ސިޔާމް، މައުރޫފް އަދި އާމިރު ހިމެނޭ ގޮތަށް އެމްޑީއޭގެ ޓިކެޓް 8 ބޭފުޅަކަށް!

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން ވާދަކުރުމަށް 8 ބޭފުޅަކަށް ޓިކެޓް ހަވާލުކޮށްފިއެވެ.

އެ ބޭފުޅުންގެ ތެރޭގައި މިހާރު ވެސް ރައްޔިތުން މަޖިލީހުގައި އެމްޑީއޭ ތަމްސީލު ކުރައްވަމުން ގެންދަވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަލީ މައުރޫފުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު އާމިރުވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ތިން މެންބަރުން ވެސް އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ އެބޭފުޅުން މިހާރު ވެސް ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާއަށެވެ.

މިރޭ ބޭއްވި އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ފަރާތުން މަޖިލީހުގެ ހަތް ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ހަވާލުކޮށްދެއްވީ އަހުމަދު ސިޔާމެވެ. ސިޔާމަށް ޕާޓީގެ ޓިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފެވެ.

އެމްޑީއޭގެ ޓިކެޓް ދެން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާ އެ ދާއިރާއަށް ކެމްޕޭން ވެސް ކުރައްވަމުން ގެންދަވާ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އާއިޝަތު ރަފިއްޔާ އާއި އެސްޓީއޯގެ ކުރީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަދި އަހުމަދު ސިޔާމް މުހައްމަދުގެ ކޮއްކޮ ހުސެއިން ސާލިމް މުހައްމަދެވެ. އޭނާ ވާދަކުރައްވަނީ ނ. ހޮޅުދޫ ދާއިރާއަށެވެ.

ޓިކެޓް ހަވާލުކުރެއްވި އަނެއް ބޭފުޅުންނަކީ، ނ. ވެލިދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީއޭ އުފެއްދުމުގަޔާއި އެ ޕާޓީގެ އިންތިގާލީ ކައުންސިލާއި ގައުމީ ކައުންސިލުގެ ވެސް މެންބަރު މުހައްމަދު އައްބާސް އާއި ނ. މަނަދޫ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް އަސްލަމް އަދި ރ. ދުވާފަރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އާދަމެވެ.

ސިޔާމަށް ޑރ. ޖަމީލުގެ އިލްތިމާސް: އަވަހަށް ރައްކާތެރިކަމަށް ވަޑައިގަންނަވާ!

އަމިއްލަ ނަފްސާ ވިޔަފާރި ސަލާމަތް ކުރެއްވުމަށް އަދިވެސް ވަގުތު އެބައޮތް ކަމަށާއި އަވަހަށް ރައްކާތެރިކަމަށް ވަޑައިގަތުމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް)އަށް، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް އިލްތިމާސް ކުރައްވައިފިއެވެ.

ސަރުކާރާއެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަންގެ އެއްބަސްވުން އާކުރުމާ ގުޅޭގޮތުން އެމްޑީއޭ އާއި ޕީޕީއެމްއާ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމަށް އަޑު ފެތުރިފައިވަނިކޮށް، ޑރ. ޖަމީލު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ އޮޑީ ދަނީ ފެތެމުން ކަމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީންގެ މޮޔަކަމަށް ހެއްލިގެން މުޅި ހަޔާތުގައި ހޯދި ކުރިއެރުންތައް ހަލާކުކޮށް ނުލުމަށް އިލްތިމާސް ކުރައްވައިފައިވެއެވެ.

“ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންސާފުވެރި މިނިވަން އިންތިހާބެއް ހޯދައިދިނުމަށް އީޔޫ އަދި މުޅި ދުނިޔެ ވެސް އޮތީ ތައްޔާރަށް. އަވަސް ކުރައްވާ އަދި ރައްކާތެރިކަމަށް ވަަޑައިގަންނަވާ،” ސިޔާމަށް، ޑރ. ޖަމީލްގެ ޓްވީޓުގައި އިލްތިމާސް ކުރައްވައިފައިވެއެވެ.

އިދިކޮޅާ ގުޅިވަޑައިގަތުމަށް މަޝްހޫރު ވިޔަފާރިވެރިޔާ ސިޔާމަށް ޖަމީލު ގޮވާލައްވާފައިވާއިރު، އީޔޫ އިން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި ސިޔާމްގެ ނަންވެސް އޮތްކަމަށް ވަނީ އަޑުތައް ފެތުރެންފަށައިފައެވެ. ނަމަވެސް އެ ލިސްޓެއް އަދި އީޔޫ އަކުން ހާމަކޮށްފައެއް ނުވެއެވެ.

އަދި ސިޔާމް ވަނީ އެމްޑީއޭގެ ލީޑަރުކަމުން ވަގުތީ ގޮތުން ދުރަށްޖެހިވަޑައިގަތް، ޕާޓީ ހިންގުމުގެ އެންމެހާ ކަންކަން އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާ ހަވާލުކުރަން އެމްޑީއޭގެ ކައުންސިލް މެންބަރުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.

އެމްޑީއޭގެ ހިންގުމާއި އެޕާޓީގެ ލީޑަރުގެ ޒިންމާތައް ކެނދިކުޅުދޫ ދާއިރާގެ މެންބަރު މައުރޫފާ ހަވާލުކުރަން އެޕާޓީގެ ކައުންސިލުން ނިންމީ، މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް މެންބަރުންގެ ބައްދަލުވުމަށް ސިޔާމް ހުށަހެޅުއްވި ގަރާރަކުންނެވެ.

ނަމަވެސް ޕީޕީއެމްއާއެކު ހަދާފައިވާ ކޯލިޝަންގެ އެއްބަސްވުން ދެމެހެއްޓުމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުގައި ވެސް ވަނީ ގޮތެއް ނުނިމި ބައްދަލުވުން ނިންމާލައިފައެވެ.

އެނގިފައިވާ ގޮތުގައި، ޕާޓީގެ ހިންގުމުން ސިޔާމް ވަގުތީ ގޮތުން ދުރަށްޖެހިވަޑައިގެންފައި މިވަނީ، ވިޔަފާރީގެ ކަންކަމުގައި ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަންނަވާތީ އާއި މި ދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރަށް ވުމާއެކު ޕާޓީއަށް ދެއްވަންޖެހޭ ވަގުތު ނުދެއްވޭތީ ކަމަށް ބުނެއެވެ.

”ކޯލިޝަން އޮތީ ބަދަހިކޮށް، ސިޔާމް އަކީ ރައީސް ޔާމީންގެ ވަފާތެރި އެކުވެރިއެއް“

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަފާތެރި އެކުވެރިއެއް ކަމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ނިހާން އެހެން ވިދާޅުވެފައި މިވަނީ ވިޔަފާރިވެރިޔާ ސިޔާމް، ރައީސް ޔާމީނާ ފެއަށް ޖެހިވަޑައިގެން އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ވާހަކަ ދެކެވެން ފަށާފައިވަނިކޮށެވެ. އެގޮތަށް އަޑު ފެތުރެް ފަށާފައިވަނީ، އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ފަށާފައިވާ ކެމްޕޭނުގައި ސިޔާމް ނުފެންނާތީ އާއި ސަރުކާރާއެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަން އެއްބަސްވުން، އެމްޑީއޭއިން އާނުކުރާ ކަމަށް ބުނެއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަން އޮތީ، “ޔާމީން/ޝަހީމް2018” ކާމިޔާބު ކުރުމަށް ބަދަހިކަމާ އެކު ކަމަށެވެ. އަދި ދެ ޕާޓީގެ ކޯލިޝަން ބައްދަލުވުންތައް ވެސް ބަރާބަރަށް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެމްޑީއޭގެ ލީޑަރު އޮނަރަބަލް އަހުމަދު ސިޔާމް އަކީ ރައީސް ޔާމީންގެ ވަފާތެރި އެކުވެރިއެއް،” ނިހާން ވިދާޅުވި އެވެ.

އިދިކޮޅުގެ އެއްބަޔަކު ދެކޭ ގޮތުގައި، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ސިޔާމް ހަމަނުޖެއްސުމުން ވެސް ހިތްހަމަނުޖެހުން ވަނީ ބޮޑުވެފައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް މެސެޖުތަކަށް ބަލާއިރު، ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކާ ސިޔާމް ގުޅިވަޑައިގަންނަވާނެ އެވެ.

އެމްޑީއޭއާ ގުޅިގެން ދައްކާ ވާހަކަތަކަށް ނިހާން ދޮގުކޮށްފައިވާއިރު، އެމްޑީއޭގެ ފަރާތުން އެކަން ދޮގުކޮށް މިހާތަނަށް ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.