ރިލްވާން މައްސަލައިގައި ރައީސް ޔާމީން ޖަވާބުދާރީވާން ޖެހޭނެ: އިބޫ

މީގެ ހަތަރު އަހަރު ކުރީން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުނު މައްސަލަ އަލުން ބަލައި ތަހުގީގު ކުރާނެ ކަމަށާއި އެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާބައިދުއަށް ވަޑައިގެން އިބޫ ވިދާޅުވީ، ގދ. މަޑަވެލީގައި މިއަދު ރައީސް ޔާމީން ވާހަކަފުޅުދައްކަމުން ރިލްވާން މަރުވިކަން ކަށަވަރުވެފައިވާ ކަމަށް ވިދާޅުވުމުން ކަންބޮޑުވާ ކަމަށާއި އެއީ ގައުމެއްގެ ވެރިޔަކު ކޮށްގެން ނުވާނެ ކަމެއް ކަމަށެވެ.

“މިއީ ވަރަށް ކުޑާއްމިސްކޮށް އެމަނިކުފާނު ކުރެއްވި ކަމެއް، އަޅުގަނޑު ހިތުން ގައުމެއްގެ ވެރިޔަކު ކުރައްވައިގެން ނުވާނެ ކަމެއް އެކުރެއްވީ، ރިލްވާންގެ އާއިލާ އެކަން ހޯދަން ފުލުހަށާއި އެކިއެކި މުއައްސަސާތަކަށް ހިނގި އަދަދު، ލިޔުނު ސިޓީ ގުނާ އަދަދު ނުކުރެވޭނެ، އެއްވެސް ޖަވާބެއް އެއްވެސްތާކުން ނުލިބެ،” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލާގައި ތަހްގީގަކާއި ޝަރީއަތެއް ކުރެވިގެން ގޮސްފި ކަމަށާއި ނަމަވެސް ތަހްގީގަށްވެސް ރިލްވާން މަރުވިކަން ހާމެވެފައިނުވާ ކަމަށެވެ.

“މިއަދު އާންމު ބައްދަލުވުމެއްގައި ރާއްޖޭގެ ރައީސް އެ ހާމަކުރެއްވީ އެމަނިކުފާނަށް ކަށަވަރުވެފައިވާކަން ރިލްވާން މަރުވެފައިވާކަން، މިއީ އަޅުގަނޑުމެން މިދަންނަވަނީ ވަރަށް އިހާނެތިކޮށް އެމަނިކުފާނު ކުރެއްވި ކަމެއް، ކިހިނެތްތޯ މިއަދު ރިލްވާންގެ އާއިލާ ކެތްކުރާނީ، ކީއްވެތޯ އެމަނިކުފާނަށް އެނގިވަޑައިގަންނަވާއިރުގައި ތަހުގީގަށް ހާމަ ނުކުރެއްވީ. އަޅުގަނޑުމެންގެ ވެރިކަމެއްގައި ދެފުށްފެންނަ ހާމަކޮށް އެކަން އަލުން ތަހްގީގްކޮށް އެކަމަށް ވީނުވީއެއް އަޅުގަނޑުމެން ހޯދާނަން، އެދުވަހުން ރައީސް ޔާމީން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ،” އިބޫ ވިދާޅުވިއެވެ.

ރައީސް، ރިލްވާންގެ މަރު ސާބިތު ކުރެއްވީއެއް ނޫން: ތަރުޖަމާން

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން އާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ދެއްކެވިވާހަކަފުޅުގައި ރިލްވާން ނިޔާވެފައިވާ ކަމަށް ވިދާޅުވީ އޭނާގެ މަރު ސާބިތު ކުރައްވަން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ގެއްލުވާލާފައިވާ ރިލްވާންއާ ގުޅިގެން ގދ. މަޑަވެލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން މިހާރު ވަނީ ނިޔާވެފައި ކަމަށާއި ޝައްކެއް ވެސް ނެތް ކަމަށެވެ. އަދި އެއީ ހިތާމަވެރި ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރައީސްގެ އެވާހަކަތައް ތަރުޖަމާކޮށްދެއްވައި މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ އެވާހަކަފުޅު އަމާޒު ކުރެއްވީ ކުރީގެ ނައިބް ރައީސް އަދީބް، ރައީސް އާއި ކަބިނެޓާ ގުޅުވައިގެން ހެއްދެެވި ބޮޑު ދޮގެއްގެ މައްޗަށް ކަމަށެވެ.

“ގދ. މަޑަވެލީގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުދައި، ރައީސް ރިލްވާންގެ މަރު ސާބިތު ކުރެއްވީ އެއް ނޫން. ޝައްކެއް ނެތް ކަމަށް ވިދާޅުވީ، ރިލްވާން އަށް ވީގޮތާމެދު އަޅުގަނޑުމެން އެންމެން ހިތާމަ ކުރާ ވާހަކަ،” މުއާޒު ވިދާޅުވެފައިވެ އެވެ.

ތަރުޖަމާން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، ރިލްވާން އަށް ވީގޮތެއް އެނގޭނީ ތަހުގީގަކުން ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ގދ. މަޑަވެލީގައި ވާހަކަފުޅުދައްކަވަމުން ރިލްވާންއާ ގުޅޭގޮތުން ރައީސް އެއްޗެއް ވިދާޅުވީ، ރިލްވާންގެ މައްސަލަ ބަލަން ނުޖެހޭ ކަމަށް ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ވިދާޅުވި ކަމަށް ބުނެ ރިލްވާން ގެއްލުވާލި އިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައެވެ.

އެގޮތުން، ރައީސް ޔާމީން ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލަ ކެބިނެޓު ފެންވަރުގައި ބަލަން މަސައްކަތް ކުރި ކަމަށް ވިދާޅުވެ އަދީބު ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި ބޮޑެތި ހުކުމް އައިސްފައި ތިބި މުޖުރިމުން ދައްކާ އެފަދަ ވާހަކަތައް ނޫސްތަކުގައި ގެނެސްދިނުމަކީ ހިތާމަކުރައްވާ ކަމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލަ ކެބިނެޓް ފެންވަރުގައި ނުކުރާނެ ކަމަށާއި ރިލްވާން މައްސަލައިގެ ތަހުގީގަކީ ފުލުހުން މިހާރު ވެސް ކުރަމުން ގެންދާ ތަހުގީގެއް ކަމަށެވެ.