ކެމްޕެއިން ނިންމާލުމަށް އިދިކޮޅު ކޯލިޝަނުން މާލޭގައި ބޮޑު ހިނގާލުމަކަށް!

މާދަމާ ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ފެށި ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

”އިންސާފުވެރި ޖަޒީރާރާއްޖެއަކަށް“ ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ އެ ހިނގާލުން ފަށަން ހަމަޖެހިފައިވަނީ، މިއަދު ހަވީރު 4:00 ގައި ރަސްފަންނުންނެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދާނެ އެ ”ޖަޒީރާ ރާއްޖެ ޕެރޭޑް“ ނިންމާލަން ހަމަޖެހިފައިވަނީ ކޮންތަނަކަށް ކަމެއް އަދި ނޭނގެއެވެ.

އިިދިކޮޅުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އެމަނިކުފާނުގެ ރަނިންމޭޓްގެ ކެމްޕެއިންގެ ފަހު ހަރަކާތެއްގެ ގޮތުން ބާއްވާ އެ ހިނގާލުމުގެ ދައުވަތު ދެއްވާފައިވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދެވެ.

ހިނގާލުމަށް ދައުވަތު ދެއްވުމަށް ތައްޔާރުކޮށް، ޖަޒީރާ ރާއްޖެ ޓްވިޓާ އެކައުންޓުގައި ޕޯސްޓު ކޮށްފައިވާ ވީޑިއޯ އެއްގައި ރައީސް ނަޝީދު ވަނީ، އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުކޮށް، ރާއްޖެ ބަދަލުކުރުމަށް އެ ހިނގާލުމަށް ނުކުންނެވުމަށް އެދިވަޑައިގެންފައެވެ.

އަދި ރައީސް ޔާމީން މާ ބޮޑުތަނުން ވެސް ބަލިވެ، ބާކީވެފައިވާ ކަމަށާއި ދެން މި ރާއްޖޭގައި އުފެދިގެން އަންނާނީ ރައްޔިތުންގެ ހިޔާާއި ބޭނުންތަކަށް ހިންގާ ސަރުކާރެއް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

”ދެން ވެސް ރާއްޖޭގައި އުފެދިގެން އަންނާނީ ދިވެހިން ރައްޔިތުންގެ ސަރުކާރެއް. ދިވެހި ދީން ސަރުކާރެއް. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއް. ދިވެހިންގެ އުއްމީދާއި ދިވެހިންގެ ހިޔާލާ ދިވެހިންގެ ފިކުރާއި ދިވެހިންގެ ވިންދާ ދިވެހިންގެ ބޭނުންތަކަށް ހިންގާ ސަރުކާރެއް. ނުކުންނަވާ!،“ ބޮޑު ހިނގާލުމަށް ދައުވަތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް މާލޭގައި ބޮޑު ހިނގާލުމެއް މިއަދު ބާއްވާއިރު، އިންތިހާބާ ގުޅިގެން ރައްޔިތުންގެ ހާލު ބައްލަވާ ހިޔާލު ހޯއްދެވުމަށް އައްޑޫން ޖުލައި 13 ވަނަ ދުވަހު އިބޫ އަދި ރަނިންމޭޓް ފައިސަލް ފެއްޓެވި ”ޖަޒީރާ ދަތުރު“ މިދިޔަ ހުކުރު ދުވަހު އައްޑޫން ވަނީ ނިންމާލައިފައެވެ.

ކެމްޕެއިން ދަތުރުތަކުގައި އިބޫ އަދި ފައިސަލް ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގަތްފައިވާއިރު، ކެމްޕެއިން ނިންމާލުމަށް އައްޑޫގައި އެންމެ އާބާދީ ބޮޑު ހިތަދޫގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި އިބޫ ވަނީ، އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި އެކަކު ވެސް އިންސާފުން ބާކީ ނުކުރާނެ ކަމަށް ވައުދުވެ، ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވާގޮތުން، ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ އެންމެ ފަހު ދުވަހަކީ މިއަދުގެ އިރުއޮއްސި 6:00 އެވެ.

ވޯޓާސް ލިސްޓުގައި އިދިކޮޅު ކޯލިޝަނުން ސޮއިކޮށްފި! ނަމަވެސް ލިސްޓު ނުލިބޭތީ ކަންބޮޑުވުން

މިމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ފަރާތުން ސޮއިކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފެއްޓެވީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އަދި އެކަމަށް ފަސް ދުވަސް ދީފައިވާއިރު މިއަދަކީ އެ ލިސްޓުގައި ސޮއިކުރުމުގެ އެންމެ ފަހު ދުވަހެވެ.

މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ދެއްކި ވޯޓާސް ލިސްޓުގެ ކޮންމެ ގަނޑެއްގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ސޮއިކޮށް ނިންމާލައިފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ކެންޑިޑޭޓަކަށް ވެސް އެބޭފުޅަކު ސޮއިކުރި ވޯޓާސް ލިސްޓު ލިބެންޖެހޭއިރު، އެ ލިސްޓު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން ކަންބޮޑުވަނީ މިކަމާ ކީއްވެތޯ ޕީޕީއެމް ކަންބޮޑުފުޅު ނުވަނީ. އެތާ އޮންނާނެ ލިސްޓަކީ އެބޭފުޅުންނަށް ކިހިނެއްތޯ ކަށަވަރު ކުރެއްވެނީ، އެބޭފުޅުން ]ޕީޕީއެމް[ ގެ ވެސް އޮބްޒާވަރުން ތިބޭނެ، އަޅުގަނޑުމެންގެ ވެސް އޮބްޒާވަރުން ތިބޭނެ. އެހެންވިޔަސް އެބޭފުޅުން ކިހިނެއްތޯ ކަށަވަރުކުރާނީ އިލެކްޝަންސް ކޮމިޝަނުން އެތަނަށް ފޮނުވާފައިވާ ލިސްޓާއި ދެން އޮބްޒާވަރުން އަތުގަ އޮންނާނެ ލިސްޓު،“ މާރިޔާ ވިދާޅުވިއެވެ.

އަދި ވޯޓުލާ ދުވަހު ވޯޓު ލުމަށް ވަޑައިގަންނަވާ މީހުންނާއި ވޯޓުލާ މީހުން ބަލާ އެއީ ރަނގަޅަށް ހިނގާކަންކަންތޯ ބެލުމަށް ވޯޓުލާ މަރުކަޒުތަކުގައި ތިބޭ ކެންޑިޑޭޓުންގެ އޮބްޒާވަރުންނަށް ވެސް ދެ ކެންޑިޑޭޓުން ސޮއިކުރި ވޯޓާސް ލިސްޓެއް ލިބޭނެ ގޮތް ހައްދަވައިދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބާ ގުޅިގެން ހުރި އިތުރު ކަންބޮޑުވުންތަކާ ގުޅިގެން މާރިޔާ ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕު ކުރެވިފައިވޭތޯ އަދި ޗާޕު ކުރެވިފައިވަނީ ކިތައް ވޯޓު ކަރުދާސް ކޮޅުތޯ އެއީ ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތެއް ނަމަވެސް އެކަން މިހާތަނަށް ވެސް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.

އަދި ވޯޓު ލާފައި އޮއްވާ އެ ވޯޓު ކަރުދާހަކީ ސައްހަ ރަނގަޅު ކަރުދާސްތޯ ބަލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ މާރިޔާ ވިދާޅުވީ، ވޯޓުގެ ހުރިހާ ކަމަކާ ހަވާލުވެ ތިބޭ ފަރާތަކީ ފުލުހުން ކަމަށްވާއިރު ލެވޭ ވޯޓު ކަރުދާސް ތަކަކީ ސައްހަ ވޯޓު ކަރުދާސް ކޮޅެއްތޯ އެފަރާތްތަކުން ބައްލަވަންޖެހޭނެ ކަމަށެވެ.

”އެހެންވީމަ އެބޭފުޅުން (އިލެކްޝަން ކޮމިޝަން) އިން އެއްވެސް ކަހަލަ ވެރިފިކޭޝަން ޕްރޮސީޖާއެއް ގެންދަވާކަމަށް ވަންޏާ މީހާ ވޯޓު ކަރުދާހުގައި އަތްލާ ފާހަގަ ޖެހުމުގެ ކުރީން އެކަން ކުރައްވަންޖެހޭނެ. ގާނޫނާއި ގާނޫނު އަސާސީގައި އޮންނަ ގޮތުން ވޯޓު ކަރުދާސްކޮޅު މީހާ ލުމަށްފަހު ހަމައެކަނި ކުރެއްވޭނެ ކަމަކީ ގުނުން،“ މާރިޔާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ވޯޓާލަސް ލިސްޓުގައި މިއަދު ސޮއިކޮށްފައިވާއިރު، އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފައިވަނީ ވޯޓާސް ލިސްޓުގައި ޕީޕީއެމްގެ ފަރާތުން ވެސް ސޮއިކޮށްފައިވާ ކަމަށެވެ.

އިދިކޮޅުގެ ބޮޑު ޖަލްސާއިން އެންމެ މިސްވީ މަހުލޫފް!؟

އެންމެން ވެސް ދައްކަނީ އެވާހަކައެވެ. މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ރޭ އިދިކޮޅު އިއްތިހާދުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ފޮޓޯތަކެވެ. މާލެ އާއި އަތޮޅުތެރޭގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެ ޖަލްސާ ވެގެން ގޮސްފައިވަނީ ތިން އަހަރަށްފަހު އެމްޑީޕީ އަށާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ޖަލްސާއެއް ބާއްވާލަން ލިބުނު ފުރުސަތަށެވެ.

ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދުގެ އިތުރުން އިތުރު ކަންތައްތަކެއް ވެސް ފާހަގަކުރެވިގެންދިޔަ އެވެ. އެގޮތުން މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި މައުމޫނާ ގާތްގުޅުމެއް ބާއްވަމުން ގެންދަވާ އުމަރު ޒާހިރާއި މައުމޫން ސަރުކާރުގެ ގިނަ މިނިސްޓަރުން ތަކެއް ފާޅުގައި ނުކުމެ އިދިކޮޅު ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

އެގޮތުން އުމަރު ޒާހިރުގެ އިތުރުން އައްބާސް އިބްރާހީމާއި އަނީސާ އަހުމަދު ވެސް އެ ޖަލްސާގައި ރޭ ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އިދިކޮޅު ފަރާތްތަކުގެ މިފަދަ ބޮޑު ސިޔާސީ ހަރަކާތަކުން މައުމޫން ސަރުކާރުގެ އިސް ބޭފުޅުންތަކެއް ފެނިވަޑައިގަތް ފުރަތަމަ ފަހަރެވެ.

ކޮންމެއަކަސް ޖަލްސާގެ ފޯރި ފެނުނީ ގަދަކޮށެވެ. ޖަލްސާއަށް ހާޒިރުވި މީހުންނާއެކު މުޅި ކާނިވާ ސަރަހައްދު ފުރިފައި އޮތްއިރު، ސަޕޯޓަރުންގެ އަޑު ދިޔައީ ކެނޑިނޭޅި އިވެމުންނެވެ. ރޭގެ ޖަލްސާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ވާހަކަފުޅުދެއްކެވިއެވެ.

އޭގެ އިތުރުން ވީޑިއޯ މެދުވެރިކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅުދެއްކެވިއިރު، އިބޫގެ ތަރުޖަމާން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ރައްޔިތުން މަޖިލީހުގައި ހިމެނޭ އަދާލަތު ޕާޓީގެ މެންބަރު އަނާރާ ނައީމާއި އަދާލަތު ޕާޓީގެ ހާރިޖީ ކޮމެޓީގެ މެންބަރު ޝިދާތާ ޝަރީފުގެ އިތުރުން ގާސިމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވާފައިވެއެވެ.

އޭގެ އިތުރުން ވެސް ޖަލްސާގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ އިތުރުން ތާއީދުކުރައްވާ ގިނަ އަދަދެއްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު، އެންމެ ގިނަ ބަޔަކު އެބޭފުޅަކު ނެތުމުން އެންމެ ހަނދާންވި ބޭފުޅަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ.

މާފުށީ ޖަލު ސަރަހައްދުގައި ކުރި މުޒާހަރާއެއްގެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ހުންނެވި މަހުލޫފު ޖަލްސާގައި ނެތުމުން އެކަން ގިނަ ބަޔަކު ފާހަގަކުރިއެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ޓްވިޓާ އިން މަހުލޫފް ޓެގްކޮށް އޭނާގެ ނެތުމުގެ ފަޅުކަން ހާމަކޮށްފައެވެ.

ޖަލުގައި ބަންދު ކުރެއްވުމުގެ ކުރިން އިދިކޮޅުން ބޭއްވި ހަރަކާތްތައް ލީޑް ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި މަހުލޫފު ރޭގެ ނުފެނުމުން ޖަލްސާއަށް ފަޅުކަމެއް ލިބިގެންދިޔަ ނަމަވެސް އޭނާ ގެންދެވީ ސޯޝަލް މީޑިއާގައި އެކަން ފޫބައްދަމުންނެވެ. އެގޮޮތުން ރޭގެ ޖަލްސާގެ ތައްޔާރީތަކުން ފެށިގެން ގޮސް ޖަލްސާގެ ފޮޓޯތަކާއެކު އޭނާ ގެންދެވީ ޓްވީޓް ކުރައްވަމުންެނެވެ.

މަހުލޫފު ފާހަގަކުރެވިގެން ގޮސްފައިވަނީ އަބަދުވެސް ކަންކަމުގައި ބަސް ބުނާ ބޭފުޅެއްގެ ގޮތުގައެވެ. ޕީޕީއެމްގެ މެންބަރު ކަމުން 2015 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ވަކިކުރީ ވެސް އެ ސަބަބަށްޓަކައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރީ ގާނޫނުތަކުގެ ބޭރުން ކަމަށާއި މި ސަރުކާރުން ބާރުތައް ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވާ ކަމަށް ވިދާޅުވެ މި ސަރުކާރަށް އެންމެ ފުރަތަމަ ފާޅުގައި ފާޑުވިދާޅުވާން ފެއްޓެވި ހިސާބުންނެވެ.

އޭގެ ފަހުން މަހުލޫފް ފެނިގެންދިޔައީ މި ސަރުކާރަށާއި އޭނާގެ ކުރީގެ މިތުރުންގެ ގޮތުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެ ފަހުން އިދިކޮޅު ސިޔާސީ ޕާޓީތަކެއް އެއްގަލަކަށް އަރައި އުފެއްދި އޭރުގެ ”ޔުނައިޓެޑް އޮޕޮޒިޝަން“ގެ ތަރުޖަމާންގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި މަހުލޫފު ވެގެންދިޔައީ އިދިކޮޅުގެ ހަރަކާތްތަކުގެ މައި އަޑަށެވެ. އެއްވުންތަކާ ހިނގާލުންތައް ލީޑް ކުރެއްވުމުގައި އިސްކޮށް އުޅުއްވީ މަހުލޫފެވެ. އެ ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ ފަހަރު ހައްޔަރު ކުރެވުނު ބޭފުޅަކަށް ވެސް އޭނާ ވާނެއެވެ.