ރައީސް ވަޑައިގަންނަވާ ކެމްޕެއިން ދަތުރުތަކަށް ހަރަދު ކުރާނީ އެމްޑީޕީން

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުފުޅުތަކުގެ ހަރަދުތައް ބަލަހައްޓާނީ އެމްޑީޕީން ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

އެމްޑިޕީގެ ކެމްޕެއިންއާ ގުޅޭގޮތުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މަޖިލިސް އިންތިހާބުގެ ސްޕޯކްސްޕާސަން އަފުޝަން ލަތީފު ވިދާޅުވީ، އެ ޕާޓީގެ މަޖިލިސް ކެމްޕެއިން ދަތުރުފުޅު ތަކުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެމަނިކުފާނު ބައިވެެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ބައްދަލުވުން މިރޭ ކ. ގުރައިދޫގައި އޮންނާނެ ކަމަށެވެ.

އަފުޝަން އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު ކުރައްވާ ހުރިހާ ކެމްޕެއިން ދަަތުރުފުޅުތަކެއްގެ ހަރަދުތައް ބަލަހައްޓާނީ އެމްޑީޕީން ކަމަށާއި އެގޮތުން ދަތުރާއި ހުރުމާއި ކެއުމުގެ ހަރަދުތައް ވެސް ކުރާނީ އެޕާޓީން ކަމަށެވެ.

ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ދަތުރުތަކުގެ ހަރަދު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން ކުރާނެކަމަށް ބުނެފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރި ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސިޔާމް، މައުރޫފް އަދި އާމިރު ހިމެނޭ ގޮތަށް އެމްޑީއޭގެ ޓިކެޓް 8 ބޭފުޅަކަށް!

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން ވާދަކުރުމަށް 8 ބޭފުޅަކަށް ޓިކެޓް ހަވާލުކޮށްފިއެވެ.

އެ ބޭފުޅުންގެ ތެރޭގައި މިހާރު ވެސް ރައްޔިތުން މަޖިލީހުގައި އެމްޑީއޭ ތަމްސީލު ކުރައްވަމުން ގެންދަވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަލީ މައުރޫފުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު އާމިރުވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ތިން މެންބަރުން ވެސް އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ އެބޭފުޅުން މިހާރު ވެސް ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާއަށެވެ.

މިރޭ ބޭއްވި އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ފަރާތުން މަޖިލީހުގެ ހަތް ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ހަވާލުކޮށްދެއްވީ އަހުމަދު ސިޔާމެވެ. ސިޔާމަށް ޕާޓީގެ ޓިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފެވެ.

އެމްޑީއޭގެ ޓިކެޓް ދެން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާ އެ ދާއިރާއަށް ކެމްޕޭން ވެސް ކުރައްވަމުން ގެންދަވާ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އާއިޝަތު ރަފިއްޔާ އާއި އެސްޓީއޯގެ ކުރީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަދި އަހުމަދު ސިޔާމް މުހައްމަދުގެ ކޮއްކޮ ހުސެއިން ސާލިމް މުހައްމަދެވެ. އޭނާ ވާދަކުރައްވަނީ ނ. ހޮޅުދޫ ދާއިރާއަށެވެ.

ޓިކެޓް ހަވާލުކުރެއްވި އަނެއް ބޭފުޅުންނަކީ، ނ. ވެލިދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީއޭ އުފެއްދުމުގަޔާއި އެ ޕާޓީގެ އިންތިގާލީ ކައުންސިލާއި ގައުމީ ކައުންސިލުގެ ވެސް މެންބަރު މުހައްމަދު އައްބާސް އާއި ނ. މަނަދޫ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް އަސްލަމް އަދި ރ. ދުވާފަރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އާދަމެވެ.

ޓިކެޓް ދޫކޮށްލައްވައި، މަޖިލީހަށް ވާދަނުކުރައްވާން އާޒިމާ ނިންމަވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރަށް ޕީޕީއެމުން ދިން ޓިކެޓް ދޫކޮށްލައްވައިފިއެވެ.

ޕްރައިމަރީއަކާ ނުލާ އާޒިމާއަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ޓިކެޓް ދީފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭނާ ވާދަކުރެއްވުމަށް ޓިކެޓް އެރުވީ ނ. ހޮޅުދޫ ދާއިރާއަށް ވާދަކުރެއްވުމަށެވެ.

ނަމަވެސް ރޭ ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާނެ ބޭފުޅުންގެ ނަންތައް ހިމެނޭ ލިސްޓުގައި، އާޒިމާއަށް ދިން ހޮޅުދޫ ދާއިރާއަށް ވާދަކުރާނެ ކަމަށް ބުނެފައިވަނީ އަހުމަދު ހަމްދާން ނާސިރެވެ.

ނަމަވެސް އާޒިމާއަށް އެރުވި ޓިކެޓް ދޫކޮށްލައްވައި ނަން އަނބުރާ ނެންގެވި ސަބަބެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އާޒިމާ އެކަން ކުރެއްވީ އަމިއްލަ ސަބަބުތަކަށްޓަކައެވެ.

ޕީޕީއެމް އާއި ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕީއެންސީ އިން މިހާރު ވަނީ ކޯލިޝަނެއް އެކުލަވާލައި މަޖިލިސް އިންތިހާބުގައި ގުޅިގެން ވާދަކުރަން ނިންމައިފައެވެ. އެގޮތުން އެ ޕާޓީ ގުޅިގެން މަޖިލީހުގެ 63 ދާއިރާއަކަށް ވާދަކުރަން ޓިކެޓް ވަނީ ދީފައެވެ.

މަޖިލީސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަިފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެކަމުގެ ފުރުސަތު ހުޅުވާލިކަން އިއުލާންކުރެއްވީ، އިލެކްޝަން ކޮމިޝަންގެ ލޯގޯއާއި ކުލަ އިފްތިތާހު ކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.

“2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުންނާއި، އާންމު ފަރާތްތަކުން ވާދަކުރުމަށް އަޅުގަނޑު މި ފުރުސަތުގައި ހުޅުވާލަން،” އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 264589 ކަމަށް އިލްކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އަދި މުޅިން އަލަށް 2336 މީހަކަށް މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓުލެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނާގޮތުގައި، މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓާއެކު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަން ހުޅުވާލާނެއެވެ.

ޖުމްހޫރީ ޕާޓީގެ މަޖިލިސް ޓިކެޓް ހޯދުމަށް 97 މީހަކު ހުށަހަޅައިފި

އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައި ވާދަކުރުމަށް 97 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަ ކަމަށް އެޕާޓީން ބުނެފިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ޖޭޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، އެ ފުރުސަތު އިއްޔެ ވަނީ ހަމަވެފައެވެ.

ޖޭޕީން ބުނީ، ފުރުސަތު ހުޅުވާލި މުއްދަތުގެ ތެރޭގައި މަޖިލީހުގެ އެކި ދާއިރާތަކަށް ވާދަކުރުމަށް 97 މީހަކު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ވާދަކުރަން ހުށަހެޅި ދާއިރާތަކެއް ޖާޕީން އަދި ހާމައެއް ނުކުރެއެވެ.

ޖޭޕީން ބުނިގޮތުގައި، ޓިކެޓަށް ހޯދުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޓިކެޓް ދޭނެ މީހުން ނިންމާނީ އެމީހުންގެ ވަނަވަރުތައް ބެލުމަށްފަހު ޕާޓީ ކައުންސިލުން އެކަމަށް ހޮވާފައިވާ ފަސް މެންބަރުންގެ ހާއްސަ  ކޮމިޓީއަކުންނެވެ.

އަދި އެއް ދާއިރާއަކަށް އެއް މީހަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާނަމަ ޓިކެޓް ދިނުމަށް ޕްރައިމަރީ އަކަށް ދާން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ވެސް ޖޭޕީން ބުނެއެވެ.

ޖޭޕީން އަދި އެއްވެސް ދާއިރާއެއްގެ ޓިކެޓް ނުދިން ކަމަށްވީ ނަމަވެސް، ޖޭޕީގެ ބައެއް ބޭފުޅުން ގެންދަވަނީ މިހާރު ވެސް ބައެއް ދާއިރާތަކަށް ވާދަކުރައްވަން ނިންމަވައި އެކަމަށް ކެމްޕެއިން ކުރަމުންނެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލާފައި މިވަނީ، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެ އިންތިހާބުގައި ވާދަކުރާނެ ގޮތަކާމެދު އެއްބަސްވުމަކަށް އަދި އާދެވިފައި ނުވަނީސް، އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމުމުންނެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ޖޭޕީން ވެސް އަދި ނިންމާފައެއް ނުވެއެވެ.

އަމިއްލަ ގޮތުން އީސީގެ ކުރީގެ ރައީސް، ފުއާދު ތައުފީގު ވެސް މަޖިލީހަށް!

އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، ފުއާދު ތައުފީގު އިއުލާން ކުރައްވައިފިއެވެ.

ތިން އަހަރާއި ހަތް މަސް ދުވަސް ވަންދެން ރާއްޖޭން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ފުވާދު އެކަން އިއުލާން ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ފުވާދު ވިދާޅުވީ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ގަސްދު ކުރައްވާ ކަމަށާއި އެދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުގައި ދަންނަވާ ކަމަށެވެ.

ފުވާދު ތައުފީގު މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވިއިރު، ރައީސް ނަޝީދު ވެސް ވަނީ އެކަން އިއުލާން ކުރައްވައިފައެވެ. މަޖިލިސް އިންތިހާބުގެ ކެމްޕޭން ފެއްޓެވުމަށް މައްޗަންގޮޅި ކާމިނީ މަގުގައި ރޭ ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކުފާނު ވާދަކުރައްވަން ނިންމަވާފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކަމަށެވެ.

އާއިލާއާއެކު ފުއާދުގެ ދިރިއުޅުން ލަންކާއަށް ބަދަލުކުރެއްވީ، ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލައެއްގެ ގޮތުގައި ނުވަތަ އެ ކޯޓުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި ހުކުމް އިއްވިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ.

ސޫމޯޓޯ މައްސަލައެއްގައި ފުއާދުގެ މައްޗަށް 2014 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހުކުމް އޭނާގެ މައްޗަށް ކުރީ، 3,000 މީހުން ހަމަނުވާ ޕާޓީތައް އުވާނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ގޮންޖައްސަވައި، އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

އެ ހުކުމާއެކު ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކޮށްފައެވެ. އެ ހުކުމުގައިވާ ބުނެފައިވާ ގޮތުގައި، އެ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު އެއްވެސް ކުށެއް ނުކޮށްފިނަމަ، ތިން އަހަރު ހަމަވުމުން ހުކުމް ތަންފީޒުކޮށް ނިމުނީއެވެ.

އެގޮތުން ފުއާދުގެ މައްޗަށް އިއްވި ހުކުމް މިދިޔަ އަހަރުގެ ވަނީ ތަންފީޒުކޮށް ނިމިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތް ކަމަށާއި ހުކުމުގެ މުއްދަތު ހަމަވިޔަސް ރައްކާތެރިކަން ލިބޭނެކަމުގެ އިހުސާސް ނުކުރެވޭ ކަމަށް ވިދާޅުވެ، ފުއާދު މިއަދާ ހަމައަށްވެސް ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.