ރައީސް ޔާމީންގެ ވައުދުތައް އިބޫ ގެންދަވަނީ ކޮޕީ ކުރައްވަމުން: ނިހާން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މެނިފެސްޓޯ ވައުދުތައް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކޮޕީ ކުރައްވަމުން ގެންދަވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ސަކީނާ މަންޒިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ތިން ލައްކަ މީހުން އާބާދު ކުރެވޭ ވަރުގެ ސަހަރެއް ވިލިމާލެ 2ގެ ނަމުގައި އިފްތިތާހު ކުރައްވައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިތާ ދެތިން ހަތަރު ދުވަހެއް ފަހުން ތިމަންނާވެސް ރައްޔިތުންނަށް ގޯތި ގެދޮރު އަޅައިދޭނަމޭ އިބޫ ވިދާޅުވި ކަމަށެވެ.

“އިބޫއަށް ގޯތިގެދޮރު އަޅައިދޭނެ ގޮތެއް ވިދާޅެއް ނުވެވުނު. އެހެންވީމަ މި ވައުދުތަކާއި އަޅުގަނޑުމެންގެ ޕާޓީން ރައްޔިތުންނާ ހަމައަށް ވިއްކާ ވައުދު، ރައްޔިތުންނާ ހަމައަށް ގެނެސްދީ ނިމިފައި އޮތް ވައުދު ކޮޕީ ކުރައްވަން ނޫޅުއްވާށޭ ދަންވާލަން ބޭނުން ވަނީ،” އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ނަގާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ޒަމާނުއްސުރެވެސް އެމްޑީޕީން ކުރާ ކަމެއް ކަމަށެވެ. އަދި ދިވެހި ފުލުހުންނާ ދިމާއަށް “ގޮޅާ ފޯސް”އޭ ކިޔާ މުހާތަބު ކުރި ދުވަސް ރައްޔިތުން ހަނދާން ނުނެތޭ ކަމަށް ވެސް ވިދާޅުވިއެވެ.