ކެމްޕެއިން ނިންމާލުމަށް އިދިކޮޅު ކޯލިޝަނުން މާލޭގައި ބޮޑު ހިނގާލުމަކަށް!

މާދަމާ ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ފެށި ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

“އިންސާފުވެރި ޖަޒީރާރާއްޖެއަކަށް” ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ އެ ހިނގާލުން ފަށަން ހަމަޖެހިފައިވަނީ، މިއަދު ހަވީރު 4:00 ގައި ރަސްފަންނުންނެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދާނެ އެ “ޖަޒީރާ ރާއްޖެ ޕެރޭޑް” ނިންމާލަން ހަމަޖެހިފައިވަނީ ކޮންތަނަކަށް ކަމެއް އަދި ނޭނގެއެވެ.

އިިދިކޮޅުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އެމަނިކުފާނުގެ ރަނިންމޭޓްގެ ކެމްޕެއިންގެ ފަހު ހަރަކާތެއްގެ ގޮތުން ބާއްވާ އެ ހިނގާލުމުގެ ދައުވަތު ދެއްވާފައިވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދެވެ.

ހިނގާލުމަށް ދައުވަތު ދެއްވުމަށް ތައްޔާރުކޮށް، ޖަޒީރާ ރާއްޖެ ޓްވިޓާ އެކައުންޓުގައި ޕޯސްޓު ކޮށްފައިވާ ވީޑިއޯ އެއްގައި ރައީސް ނަޝީދު ވަނީ، އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުކޮށް، ރާއްޖެ ބަދަލުކުރުމަށް އެ ހިނގާލުމަށް ނުކުންނެވުމަށް އެދިވަޑައިގެންފައެވެ.

އަދި ރައީސް ޔާމީން މާ ބޮޑުތަނުން ވެސް ބަލިވެ، ބާކީވެފައިވާ ކަމަށާއި ދެން މި ރާއްޖޭގައި އުފެދިގެން އަންނާނީ ރައްޔިތުންގެ ހިޔާާއި ބޭނުންތަކަށް ހިންގާ ސަރުކާރެއް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

“ދެން ވެސް ރާއްޖޭގައި އުފެދިގެން އަންނާނީ ދިވެހިން ރައްޔިތުންގެ ސަރުކާރެއް. ދިވެހި ދީން ސަރުކާރެއް. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއް. ދިވެހިންގެ އުއްމީދާއި ދިވެހިންގެ ހިޔާލާ ދިވެހިންގެ ފިކުރާއި ދިވެހިންގެ ވިންދާ ދިވެހިންގެ ބޭނުންތަކަށް ހިންގާ ސަރުކާރެއް. ނުކުންނަވާ!،” ބޮޑު ހިނގާލުމަށް ދައުވަތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް މާލޭގައި ބޮޑު ހިނގާލުމެއް މިއަދު ބާއްވާއިރު، އިންތިހާބާ ގުޅިގެން ރައްޔިތުންގެ ހާލު ބައްލަވާ ހިޔާލު ހޯއްދެވުމަށް އައްޑޫން ޖުލައި 13 ވަނަ ދުވަހު އިބޫ އަދި ރަނިންމޭޓް ފައިސަލް ފެއްޓެވި “ޖަޒީރާ ދަތުރު” މިދިޔަ ހުކުރު ދުވަހު އައްޑޫން ވަނީ ނިންމާލައިފައެވެ.

ކެމްޕެއިން ދަތުރުތަކުގައި އިބޫ އަދި ފައިސަލް ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގަތްފައިވާއިރު، ކެމްޕެއިން ނިންމާލުމަށް އައްޑޫގައި އެންމެ އާބާދީ ބޮޑު ހިތަދޫގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި އިބޫ ވަނީ، އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި އެކަކު ވެސް އިންސާފުން ބާކީ ނުކުރާނެ ކަމަށް ވައުދުވެ، ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވާގޮތުން، ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ އެންމެ ފަހު ދުވަހަކީ މިއަދުގެ އިރުއޮއްސި 6:00 އެވެ.

ސަލަފުން ރައީސް ޔާމީނަށް ތާއީދުކުރަން ނިންމައިފި

ރާއްޖޭގެ އެންމެ ހަރަކާތްތެރި ދީނީ ޖަމިއްޔާ، ޖަމްޢިއްޔަތުއްސަލަފުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިތުރު ދައުރަކަށް ކުރިމަތިލައްވައިގެން ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރަން ނިންމައިފިއެވެ.

ސަލަފުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީނަށް އެ ޖަމްއިއްޔާއިން ތާއީދު ކުރަން ނިންމިކަން ހާމަކުރަންޖެހުނީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ސަލަފުން ތިބި ގޮތާމެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުން ސުވާލުކުރަމުންދާތީ އާއި ސަލަފުން އިހުތިޔާރުކޮށްފައި ގޮތާމެދު ޝައްކުތަކެއް އުފައްދަމުން ދިޔުމުގެ ސަބަބުން އެކަން ސާފްކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ކެންޑިޑޭޓް ނަންބަރު އެކެއް، ރައީސް އަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ސަލަފުން ތާއީދު ކުރަން ނިންމީ، ރިޔާސީ އިންތިހާބުގައި ކުރިމަރިލައްވާފައިވާ ދެ ކެނޑިޑޭޓުންނާއި އެބޭފުޅުންގެ ޕާޓީތަކާއި ފިކުރާއި މަންހަޖާއި އެޕާޓީތަކުގެ ވަށައިގެންވާ އެތެރެއާއި ބޭރުގެ ފަރާތްތަކާއި މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބެލުމަށްފަހު ކަމަށް ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.

“އިޖުތިމާއީ ބޮޑެތި މައްސަލަތަކުގައި ދީނީ ހައިސިއްޔަތުން ބަސްބުނެ، މީސްތަކުން ހޭލުންތެރިކުރުވުމުގެ ދީނީ މަސްއޫލިއްޔަތު އަދާކުރުމަކީ މި ޖަމިއްޔާގެ މަގުސަދެއް ކަމުގައިވީހިނދު، މިއަދުގެ މި ހާލަތުގައި، މިކަމުގައި ބަހެއް ހާމަކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އޮތް ދީނީ އަމާނާތަކެވެ.،” ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ދަނޑިވަޅުގައި މީހަކު ތާއީދުކުރާ ވަކި ކެނޑިޑޭޓެއްގެ ސަބަބުން މުސްލިމުންގެ އަބުރާ އިއްޒަތަށް އަރައިނުގަތުމަށާއި މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އަހުވަންތަކަމަށް އަރައި ނުގަތުމަށް ސަލަފުގެ ބަޔާނުގައި އެދިފައިވެއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ސަލަފުން ރައީސް ޔާމީނަށް ތާއީދު ކުރަން ނިންމައި އެކަން ހާމަކޮށްފައިވާއިރު، ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި މުފައްކިރުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދުކުރަން ނިންމަވައި، ބައެއް ބޭފުޅުން ކެމްޕެއިންގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އުމަރު ނަސީރުގެ އިލްތިމާސް މުއައްސަސާތަކަށް: ކޮންމެ ގޮތަކަށް ރައްޔިތުން ނިންމެވިޔަސް، އިހްތިރާމް ކުރައްވާތި!

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ކޮންމެ ގޮތަކަށް ރައްޔިތުން ނިންމެވި ނަމަވެސް، އެ ނިންމެވުމަކަށް އިހްތިރާމް ކުރެއްވުމަށް ރާއްޖޭގެ މުއައްސަސާތަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިލްތިމާސް ކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު، ވާދަނުކުރައްވަން ނިންމެވި އުމަރުގެ ފޭސްބުކް ޕޭޖުގައި އެ އިލްތިމާސް ކުރައްވާފައިވަނީ، އިލެކްޝަން ކޮމިޝަން އަށާއި ސިފައިންނާއި ފުލުހުންގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަށެވެ.

އަދި ފަސް އަހަރުން އެއް އަހަރު ވޯޓަކުން ރައްޔިތުންނަށް ލިބޭ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަށް ރައްޔިތުންނަށް އުމަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

“ފަސް އަހަރުން އެއް އަހަރު ވޯޓަކުން ވެރިޔަކު ހޮވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިއްޕަވާ އަމިއްލަ ވިސްނުމަކުން ވިސްނަވާ ވޯޓު ދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.” މިގައުމަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމުން އުމަރުގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރައްވައި، އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ބޭނުންވާ މީހުންގެ ސޮއި ވެސް ހަމަކުރެއްވުމަށްފަހު އުމަރު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ.

އަދި އުމަރުގެ ވިސްނުން ބަދަލުވިއިރު، އޭނާ ވަނީ ވެރިކަމުގައި ގެންގުޅުއްވާނެ ސިޔާސަތުތައް ވެސް އިއުލާން ކުރައްވައިފައެވެ.

ވާދަނުކުރައްވަން ނިންމެވިކަން ހާމަކުރައްވާ އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއަދުގެ ސިޔާސީ ހާލަތު އޮތް ގޮތުން، ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށް ވުރެ ބޮޑަށް، މި ފަހަރު ބަދަލުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށެވެ.

އަދި ވިދާޅުވީ، އޭނާގެ ވަގުތު އަދި ނުޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ސިޔާސީ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އިންތިހާބު ކަވަރު ކުރާ ބޭރުގެ ނޫސްވެރިންނަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން: އިބޫ

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކަވަރު ކުރުމަށް ރާއްޖެ އަންނަ ބޭރުގެ ނޫސްވެރިންނަށް، މިނިވަންކަމާއެކު އިންތިހާބު ކަވަރު ކުރުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު މިނިވަންކަމާއެކު ކަވަރު ކުރުމަށް އުޅޭ ބޭރުގެ ނޫސްވެރިންނަށް ރައީސް ޔާމީންގެ މި ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި ބައިނަލްއަގްވާމީ ނޫސްވެރިންނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ކަމާބެހޭ އިދާރާތަކަށް އިބޫގެ ޓްވީޓުގައި ގޮވާލައްވާފައިވެއެވެ.

އިންތިހާބު ކަވަރު ކުރަން ރާއްޖެ އަންނަ ބައިނަލްއަގްވާމީ ނޫސްވެރިންނާ ގުޅޭގޮތުން އިބޫ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އިންތިހާބު މޮނީޓާ ކުރުމަށާއި މީޑިއާތަކާއި އޮބްޒާވް ކުރުމަށް އަންނަ ބޭރުގެ ފަރާތްތަކަށް ވެސް ދޫކުރުމަށް އިމިގްރޭޝަނުން ހަމަޖައްސާފައިވަނީ ބިޒްނަސް ވިސާ އެވެ.

އިމިގްރޭޝަނުން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިޒްނަސް ވިސާ ދޫކުރެވޭނީ އޮބްޒާވަރުގެ ގޮތުގައި ހަރަކާތްތެރިވުމަށް ނުވަތަ މޮނީޓަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އަދި ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވުމަށްފަހު އިލެކްޝަން އޮބްޒާވްކުރުމަށް ނުވަތަ މޮނީޓާ ކުރުންފަދަ ކަންކަން ކުރިއަށް ގެންދިއުމަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފް ކަމެއް ކަމަށާއި އެފަދަ އެއްވެސް މަސައްކަތެއްގައި ޝާމިލުވާ ފަރާތްތަކާމެދު އެ އިދާރާގެ ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އިލެކްޝަން ކަވަ ކުރުމަށް އަންނަ ފަރާތްތަކަށް ރާއްޖެ އަންނަން ވާނީ ބިޒްނަސް ވީސާ އެޕްރޫވް ވުމުން ކަމަށާއި ވީސާ އެޕްރޫވްވުމުގެ ކުރިން ރާއްޖެ އަންނަ ފަރާތްތައް އަނބުރާ ފޮނުވާލެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިލެކްޝަން ކަވަރު ކުރަން ބޭނުންވާ ފަރާތްތަކުން ބިޒްނަސް ވިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ބަންދުވާއިރު، އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ބައިނަލްއަގްވާމީ އޮބްޒާވަރުންގެ ގޮތުގައި 51 ފަރާތަކުން ބައިވެރިވާނެ ކަމަށެވެ.

އަދި އިންތިހާބުގެ ކަންކަން ކަވަރު ކުރުމަށް އިންޓަނޭޝަނަލް މީޑިއާގެ ގޮތުގައި ހިމެނޭ 34 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ވޯޓާސް ލިސްޓުގައި އިދިކޮޅު ކޯލިޝަނުން ސޮއިކޮށްފި! ނަމަވެސް ލިސްޓު ނުލިބޭތީ ކަންބޮޑުވުން

މިމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ފަރާތުން ސޮއިކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފެއްޓެވީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އަދި އެކަމަށް ފަސް ދުވަސް ދީފައިވާއިރު މިއަދަކީ އެ ލިސްޓުގައި ސޮއިކުރުމުގެ އެންމެ ފަހު ދުވަހެވެ.

މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ދެއްކި ވޯޓާސް ލިސްޓުގެ ކޮންމެ ގަނޑެއްގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ސޮއިކޮށް ނިންމާލައިފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ކެންޑިޑޭޓަކަށް ވެސް އެބޭފުޅަކު ސޮއިކުރި ވޯޓާސް ލިސްޓު ލިބެންޖެހޭއިރު، އެ ލިސްޓު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކަންބޮޑުވަނީ މިކަމާ ކީއްވެތޯ ޕީޕީއެމް ކަންބޮޑުފުޅު ނުވަނީ. އެތާ އޮންނާނެ ލިސްޓަކީ އެބޭފުޅުންނަށް ކިހިނެއްތޯ ކަށަވަރު ކުރެއްވެނީ، އެބޭފުޅުން ]ޕީޕީއެމް[ ގެ ވެސް އޮބްޒާވަރުން ތިބޭނެ، އަޅުގަނޑުމެންގެ ވެސް އޮބްޒާވަރުން ތިބޭނެ. އެހެންވިޔަސް އެބޭފުޅުން ކިހިނެއްތޯ ކަށަވަރުކުރާނީ އިލެކްޝަންސް ކޮމިޝަނުން އެތަނަށް ފޮނުވާފައިވާ ލިސްޓާއި ދެން އޮބްޒާވަރުން އަތުގަ އޮންނާނެ ލިސްޓު،” މާރިޔާ ވިދާޅުވިއެވެ.

އަދި ވޯޓުލާ ދުވަހު ވޯޓު ލުމަށް ވަޑައިގަންނަވާ މީހުންނާއި ވޯޓުލާ މީހުން ބަލާ އެއީ ރަނގަޅަށް ހިނގާކަންކަންތޯ ބެލުމަށް ވޯޓުލާ މަރުކަޒުތަކުގައި ތިބޭ ކެންޑިޑޭޓުންގެ އޮބްޒާވަރުންނަށް ވެސް ދެ ކެންޑިޑޭޓުން ސޮއިކުރި ވޯޓާސް ލިސްޓެއް ލިބޭނެ ގޮތް ހައްދަވައިދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބާ ގުޅިގެން ހުރި އިތުރު ކަންބޮޑުވުންތަކާ ގުޅިގެން މާރިޔާ ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕު ކުރެވިފައިވޭތޯ އަދި ޗާޕު ކުރެވިފައިވަނީ ކިތައް ވޯޓު ކަރުދާސް ކޮޅުތޯ އެއީ ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތެއް ނަމަވެސް އެކަން މިހާތަނަށް ވެސް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.

އަދި ވޯޓު ލާފައި އޮއްވާ އެ ވޯޓު ކަރުދާހަކީ ސައްހަ ރަނގަޅު ކަރުދާސްތޯ ބަލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ މާރިޔާ ވިދާޅުވީ، ވޯޓުގެ ހުރިހާ ކަމަކާ ހަވާލުވެ ތިބޭ ފަރާތަކީ ފުލުހުން ކަމަށްވާއިރު ލެވޭ ވޯޓު ކަރުދާސް ތަކަކީ ސައްހަ ވޯޓު ކަރުދާސް ކޮޅެއްތޯ އެފަރާތްތަކުން ބައްލަވަންޖެހޭނެ ކަމަށެވެ.

“އެހެންވީމަ އެބޭފުޅުން (އިލެކްޝަން ކޮމިޝަން) އިން އެއްވެސް ކަހަލަ ވެރިފިކޭޝަން ޕްރޮސީޖާއެއް ގެންދަވާކަމަށް ވަންޏާ މީހާ ވޯޓު ކަރުދާހުގައި އަތްލާ ފާހަގަ ޖެހުމުގެ ކުރީން އެކަން ކުރައްވަންޖެހޭނެ. ގާނޫނާއި ގާނޫނު އަސާސީގައި އޮންނަ ގޮތުން ވޯޓު ކަރުދާސްކޮޅު މީހާ ލުމަށްފަހު ހަމައެކަނި ކުރެއްވޭނެ ކަމަކީ ގުނުން،” މާރިޔާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ވޯޓާލަސް ލިސްޓުގައި މިއަދު ސޮއިކޮށްފައިވާއިރު، އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފައިވަނީ ވޯޓާސް ލިސްޓުގައި ޕީޕީއެމްގެ ފަރާތުން ވެސް ސޮއިކޮށްފައިވާ ކަމަށެވެ.

ވެރިކަމަށް ތަޅާފޮޅުން ނިމުމަކަށް ގެނެސް، ރާއްޖޭގެ ވެރިކަން އާ ޖީލަކަށް ވާރުތަވާންޖެހޭ: ޑރ. ޝަހީމް

ދިވެހިރާއްޖޭގެ ވެރިކަން ބޭނުންވެގެން އެކަމަށް ތަޅާފޮޅުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހދ. އަށާއި ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހދ. ހަނިމާދޫއަށް ވަޑައިގަތް އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޝަހީމް ރޭ ވިދާޅުވީ، ރާއްޖޭގެ ވެރިކަން އާ ޖީލަކަށް ވާރުތަވާންޖެހޭ ކަމަށާއި އެ ޖީލުގެ މުވައްސިސަކީ ރައީސް އަބްދުﷲ ޔާމީން ކަމުގައި ވާންޖެހޭ ކަމަށެވެ.

“ރާއްޖޭގެ ވެރިކަން އާ ޖީލަކަށް ވާރުތަވާން އެބަޖެހޭ. އެ ޖީލުގެ މުވައްސިސަކީ ރައީސް އަބްދުﷲ ޔާމީނަށް ވާން އެބަޖެހޭ. އެއީ އާ ސިވިލައިޒޭޝަނެއް އިސްލާމީ އުސޫލުތަކުގެ މައްޗަށް ގާއިމްވެފައިވާ ތަރައްގީ މިތަނަށް ގާއިމްވާން އެބަޖެހޭ،” ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެތިން ހަތަރު މީހެއްގެ ކޯލިޝަނެއްގެ ތެރޭގައި ދިވެހިން ތާށިވެފައި ތިބޭކަށް ނުޖެހޭ ކަމަށެވެ. އާ ކޯލިޝަނަކަށް ވެރިކަން ހަވާލުކޮށްގެން ވާނެ ފައިދާއެއް ވެސް ނެތް ކަމަށާއި އެކަން ރާއްޖޭގެ ތާރީހު ދައްކައިދީފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ވޭތުވެދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިކަމާ ކޯޅޭބަޔަކު އެބަތިބި ކަމަށާއި އެކަން ކޮންމެވެސް ގޮތަކަށް ނިންމަންޖެހޭ ކަމަށެވެ.

“މިކަން އެބަޖެހޭ ނިމެން. އެ މަރުހަލާ ގޮސްފި މިހާރު. އިސްލާހީ ހަރަކާތާއި ގާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ވެރިކަން ބަދަލަކަށް ބޭނުންވެގެން ވޯޓު ލުމާއި މިކަންކަން މިހާރު ނިމިއްޖެ. މިހާރު ކުރިއަށް ގެންދަންވީ ބިނާކުރުން،” އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެ ޝަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ މިވެރިކަމުން ފައްޓަވާފައިވާ މަޝްރޫއުތައް ހުއްޓި ޕާޓީތައް ކޯޅެން ފަށާނެ ކަމަށެވެ. އޭގެ ބަދަލުގައި އިދިކޮޅު މެންބަރުން ވެސް ރައީސް ޔާމީނާ ގުޅި، ރަނގަޅު ކުރަންހުރި ކަންކަން ކިޔައިދެއްވުމަށް ޝަހީމް ގޮވާލެއްވި އެވެ.

“އެބޭފުޅުން ވެސް ]އިދިކޮޅު ފިކުރުގެ ބޭފުޅުން[ ރައީސް ޔާމީނަށް ވޯޓު ދެއްވާފައި މިއިން ހުރިކަންކަން އިސްލާހުކުރަން ތިއްބަވަންވީ. ނަސޭހަތް ދެއްވަންވީ މަޝްވަރާ އަރުވަންވީ. އެގޮތަށް މިކަން ކުރަންވީ. މި ވެރިކަމާހެދި ތަޅާފޮޅުމުގެ ކަންކަން އެބަޖެހޭ ނިމުމަކަށް ގެންނަން،” ޝަހީމް ވިދާޅުވިއެވެ.

ރާއްޖެ ދަތުރުކުރަމުން މިދަނީ ޒަމާނީ ތަރައްގީއާއި ތަހުޒީބު ރާއްޖެއަށް ގާއިމްކުރުމުގެ މިސްރާބަށްކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އެކަމުގައި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅާލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީނަށް އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ، ރާއްޖޭގެ ސިޔާސީ ތައައްސުބާއި އަދާވާތްތެރިކަން ނައްތާލައި އިސްލާމީ އުހުތްވަތްތެރިކަން ގާއިމްކުރަން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހދ. އަށާއި ށ. އަތޮޅަށް ޝަހީމް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހދ. ގެ ރަށްތަކުގެ ތެރެއިން ދެން ވަޑައިގަންނަވާނީ ހދ. ގެ ހަތް ރަށަކަށާއި ށ. އަތޮޅުގެ ތިން ރަށަކަށެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ޑރ. ޝަހީމް، ހދ. އާއި ށ. އަތޮޅަށް

މިމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހދ. އަތޮޅަށާއި ށ. އަތޮޅަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެގޮތުން އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ޑރ. ޝަހީމް މިއަދު ވަޑައިގަތީ ހދ. ހަނިމާދޫ އަށެވެ. އެއަށްފަހު ހދ. އިން ދެން ވަޑައިގަންނަވާނީ ކުޅުދުއްފުއްޓަށާއި ވައިކަރަދޫ، ނެއްލައިދޫ، ކުމުންދު، ނާވައިދޫ، ނޮޅިވަރަމް އަދި ކުރިނބީ އަށެވެ.

ށ. އަތޮޅުން ޝަހީމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮމަންޑު އާއި ފޯކައިދޫ އަދި މަރޮއްޓަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވުމާއެކު ޝަހީމް ގެންދަވަނީ އެމަނިކުފާނަށް ތާއީދު އިތުރު ކުރެއްވުމަށް ގިނަ ރަށްތަކަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.

އެގޮތުން، ގއ. ގެ ބައެއް ރަށްތަކަށާއި ނައިބް ރައީސް އަބްދުﷲ ޖިހާދާއި ޝަހީމްގެ އަނބިކަނބަލުންގެ އުފަން ރަށް ގދ. ތިނަދޫގެ އިތުރުން ފުވައްމުލަކަށް އޭނާ ވަނީ ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ. ޝަހީމް އެންމެ ފަހުން ވަޑައިގަތީ ލ. އަތޮޅަށެވެ.

ޝަހީމް ކެމްޕެއިން ދަތުރުތަކުގައި އަވަދިނެތި އުޅުއްވާއިރު، ރައީސް ޔާމީން ގެންދަވަނީ މި ސަރުކާރުގައި ރަށްތަކުގައި ކޮށް ނިންމާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް އެރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުނެވެ.

އަދި މިދިޔަ މަހުގެ ފަހުކޮޅު ނިލަންދޫގައި ވަނީ އެމަނިކުފާނުގެ ފުރަތަމަ ކެމްޕެއިން ޖަލްސާ ބާއްވައިފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރައްވާނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އެމަނިކުފާނާއި ރަނިންމޭޓް ފައިސަލް ވެސް ގެންދަވަނީ ކެމްޕެއިންގައި ބުރަކޮށް އުޅުއްވަމުންނެވެ.

އެގޮތުން އިބޫ މިހާރު ވެސް ގެންދަވަނީ ހުވަދު އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް ކުރައްވަމުންނެވެ. އަދި ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް މިއަދުގެ ވަގުތެއްގައި ފައިސަލް ވަނީ އިންޑިއާއަށް ދަތުރުފުޅެއްގައި ވަޑައިގެންފައެވެ.

ރިޔާސީ ބަހުސްގައި ބައިވެރިނުވާން އިބޫ ނިންމަވައިފި

ރިޔާސީ ބަހުސްގައި ބައިވެރިވަޑައިގަތުމަށް ނިންމެވި ނިންމެވުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބަދަލުކުރައްވައި، އެ ބަހުސްގައި ބައިވެރިނުވުމަށް ނިންމަވައިފިއެވެ.

ޕީއެސްއެމްއާއި އެމްއެންޔޫ ގުޅިގެން ބާއްވާ ބަހުސްގައި ބައިވެރިނުވުމަށް އިބޫ މިހާރު ނިންމަވާފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންއާ އެކު ބަހުސްއަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށް އިބޫ ވަނީ ކުރިން ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ އެމްއެންޔޫގެ ބަހުސް އޮންނާތީ ރާއްޖެ ޓީވީން ބާއްވާ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެކަމުގެ އިހްލާސްތެރިކަމާއި ބަހުސްގެ މިނިވަންކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

“އެހެންކަމުން އެމްއެންޔޫގެ ޑިބޭޓުގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ވެސް އިބޫގެ ނެތް. މި ފެންނަނީ އެއްވެސް އިހުލަސްތެތިކަމެއް ނެތް ކަން. ޑިބޭޓަކަށް ވަންޏާ އެއީ ކޮންމެ ތަނަކުން ދައުވަތު ދިން ކަމުގައި ވިޔަސް ރައީސް ޔާމީން ބައިވެރިވާނެ ކަމަށް ދެކުނީ. ނަމަވެސް ވަކި ތަނަކަށް އާނބަސް ވިދާޅުވެފައި ދެން ހުރި ތަނަކަށް ނޫނެކޭ ބުނާ ކަމަށްވަންޏާ އެއީ މިނިވަން ބަހުސްއެއްގެ ގޮތަށް ކުރިއަށް ދާނެ ކަމަކަށް ނުފެނޭ،” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްއެންޔޫގެ ބަހުސްގަައި ބައިވެރިވުމަށް ދުރާލާ ގަޑިތައް އެންގެވުމަށް ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން އަންގާފައިނުވާ ކަމަށެވެ.

އިދިކޮޅުގެ ގެދޮރުވެރިކަމުގެ ސިޔާސަތު: ކުލި ދައްކަން ސަބްސިޑީއެއް، ހޯމް ލޯންގެ އިންޓަރެސްޓް ހަ ޕަސެންޓަށް!

އިދިކޮޅުގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވެރިކަމުގެ ގެދޮރުވެރިކަމުގެ ސިޔާސަތު އާންމުކޮށްފިއެވެ.

ނ. މިލަދޫގައި ރޭ ބޭއްވި އިދިކޮޅު ޕާޓީތަކުގެ ކެމްޕެއިން ޖަލްސާގައި އިބޫ ވިދާޅުވީ، ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ވަސީލަތްތައް ހޯދައިދިނުމަކީ އޭރަކު އޮންނަ ވެރިކަމަކުން ކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ކަަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް 106 ރަށަކަށް ދެވުނުއިރު، ކޮންމެ ރަށަކަށް ދިއުމުން ވެސް އެރަށެއްގެ ރައްޔިތުން އެންމެ ބޮޑަށް ކުރާ ޝަކުވާއަކީ ބޯހިޔާވަހިކަމުގެ ޝަކުވާ ކަމަށް ވިދާޅުވިއެވެ.

“މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތެއް އެބައޮތް. އެ ސިޔާސަތު ތަންފީޒުވެ ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭނެ ރައްޔިތަކު ނުހުންނާނެ،” ނ. އަތޮޅާއި ރ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި މިލަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި މިވަގުތު 20،000 އާއިލާއެއް ބޯހިޔާވަހިކަން ބޭނުންވެފައި އެބަ ތިއްބެވެ. އަދި އެއީ ބޮޑު އަދަދެއް ނަމަވެސް އެކަން ކުރެވިދާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

އެގޮތުން، އިދިކޮޅުގެ ވެރިކަމެއްގައި ސޯޝަލް ހައުސިންގެ މަސައްކަތް ފަށާނީ އެކަން ކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ހާމަކޮށްފައި އޮންނާނެ ގާނޫނެއް ރައްޔިތުން މަޖިލީހުން ފާސްކޮށްގެން ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި އިދިކޮޅުގެ ވެރިކަމެއްގައި ގެދޮރު ބޭނުންވާ މީހުން ބަހާނެ ތިން ކެޓަގަރީއެއް އިބޫ ހާމަކުރެއްވިއެވެ.

ފުރަތަމަ ކެޓަގަރީ: އެއްވެސް ފައިސާއެއް ދީގެން ނޫނީ ކުއްޔަށް ހިފައިގެން ވެސް ނޫޅެވޭ ހާލަތުގައި ތިބޭ ރައްޔިތުން

އިބޫ ވިދާޅުވީ އެފަދަ ފަރާތްތަކަށް އާމްދަނީއެއް ހޯދައިގެން ދިރިއުޅެވެންދެން އެމަނިކުފާނުގެ ސަރުކާރެއްގައި ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ދެވަނަ ކެޓަގަރީ: ލިބޭ އާމްދަނީ އެކީގައި ކުލި ދައްކައިގެން ނުވަތަ ފުލެޓް ގަނެވޭނެހާ އާމްދަނީއެއް ނުލިބޭ ރައްޔިތުން

އިބޫ ވިދާޅުވީ، އެފަދަ ފަރާތްތަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ސަބްސިޑީއެއް ފޯރުކޮށްދޭނެ ކަމަށެވެ. އޭރުން އެމީހަކު ދިރިއުޅޭ ފުލެޓަށް ނުވަތަ އުޅޭ ތަނަކަށް ކުލި ދައްކައިގެން ލިބޭ މުސާރަކޮޅުން އާއިލާއާއެކު ހަމަޖެހޭ ތާހިރު ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ.

ތިންވަނަ ކެޓަގަރީ: ފައިސާ ހުރިނަމަވެސް ގެދޮރު ގަންނަން ދައްކަންޖެހޭ އެޑްވާންސް ފައިސާ ބޮޑުވެ ނުވަތަ ލޯނު ލިބޭނެ ގޮތެއް ނެތިފައި ތިބި ރައްޔިތުން

އެފަދަ ފަރާތްތަކަށް އިދިކޮޅުގެ ވެރިކަމެއްގައި ލުއި ގޮތްތަކެއް ހޯދައިދޭނެކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ، އެޑްވާންސް ޕޭވްމަންޓް ދަށްކޮށް ދޭ ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ހަ ޕަސަންޓަށް ކުޑަ ކުރެވިގެންދާނެ ކަމަށެވެ.

އިދިކޮޅު ސަރުކާރުގެ ގެދޮރުވެރިކަމާ ގުޅޭ ސިޔާސަތުތަކެއް އިބޫ ހާމަކުރެއްވިއިރު، “ހިޔާ އެކޮމްޕްލިޝްޑް” ގެ ނަމުގައި ވިލިމާލެ ހިއްކައިގެން އުމުރުން 18 އަހަރުން މަތީ އެންމެނަށް ގޯތި ދޫކުރާ ގޮތަށް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ގެދޮރުވެރިކަމާ ބެހޭ ސިޔާސަތުގެ ތެރެއިން ބިޔަ މަޝްރޫއެއް އިއުލާން ކުރައްވައިފައެވެ.

އިބޫއަކީ އެތައް ބައެއްގެ ދަށުވެފައި ހުންނެވި ބޭފުޅެއް، ވެރިކަމެއް ނުކުރެވޭނެ: ރައީސް ޔާމީން

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ އެތައް ބައެއްގެ ދަށުވެފައި ހުންނެވި ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކަށް ގައުމެއްގެ ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިބޫއަށް ވެރިއެއްގެ ހައިސިއްޔަތުން އޮތް ބާރަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވަންޖެހޭ ކަމަށާއި އެމްޑީޕީގައި އިބޫއަށް ނުފޫޒު ފޯރުވައި އަމުރު ކުރެވޭނެ އެތައް ފަރާތްތަކެއް ތިބުމުން ރައްޔިތުން އެދޭ ވެރިކަމެއް ކޮށް ނުދެވޭނެ ކަމަށެވެ.

“އެބޭފުޅުންގެ މެނިފެސްޓޯގައި ފާޅުކަންބޮޑު ގޮތަކަށް އެ ވިދާޅުވަނީ ތިމަންނަމެންނަށް ވެރިކަން ލިބިއްޖެއްޔާ މިތަން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކުރާނަމޭ. ބަރުލަމާނީ ނިޒާމަކަށް މިތަން ބަދަލުކޮށްފިނަމަ އަނެއްކާވެސް ރައްޔިތުންނަށް އެތައް ބޮޑެތި އިންތިހާބީ ހަރަދުތަކެއް ކުރަން ޖެހޭ،” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގައި ނުފޫޒު ގަދަ އެތައް ބަޔަކު އެބަ ތިބި ކަމަށާއި ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޖަވާބުދާރީވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސް ކިޔޭ އެތައް ބަޔަކު، އޭނަގެ މައްޗަށް ބާރު ހިންގާ އެތައް ވެރިންތަކެއް ތިބޭ ކަމަށް ވާނަމަ ދައުލަތެއް ނުހިންގޭނެ ކަމަށެވެ.

“ރައްޔިތުން ބޭނުންވާގޮތަށް ދައުލަތެއް ހިންގަން ބޭނުންވާނަމަ، ދައުލަތް ހިންގަން އިންތިހާބުކުރާ މީހާއާ ހަމައިގައި ހުރިހާ ބާރުތަކެއް އޮތުން މުހިއްމު. ވެރިޔަކު ތެދުވެރިވާންޖެހޭނީ، އޭނާގެ ކުރިމަތީގައި އޮންނަ ގާނޫނު އަސާސީއަށާއި، ގައުމުގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި، ގާނޫނީ ވެރިކަމެއް ދެމެހެއްޓުމަށާއި އިންސާފު ގާއިމްކުރުމަށް. އަދި ސިޔާސީ އެތައް ލީޑަރުންގެ ބަސް އަހައިގެން ވެރިކަން ކުރަން އުޅުއްވައިގެން ވެރިކަމެއް ނުހިންގޭނެ،” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނު ހިންގާ މަޝްރޫއުތައް ކޮންމެ ރަށަކަށް ވަޑައިގަތަސް ފެންނާނެ ކަމަށާއި އެ މަންޒަރުތައް އިދިކޮޅު ކެންޑިޑޭޓަށް ވެސް ފެންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ނުކުތީ ރައްޔިތުންނާއެކު ކަމަށާއި ނިންމަވާނީވެސް ރައްޔިތުންނާއެކު ކަމަށް ވެސް ވިދާޅުވިއެވެ.