ތަޅުތައް ނައްޓާލައި، ރައްޔިތުންގެ ބަސް ބުނެވޭ މަޖިލީހަކަށް ބަދަލު ކުރާނަން: އިބޫ

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައި ހުރި ތަޅުތައް ނައްޓާލައި، ރައްޔިތުންގެ ބަސް ބުނެވޭ މަޖިލީހަކަށް ބަދަލު ކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގއ. ނިލަންދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މިއަދު ނުހައްގު ހުކުމްތަކެއް ކުރުވައިގެން 16 މެންބަރެއް މަޖިލީހަށް ވަނަ ނުދީ ހިފަހައްޓާފައިވާ ކަމަށާއި މެންބަރުކަން ގެއްލިއްޖެ ނަމަ އަމަލު ކުރަން ޖެހޭ ގޮތާ ހިލާފަށް އިންތިހާބު ބާއްވަން ޖެހޭ މުއްދަތުގެ ތެރޭގައި އިންތިހާބު ވެސް ބާއްވާފައި ނުވާ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރުގައި ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް ފަހުގައި މަޖިލީހުގައި އަޅުވާފައި ހުރި ތަޅު އަޅުގަނޑުމެން ހުޅުވާނަން. ފުރިހަމައަށް ރައްޔިތުން ތަމްސީލް ކުރެވޭ ރައްޔިތުންގެ ބަސް ބުނެވޭ މަޖިލީހަކަށް ރައްޔިތުންގެ މަޖިލީސް ބަދަލު ކުރާނަން،” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މި ސަރުކާރުން ހުރިހާ ބާރެއް އެއްކުރައްވާފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

“ރާއްޖޭގެ ތަރައްގީއަށްޓަކައި މިއަދު ކުރަން ޖެހިފައި އޮތް އެންމެ މުހިންމު ކަމަކީ އިންސާފު ގާއިމް ކުރުން. ކޯޓުތަކުގައި އެތައް ސަތޭކަ މައްސަލައެއް އިންސާފު ނުލިބި އެބަހުރި. އެކަމާ ހެދި ގިނަ ވިޔަފާރިވެރިން ވަނީ ބަނގުރޫޓުވެފައި،” އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

ރިޔާސީ ބަހުސްގައި ބައިވެރިނުވާން އިބޫ ނިންމަވައިފި

ރިޔާސީ ބަހުސްގައި ބައިވެރިވަޑައިގަތުމަށް ނިންމެވި ނިންމެވުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބަދަލުކުރައްވައި، އެ ބަހުސްގައި ބައިވެރިނުވުމަށް ނިންމަވައިފިއެވެ.

ޕީއެސްއެމްއާއި އެމްއެންޔޫ ގުޅިގެން ބާއްވާ ބަހުސްގައި ބައިވެރިނުވުމަށް އިބޫ މިހާރު ނިންމަވާފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންއާ އެކު ބަހުސްއަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށް އިބޫ ވަނީ ކުރިން ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ އެމްއެންޔޫގެ ބަހުސް އޮންނާތީ ރާއްޖެ ޓީވީން ބާއްވާ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެކަމުގެ އިހްލާސްތެރިކަމާއި ބަހުސްގެ މިނިވަންކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

“އެހެންކަމުން އެމްއެންޔޫގެ ޑިބޭޓުގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ވެސް އިބޫގެ ނެތް. މި ފެންނަނީ އެއްވެސް އިހުލަސްތެތިކަމެއް ނެތް ކަން. ޑިބޭޓަކަށް ވަންޏާ އެއީ ކޮންމެ ތަނަކުން ދައުވަތު ދިން ކަމުގައި ވިޔަސް ރައީސް ޔާމީން ބައިވެރިވާނެ ކަމަށް ދެކުނީ. ނަމަވެސް ވަކި ތަނަކަށް އާނބަސް ވިދާޅުވެފައި ދެން ހުރި ތަނަކަށް ނޫނެކޭ ބުނާ ކަމަށްވަންޏާ އެއީ މިނިވަން ބަހުސްއެއްގެ ގޮތަށް ކުރިއަށް ދާނެ ކަމަކަށް ނުފެނޭ،” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްއެންޔޫގެ ބަހުސްގަައި ބައިވެރިވުމަށް ދުރާލާ ގަޑިތައް އެންގެވުމަށް ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން އަންގާފައިނުވާ ކަމަށެވެ.

އިދިކޮޅުގެ ގެދޮރުވެރިކަމުގެ ސިޔާސަތު: ކުލި ދައްކަން ސަބްސިޑީއެއް، ހޯމް ލޯންގެ އިންޓަރެސްޓް ހަ ޕަސެންޓަށް!

އިދިކޮޅުގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވެރިކަމުގެ ގެދޮރުވެރިކަމުގެ ސިޔާސަތު އާންމުކޮށްފިއެވެ.

ނ. މިލަދޫގައި ރޭ ބޭއްވި އިދިކޮޅު ޕާޓީތަކުގެ ކެމްޕެއިން ޖަލްސާގައި އިބޫ ވިދާޅުވީ، ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ވަސީލަތްތައް ހޯދައިދިނުމަކީ އޭރަކު އޮންނަ ވެރިކަމަކުން ކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ކަަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް 106 ރަށަކަށް ދެވުނުއިރު، ކޮންމެ ރަށަކަށް ދިއުމުން ވެސް އެރަށެއްގެ ރައްޔިތުން އެންމެ ބޮޑަށް ކުރާ ޝަކުވާއަކީ ބޯހިޔާވަހިކަމުގެ ޝަކުވާ ކަމަށް ވިދާޅުވިއެވެ.

“މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތެއް އެބައޮތް. އެ ސިޔާސަތު ތަންފީޒުވެ ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭނެ ރައްޔިތަކު ނުހުންނާނެ،” ނ. އަތޮޅާއި ރ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި މިލަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި މިވަގުތު 20،000 އާއިލާއެއް ބޯހިޔާވަހިކަން ބޭނުންވެފައި އެބަ ތިއްބެވެ. އަދި އެއީ ބޮޑު އަދަދެއް ނަމަވެސް އެކަން ކުރެވިދާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

އެގޮތުން، އިދިކޮޅުގެ ވެރިކަމެއްގައި ސޯޝަލް ހައުސިންގެ މަސައްކަތް ފަށާނީ އެކަން ކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ހާމަކޮށްފައި އޮންނާނެ ގާނޫނެއް ރައްޔިތުން މަޖިލީހުން ފާސްކޮށްގެން ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި އިދިކޮޅުގެ ވެރިކަމެއްގައި ގެދޮރު ބޭނުންވާ މީހުން ބަހާނެ ތިން ކެޓަގަރީއެއް އިބޫ ހާމަކުރެއްވިއެވެ.

ފުރަތަމަ ކެޓަގަރީ: އެއްވެސް ފައިސާއެއް ދީގެން ނޫނީ ކުއްޔަށް ހިފައިގެން ވެސް ނޫޅެވޭ ހާލަތުގައި ތިބޭ ރައްޔިތުން

އިބޫ ވިދާޅުވީ އެފަދަ ފަރާތްތަކަށް އާމްދަނީއެއް ހޯދައިގެން ދިރިއުޅެވެންދެން އެމަނިކުފާނުގެ ސަރުކާރެއްގައި ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ދެވަނަ ކެޓަގަރީ: ލިބޭ އާމްދަނީ އެކީގައި ކުލި ދައްކައިގެން ނުވަތަ ފުލެޓް ގަނެވޭނެހާ އާމްދަނީއެއް ނުލިބޭ ރައްޔިތުން

އިބޫ ވިދާޅުވީ، އެފަދަ ފަރާތްތަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ސަބްސިޑީއެއް ފޯރުކޮށްދޭނެ ކަމަށެވެ. އޭރުން އެމީހަކު ދިރިއުޅޭ ފުލެޓަށް ނުވަތަ އުޅޭ ތަނަކަށް ކުލި ދައްކައިގެން ލިބޭ މުސާރަކޮޅުން އާއިލާއާއެކު ހަމަޖެހޭ ތާހިރު ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ.

ތިންވަނަ ކެޓަގަރީ: ފައިސާ ހުރިނަމަވެސް ގެދޮރު ގަންނަން ދައްކަންޖެހޭ އެޑްވާންސް ފައިސާ ބޮޑުވެ ނުވަތަ ލޯނު ލިބޭނެ ގޮތެއް ނެތިފައި ތިބި ރައްޔިތުން

އެފަދަ ފަރާތްތަކަށް އިދިކޮޅުގެ ވެރިކަމެއްގައި ލުއި ގޮތްތަކެއް ހޯދައިދޭނެކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ، އެޑްވާންސް ޕޭވްމަންޓް ދަށްކޮށް ދޭ ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ހަ ޕަސަންޓަށް ކުޑަ ކުރެވިގެންދާނެ ކަމަށެވެ.

އިދިކޮޅު ސަރުކާރުގެ ގެދޮރުވެރިކަމާ ގުޅޭ ސިޔާސަތުތަކެއް އިބޫ ހާމަކުރެއްވިއިރު، “ހިޔާ އެކޮމްޕްލިޝްޑް” ގެ ނަމުގައި ވިލިމާލެ ހިއްކައިގެން އުމުރުން 18 އަހަރުން މަތީ އެންމެނަށް ގޯތި ދޫކުރާ ގޮތަށް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ގެދޮރުވެރިކަމާ ބެހޭ ސިޔާސަތުގެ ތެރެއިން ބިޔަ މަޝްރޫއެއް އިއުލާން ކުރައްވައިފައެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނާތްތެރިވި ފައިސާތައް ހުރި ތަނަކުން ހޯދާނަން: އިބޫ

އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނާތްތެރިވި ފައިސާތައް އެ ހުރި ތަނަކުން ހޯދައި އެކަމުގައި ޖަވާބުދާރީ ކުރުވަންޖެހޭ މީހުން ޖަވާބުދާރީކުރުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ނ. މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ނުކުތީ އެކަންކަން ހުއްޓުވުމަށް ކަމަށާއި އެ ވައްކަމާއި ހިޔާނާތުގެ ހަގީގަތް ހޯދުމަށް ކަމަށެވެ. އަދި އެމްއެމްޕީއާރްސީއިން ގެއްލިފައިވަނީ 1.2 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ އަދަދު ތިން ގުނައަށް އަރާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

“އެ އަދަދާއި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ކޮށްފައިވާ ބޭކާރު ހަރަދު އެއްކޮށްލުމުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވެހިކަން ފޯރުކޮށްދެވުނީސް. ތިން ހުޅުމާލެ ހަދާ ވަރުގެ ފައިސާ އެއީ، ވައްކަން ނުކުރިނަމަ، 14،000 އާއިލާއަށް ބޯހިޔާވަހިކަން ލިބުނީސް، އެއީ ބޯހިޔާވަހިކަމަށް ބޭނުންވާ އާބާދީގެ 80 ޕަސެންޓް، ގެއްލުނު ފައިސާ 34 ބަނދަރާއި 15 އެއާޕޯޓް އެޅުނީސް،” އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ، އެ މައުލޫމާތުތައް އެއްވެސް ނުފޫޒެއް ނެތި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހާމަކުރަން ޖެހޭ ކަމަށާއި އެއީ ވަކި މީހެއްގެ ފައިސާ ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއަށް ވީގޮތް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިބޫއަކީ އެތައް ބައެއްގެ ދަށުވެފައި ހުންނެވި ބޭފުޅެއް، ވެރިކަމެއް ނުކުރެވޭނެ: ރައީސް ޔާމީން

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ އެތައް ބައެއްގެ ދަށުވެފައި ހުންނެވި ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކަށް ގައުމެއްގެ ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިބޫއަށް ވެރިއެއްގެ ހައިސިއްޔަތުން އޮތް ބާރަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވަންޖެހޭ ކަމަށާއި އެމްޑީޕީގައި އިބޫއަށް ނުފޫޒު ފޯރުވައި އަމުރު ކުރެވޭނެ އެތައް ފަރާތްތަކެއް ތިބުމުން ރައްޔިތުން އެދޭ ވެރިކަމެއް ކޮށް ނުދެވޭނެ ކަމަށެވެ.

“އެބޭފުޅުންގެ މެނިފެސްޓޯގައި ފާޅުކަންބޮޑު ގޮތަކަށް އެ ވިދާޅުވަނީ ތިމަންނަމެންނަށް ވެރިކަން ލިބިއްޖެއްޔާ މިތަން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކުރާނަމޭ. ބަރުލަމާނީ ނިޒާމަކަށް މިތަން ބަދަލުކޮށްފިނަމަ އަނެއްކާވެސް ރައްޔިތުންނަށް އެތައް ބޮޑެތި އިންތިހާބީ ހަރަދުތަކެއް ކުރަން ޖެހޭ،” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގައި ނުފޫޒު ގަދަ އެތައް ބަޔަކު އެބަ ތިބި ކަމަށާއި ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޖަވާބުދާރީވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސް ކިޔޭ އެތައް ބަޔަކު، އޭނަގެ މައްޗަށް ބާރު ހިންގާ އެތައް ވެރިންތަކެއް ތިބޭ ކަމަށް ވާނަމަ ދައުލަތެއް ނުހިންގޭނެ ކަމަށެވެ.

“ރައްޔިތުން ބޭނުންވާގޮތަށް ދައުލަތެއް ހިންގަން ބޭނުންވާނަމަ، ދައުލަތް ހިންގަން އިންތިހާބުކުރާ މީހާއާ ހަމައިގައި ހުރިހާ ބާރުތަކެއް އޮތުން މުހިއްމު. ވެރިޔަކު ތެދުވެރިވާންޖެހޭނީ، އޭނާގެ ކުރިމަތީގައި އޮންނަ ގާނޫނު އަސާސީއަށާއި، ގައުމުގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި، ގާނޫނީ ވެރިކަމެއް ދެމެހެއްޓުމަށާއި އިންސާފު ގާއިމްކުރުމަށް. އަދި ސިޔާސީ އެތައް ލީޑަރުންގެ ބަސް އަހައިގެން ވެރިކަން ކުރަން އުޅުއްވައިގެން ވެރިކަމެއް ނުހިންގޭނެ،” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނު ހިންގާ މަޝްރޫއުތައް ކޮންމެ ރަށަކަށް ވަޑައިގަތަސް ފެންނާނެ ކަމަށާއި އެ މަންޒަރުތައް އިދިކޮޅު ކެންޑިޑޭޓަށް ވެސް ފެންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ނުކުތީ ރައްޔިތުންނާއެކު ކަމަށާއި ނިންމަވާނީވެސް ރައްޔިތުންނާއެކު ކަމަށް ވެސް ވިދާޅުވިއެވެ.

ރިޔާސީ ބަހުސްގައި ބައިވެރިވުމަށް އިބޫ ވެސް ނިންމަވައިފި

އަންނަ ރިޔާސީ އިންތިހާބާ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ޕީއެސްއެމްއާއި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ފުރަތަމަ ގަބޫލުކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

ޕީއެސްއެމްއިން ބުނީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް މިހާރު ދައުވަތު ގަބޫލު ކުރައްވާފައިވާ ކަމަށެވެ. އެ ބަހުސް ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

މީގެ ކުރިން ވެސް އެކި ޓީވީ ޗެނަލްތަކުން ރިޔާސީ އިންތިހާބާ ދިމާކޮށް ބަހުސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އިބޫގެ ވެރިކަމުގެ މުއްދަތާ ގުޅޭގޮތުން އުފެދޭ ސުވާލަށް މެްނިފެސްޓޯއިން ޖަވާބެއް ލިބޭނެ!

އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯއިން ވެރިކަމަށް ވަޑައިގަންނަވަނީ ފަސް އަހަރުގެ މުއްދަތަކަށްތޯ އުފެދޭ ސުވާލަށް ޖަވާބެއް ލިބިގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ކުރިން ވާގޮތުން އިބޫގެ ވެރިކަމަކީ 2.5 އަހަރުގެ އިންތިގާލީ ވެރިކަމެކެވެ. އެ ވެރިކަމުގައި ކަންކަން އިސްލާހުކޮށް 2.5 އަހަރަށްފަހު އައު އިންތިހާބެއް އޮންނާނެ ކަމަށް އެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ފަހުން އެކަން ބަދަލުވެ، އިބޫއަށް ފަސް އަހަރުގެ ދައުރެއް ދިނުމަށް ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް އިދިކޮޅު ޕާޓީތަކުގެ ބައެއް ބޭފުޅުން ވިދާޅުވަމުން ދިޔައެވެ. ގާނޫނު އަސާސީގައިވާ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އިބޫ ވެރިކަމަށް ވަޑައިގެން ފަސް އަހަރުގެ ދައުރު ހަމަކުރައްވާނެތޯ ސުވާލު އުފައްދައިފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އެކަންކަން ހާމަކުރެވޭނެ ކަމަށާއި އެ މެނިފެސްޓޯ ދެ ދުވަހެއްގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށެވެ.

ފަސް އަހަރު ކުރިން އިސްތިއުފާ ދެއްވާނެތޯ ވެސް އިބޫއާ ސުވާލު ކުރެވުނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ފަސް އަހަރަށް ބަދަލެއް ގެންނަނަމަ އެކަން ކުރެވެން އޮތީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް ކަމަށެވެ.

“އެ ބަދަލުތައް ގެންނަ ކަމަށްވާނަމަ އެކަން ކުރަންޖެހޭނީ ރައްޔިތުންގެ ވޯޓުން. އެ ބަދަލުތައް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިގެން ދާނެ،” އިބޫ ވިދާޅުވިއެވެ.

ވެރިކަމުގެ ދައުރު ކުރު ކުރުމަށް ޕާޓީތަކުން ބޭނުންވެއްޖެނަމަ އެކަމަށް އެއްބަސްވެވަޑައިގަންނަވާނަންތޯ ސުވާލު ކުރުމުން އިބޫ ވިދާޅުވީ، އެކަން ނިންމޭނީ ރައްޔިތުންނަށް ކަމަށެވެ.

އިބޫ ވިދާޅުވީ ވެރިކަމުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި ރިޔާސީ ނިޒާމް ކަމަށްވީ ނަމަވެސް މިހާރު އޮތް ގޮތުން ވެރިކަން ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.  އަދި ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް މެނިފެސްޓޯގައިވާނެ ކަމަށާއި 20 އަށްވުރެ ގިނަ ގާނޫނުތައް އިސްލާހުކުރާނެ ކަމަށް ވެސް ވާނެ ކަމަށެވެ.

އިންކަމް ޓެކްސް ނަގަން އިބޫ ވައުދުވެވަޑައިގެންފި

މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގަން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

އިންކަމް ޓެކްސް ނެގުމުގެ ވާހަކަތައް އެކި ފަހަރު މަތިން ދެކެވެމުންދިޔަ ނަމަވެސް، އެއްވެސް ސަރުކާރަކުން އެކަން ކޮށްފައެއް ނުވެއެވެ. މުއްސަނދިން އަތުން އިންކަމް ޓެކްސް ނެގުމަކީ ގިނަ ބަޔަކު އެދެމުންދާ ކަމެކެވެ.

އިންކަމް ޓެކްސް ނަގާނެ ކަމަށް އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުއްދެން ޖެހޭނެ ކަމަށާއި ހަމަ އަގުގައި މަސައްކަތްތައް ކުރާނަމަ ކޮންމެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމް އަދި ބަނދަރުތައް ހުންނާނީ ހެދިފައި ކަމަށެވެ.

“މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް އިންކަމް ޓެކްސް ނެގުމަކީ އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރަމުން އައި ކަމެއް، 2011 ވަނަ އަހަރު ފަރުދުންގެ އާމްދަނީން ޓެކްސް ނެގޭ ބިލް ވެއްދުނު. މިހާރު ޖަޒީރާ މެނިފެސްޓޯގައި ވެސް އެކަން ވާނީ ހިމެނިފައި،” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ފުދުންތެރި ދައުލަތަކަށް އެންމެ މުހިންމު ކަމަކީ ހަރުދަނާ ޓެކްސް ނިޒާމެއް ކަމަށާއި އެމްޑީޕީިން ތައާރަފްކުރި ޓެކްސް ނިޒާމް މިހާރު ވަނީ ފުރިހަމަ ކުރަން ޖެހިފައި ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

“ރައްޔިތުން ގެދޮރުވެރިކުރުވުމާއި ބޮޑެތި ބަލިތަކަށް ސަލާމް ޖެހުން ހުއްޓުވުމަށާއި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބުމަށާއި ފޯރުންތެރިކަން ކުޑަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތަކުން ކުރަންޖެހޭ ކަމެއް. އެކަންކަން ކުރެވޭނީ ޓެކްސްގެ ނިޒާމް ފުރިހަމަކޮށްގެން. އެހެންވެ އަޅުގަނޑުމެންގެ ވެރިކަމެއްގައި އިންކަމް ޓެކްސް ތައާރަފްކުރެވިގެންދާނެ،”

އިބޫ އިތުރަށް ވިދާޅުވީ އިންކަމް ޓެކްސް ނެގުމުގެ ކަންކަން ކުރާނީ ރަނގަޅަށް ދިރާސާ ކުރުމަށްފަހު އެކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ވަރަށް ރަނގަޅަށް މަޝްވަރާ ކުރުމަށްފަހު ކަމަށާއި އިންކަމް ޓެކްސް ނެގޭނީ ފުދުންތެރިކަން ހުރި މީހުންގެ އަތުން ކަމަށެވެ. އަދި ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ނެގޭ ޕްރޮގްރެސިވް ޓެކްސްއަކަށް އެ ޓެކްސް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓެކްސީ ބޯޑު ގަންނަން ދައްކަން ޖެހޭ ފީ އުވާލާނަން: އިބޫ

ޓެކްސީ ބޯޑު ގަތުމުގެ ފީއެއްގެ ގޮތުގައި ދައްކަންޖެހޭ 50،000 ރުފިޔާ އެއްކޮށް އުވާލައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށީގައި މިރޭ ބޭއްވި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ޑްރައިވަރުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

“ޓެކްސީ ބޯޑް ގަތުމަށް 50،000 ރުފިޔާ ދައްކަން ޖެހުމަކީ ބޮޑު އަދަދެއް. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެ ފީ އެއްކޮށް ކަނޑާލާނަން. ޑްރައިވަރުންނަށް ކުރިމަތިވާ ދަތިތަކަށް އަޅުގަނޑުމެން ހައްލު ހޯދައިދޭނަން،” އިބޫ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުން ކުރިން ތައާރަފްކުރި ފެރީގެ ނިޒާމް މިހާރު އެއްކޮށްހެން އުވިފައިވާކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ފެރީ ނިޒާމް އަލުން ހަރުދަނާކޮށް ހަލުވި ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް މީރާ ބަދަލު ކުރައްވާނެ ކަމަށާއި އެފަދަ ވިޔަފާރިތަކަށް ހާއްސަކޮށް ބޭންކެއް ވެސް އިދިކޮޅު ސަރުކާރެއްގައި ގާއިމް ކުރައްވާނެ ކަމަށެވެ.

“އެ ބޭންކުން އަންހެނުންނާއި ޒުވާނުންނާއި ޓެކްނޮލޮޖީއާ ގުޅޭ ވިޔަފާރިތަކަށް އެހީ ލިބިގެންދާނެ. އަޅުގަނޑުމެންގެ ވިސްނުން ހުރީ ރަށްތައް ޖަޒީރާވަންތަކަން މަތީ ތަރައްގީކުރަން. ކައުންސިލްތަކަށް ބާރުދީގެން ކައުންސިލް މެދުވެރިކޮށް ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނަން،” އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭނަން، އެއާޕޯޓުގެ މަސައްކަތެއް ނުހުއްޓާނަން: އިބޫ

ހދ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށާއި އެ ރަށު އެއާޕޯޓުގެ މަސައްކަތް ނުހައްޓާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން އުސޫލުން ބޭރުންވެފައިވާ އެގްރިމެންޓްތައް ބަލައި، އެ އެގްރިމެންޓްތަކަށް ބަދަލު ގެންނާނެ ކަމަށެވެ. ނަމަވެސް ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދާ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ވަރަށް އަވަހަށް ދޭނަން. އަޅުގަނޑުމެންގެ ވެރިކަމެއްގައި މިހާރު ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން. ނަމަވެސް އުސޫލުން ބޭރުން ވެފައިވާ އެގްރިމެންޓުތައް ބަލައި ބަދަލު ގެންނަން. ކުޅުފުއްފުށީގައި އަޅަން ފަށާފައިވާ އެއާޕޯޓުގެ މަޝްރޫއު ވެސް ކުރިއަށްދާނެ،” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އާބަން ސެންޓަރު ގާއިމްކުރާ ތިން ސަރަހައްދުގެ ތެރެއިން އުތުރުގައި ގާއިމްކުރާ އާބަން ސެންޓަރަކަށް ވެގެންދާނީ ކުޅުދުއްފުށި ކަމަށެވެ. އަދި އާބަން ސެންޓަރެއްގެ ގޮތުގައި ކުޅުފުއްފުށީ ހަމަޖެއްސެވުމަށްފަހު، ކުޅުފުއްފުށީ އިންޓަނޭޝަނަލް ބަނދަރަށް ގެންނަ މުދަލުން ނަގާ ޓެކްސާއި ޑިއުޓީއަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.

“އަޅުގަނޑުމެންގެ އިގްތިސާދުގައި ރާއްޖޭގެ އުތުރުާއި ދެކުނާއި މެދުތެރޭގައި އާބަން ސެންޓަރުތަކެއް ގާއިމު ކުރުމަށް ވަނީ ކަނޑައަޅާފަ. އެގޮތުން މާލެއިން އުތުރުގައި ކަނޑައެޅޭ އެއް އާބަން ސެންޓަރަކަށް މިތަން ވެގެންދާނެ ކަމުގައި ތިބޭފުޅުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން،” އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިޔާލާއެކު ކުޅުފުއްފުށީގައި އިތުރު މަގުތައް ތަރައްގީކުރާނެ ކަމަށާއި ބޯހިޔާވަހިކަން އެންމެންނަށް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި ވިޔަފާރި ބަނދަރެއް ގާއިމްކޮށް، ކުޅުފުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.