ދެ އަހަރާ ބަޔަށްފަހު ވިލިމާލޭގައި އަލުން މީހުން ވަޅުލާން ފަށަނީ

ދެ އަހަރާއި ބަޔަށްފަހު ވިލިމާލޭ ގަބުރުސްތާނުގައި އަލުން މީހުން ވަޅުލަން ފަށަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ އަދި ވިލިމާލޭގައި މީހުން ވަޅުލުން ހުއްޓާލައި ހުޅުމާލޭގައި މީހުން ވަޅުލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމީ 2016 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އެ ނިންމުމާއެކު ވިލިމާލޭގައި މަރުވާ މީހުން އޭރު ގެންދަންޖެހެނީ ފެރީއެއްގައި ހުޅުމާލެއަށެވެ.

އެ ނިންމުމާއެކު އެތައް ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހި ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވުމުން، 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާލޭގެ އާސަހަރާގައި މީހުން ވަޅުލާން އަލުން ފެށިއެވެ. ނަމަވެސް އޭރުވެސް ވިލިމާލޭގައި މަރުވާ މީހުން ވަޅުލާން ގެންދަންޖެހިފައި އޮންނަނީ މާލެއަށެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ވިލިމާލެ ސަހަރާގައި ދެ އަހަރާއި ބައިވަންދެން މީހުން ވަޅުލުން ހުއްޓާލާފައިވަނިކޮށް، އެ ކައުންސިލްގެ އެއްބާރުލުމާކު ވިލިނގިލީ ހެޔޮއެދޭ ފަރާތްތަކުން ސަހަރާ ސާފުކޮށްފައިވާ ކަމަށެވެ.

އަދި ކައުންސިލުން ހިނަވާގެ ސާފުކޮށް މަރާމާތު ކުރުމަށްފަހު ސަހަރާގެ ބޭނުން ކުރަން ފެށުމަށް ނިންމާފައިވާ ކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ.

ވިލިމާލެ ސަހަރާގައި މީހުން ވަޅުލަން ފަށަން އަލުން ނިންމާފައިވާއިރު، ދާދިފަހުން ސަރުކާރުން ވަނީ ސަހަރާތަކާއި މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.