އެއާޕޯޓުގެ އާ ރަންވޭގައި ތާރުއަޅާ ނިމިއްޖެ

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާ އާ ރަންވޭގައި ތާރު އަޅައި ނިމިއްޖެއެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އާ ރަންވޭގައި އަޅަމުންދިޔަ ތާރު އެޅުމުގެ މަސައްކަތުގެ ދަށުން ތާރުގެ ފަހު ލޭޔަރު އަޅައި ނިންމާލާފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ރަންވޭގައި މާކު ކުރެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.

ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ފްލައިޓް، A380 ވައިޑް ބޮޑީ އެއާކުރާފްޓުތަކަށް ވެސް ދަތިކަމެއް ނެތި ޖެއްސޭގޮތަށް ތަރައްގީ ކޮށްފައިވާ ވީއައިއޭގެ އާ ރަންވޭއަކީ 3.4 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން އަޅާ އެ ރަންވޭއަށް 400 މިލިއަން ޑޮލަރު ހަރަދުވާއިރު، އާ ރަންވޭގެ އިތުރުން އާ ޓާމިނަލަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތާއެކު ފިއުލް ފާމް އަކާއި ކާގޯ ކޮމްޕުލެކްސް އަދި އޭޕްރަންގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

އެމްއޭސީއެލުން މީގެ ކުރިން ބުނެފައިވަނީ، އެ ކުންފުނީގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރަންވޭގެ އަމަލީ މަސައްކަތް ނިންމައި އަންނަ މަހުގެ ކުރީކޮޅު ޓެސްޓު ފްލައިޓް ޖެއްސުން ކަމަށެވެ.

އާ ރަންވޭއާއެކު ވީއައިއޭގެ އޮޕަރޭޝަނަށް ފަސޭހަތަކެއް ލިބިގެންދާއިރު، އެމްއޭސީއެލުން މިހާރު ނިންމާފައިވަނީ މިހާރު ބޭނުން ކުރާ ރަންވޭ ޓެކްސީ ވޭއަކަށް ބަދަލުކުރުމަށެވެ.

ވީއައިއޭގައި ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް، ފްރެންޗައިސް ރެސްޓޯރެންޓުތައް ހުޅުވުން އަންނަ މަހު

އޮސްޓްރޭލިއާގެ ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުޅުވައިފި އެވެ.

އެއާޕޯޓްގެ ޑިޕާޗާ ހޯލްގައި ހެދި އެ އައުޓްލެޓަކީ ރާއްޖޭގައި ހުޅުވި ގްލޯރިއާ ޖީންސްގެ ދެވަނަ އައުޓްލެޓެވެ. އެ ފްރެންޗައިސްގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވީ، ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާފައިވާ ޕެވިލިއަންގަ އެވެ.

ގްލޯރިއާ ޖީންސްގެ އައުޓްލެޓް ވީއައިއޭގައި ހުޅުވުމަށް މިއަދު ބޭއްވި ހަފްލާގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ހުޅުލޭ ވޯޓާ ފްރަންޓުގައި ހުޅުވާ ރެސްޓޯރެންޓުތަކުގައި މިހާރު ކުރިއަށްދަނީ އިންޓީރިއާ އާއި ބަދިގޭގެ މަސައްކަތް ކަމަށެވެ.

އަދި އަންނަ މަހުގެ ފަހުކޮޅު އެތަން ވެސް ހުޅުވާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

ވޯޓާ ފްރަންޓުގައި ހުޅުވާ ރެސްޓޯރެންޓުތަކަށް އިންޓަނޭޝަނަލް ފްރެންޗައިސްތައް ގެނައުމަށް ހަވާލުކޮށްފައި ވަނީ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް އާއެވެ.  އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ.

ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތުގައި އަލަށް ހުޅުވައި އެފްއެންބީ ރެސްޓޯރެންޓްތަކުގެ ތެރޭގައި ކޭއެފްސީ، ޕިއްޒާހަޓް އަދި ކޯސްޓާ ކޮފީގެ އައުޓްލެޓުތައް ހިމެނޭނެ އެވެ.