހިތުން ގައުމެއްގެ ވެރިޔަކު ކުރައްވައިގެން ނުވާނެ ކަމެއް އެކުރެއްވީ، ރިލްވާންގެ އާއިލާ އެކަން ހޯދަން ފުލުހަށާއި އެކިއެކި މުއައްސަސާތަކަށް ހިނގި އަދަދު، ލިޔުނު ސިޓީ ގުނާ އަދަދު ނުކުރެވޭނެ، އެއްވެސް ޖަވާބެއް އެއްވެސްތާކުން ނުލިބެ،” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލާގައި ތަހްގީގަކާއި ޝަރީއަތެއް ކުރެވިގެން ގޮސްފި ކަމަށާއި ނަމަވެސް ތަހްގީގަށްވެސް ރިލްވާން މަރުވިކަން ހާމެވެފައިނުވާ ކަމަށެވެ.

“މިއަދު އާންމު ބައްދަލުވުމެއްގައި ރާއްޖޭގެ ރައީސް އެ ހާމަކުރެއްވީ އެމަނިކުފާނަށް ކަށަވަރުވެފައިވާކަން ރިލްވާން މަރުވެފައިވާކަން، މިއީ އަޅުގަނޑުމެން މިދަންނަވަނީ ވަރަށް އިހާނެތިކޮށް އެމަނިކުފާނު ކުރެއްވި ކަމެއް، ކިހިނެތްތޯ މިއަދު ރިލްވާންގެ އާއިލާ ކެތްކުރާނީ، ކީއްވެތޯ އެމަނިކުފާނަށް އެނގިވަޑައިގަންނަވާއިރުގައި ތަހުގީގަށް ހާމަ ނުކުރެއްވީ. އަޅުގަނޑުމެންގެ ވެރިކަމެއްގައި ދެފުށްފެންނަ ހާމަކޮށް އެކަން އަލުން ތަހްގީގްކޮށް އެކަމަށް ވީނުވީއެއް އަޅުގަނޑުމެން ހޯދާނަން، އެދުވަހުން ރައީސް ޔާމީން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ،” އިބޫ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވައުދުތައް އިބޫ ގެންދަވަނީ ކޮޕީ ކުރައްވަމުން: ނިހާން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މެނިފެސްޓޯ ވައުދުތައް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކޮޕީ ކުރައްވަމުން ގެންދަވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ސަކީނާ މަންޒިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ތިން ލައްކަ މީހުން އާބާދު ކުރެވޭ ވަރުގެ ސަހަރެއް ވިލިމާލެ 2ގެ ނަމުގައި އިފްތިތާހު ކުރައްވައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިތާ ދެތިން ހަތަރު ދުވަހެއް ފަހުން ތިމަންނާވެސް ރައްޔިތުންނަށް ގޯތި ގެދޮރު އަޅައިދޭނަމޭ އިބޫ ވިދާޅުވި ކަމަށެވެ.

“އިބޫއަށް ގޯތިގެދޮރު އަޅައިދޭނެ ގޮތެއް ވިދާޅެއް ނުވެވުނު. އެހެންވީމަ މި ވައުދުތަކާއި އަޅުގަނޑުމެންގެ ޕާޓީން ރައްޔިތުންނާ ހަމައަށް ވިއްކާ ވައުދު، ރައްޔިތުންނާ ހަމައަށް ގެނެސްދީ ނިމިފައި އޮތް ވައުދު ކޮޕީ ކުރައްވަން ނޫޅުއްވާށޭ ދަންވާލަން ބޭނުން ވަނީ،” އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ނަގާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ޒަމާނުއްސުރެވެސް އެމްޑީޕީން ކުރާ ކަމެއް ކަމަށެވެ. އަދި ދިވެހި ފުލުހުންނާ ދިމާއަށް “ގޮޅާ ފޯސް”އޭ ކިޔާ މުހާތަބު ކުރި ދުވަސް ރައްޔިތުން ހަނދާން ނުނެތޭ ކަމަށް ވެސް ވިދާޅުވިއެވެ.

ބައެއް ކުށްވެރިންގެ އަދަބު ލުއިކޮށްދޭން ރައީސް ނިންމަވައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ހުކުމް ތަންފީޒުކުރަމުންދާ ބައެއް ކުށްވެރިންގެ އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.

އަދަބު ލުއިކޮށްދިނުމަށް ރައީސް ނިންމެވީ މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި އެމީހުންގެ ބެލެނިވެރިންނާ އިންޓަވިއު ކުރުމަށްފަހު ކަނޑައެޅިފައިވާ ހާއްސަ ޝަރުތުތަކަކާއެކު ކަމަށެވެ.

އަދަބު ‏‏ލުއިކޮށްދީފައިވާ މީހަކު ޝަރުތަކާ ޚިލާފުވެއްޖެނަމަ، އެމީހަކަށް ‏‏އަދަބު ލުއިކޮށްދިންދިނުން ބާތިލުވުމާއެކު އެމީހަކަށް އަދަބު ލުއިކޮށްދިނުމުގެ ކުރިން އެމީހަކު ހުރި ހާލަތަށް ރުޖޫއަވެގެންދާނެ ކަމަށާއި ‏‏އަދަބު ލުއިކޮށްދިން ހުކުމުގެ ތަންފީޒުނުވެ ބާކީ އޮތް މުއްދަތު ތަންފީޒު ކުރަންޖެހޭނެ ކަމަށް ‏ވެސް ރައީސް އޮފީހުން ބުންޏެވެ.

އަދަބު ލުއިކޮށްދޭން ނިންމި ނަމަވެސް، ހުކުމުގައި އަނބުރާ ދައްކަން ޖެހޭ ކަމަށް ބުނެފައިވާ ފައިސާއެއް ދެއްކުމަށް ލުޔެއް ދީފައެއް ނުވެއެވެ.