ހަރާން ފައިސާއެއްގައި ނުޖެހޭނަން، އެ ނަމޫނާ ދާއިރާއަށް ދައްކާނަން: ސަގީފު

ރައްޔިތުން މަޖިލީހަށް ހޮވިއްޖެނަމަ ހަރާން ފައިސާއެއްގައި ނުޖެހޭނެ ކަމަށާއި އަދި އެ ނަމޫނާ ދާއިރާގެ ރައްޔިތުންނަށް ދައްކާނެ ކަމަށް ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސެއިން ސަގީފް އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމްއިން ބޭއްވި މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސަގީފު ވިދާޅުވީ،  މަޖިލީހަށް ކުރިމަތިލާން ނިންމާ އެވާހަކަ ބައްޕަ ގާތު ދެންނެވުމުން އޭނާއަށް ނަސޭހަތެއް ދެއްވި ކަމަށެވެ.

އެއީ ހަރާން ފައިސާއެއްގައި ނުޖެހުމަށާއި ހަރާން ފައިސާއެއް ގެއަށް ނުވެއްދުމަށާއި އަދި ހަރާން ފައިސާއެއް ދަރިންނަށް ކާން ނުދިނުމަށެވެ.

“ބައްޕާއޭ. އަޅުގަނޑަށް އިތުބާރު ކުރައްވާށޭ. އަޅުގަނޑު މިހުރީ ބައްޕަ ދެއްވި ފުރިހަމަ ނަސޭހަތުގެ އަލީގައޭ. އަޅުގަނޑު އިންތިހާބު ވެއްޖެނަމަ ދާއިރާގެ ރައްޔިތުންނަށް މި ނަމޫނާ އަޅުގަނޑު ދައްކަދޭނަން،” ބައްޕަ ދެއްވި ނަސޭހަތުގެ ޖަވާބު ދެއްވަމުން ސަގީފު ވިދާޅުވިއެވެ.

ހދ. އަތޮޅު ކައުންސިލްގެ މެންބަރުކަމާއި ރައީސްކަން ވެސް ކުރައްވާފައިވާ ސަގީފު އިތުރަށް ވިދާޅުވީ އޭނާ މަޖިލީހަށް އިންތިހާބު ވެއްޖެނަމަ ތިލަދުންމަތި ފަހުރުވެރިވާ ގޮނޑިއަކަށް ވައިކަރަދޫ ގޮނޑި ހަދައިދޭނެ ކަމަށެވެ.

އަދި އޭނާ މަޖިލީހަށް ކުރިމަތިލީ، މީހުންގެ މައްސަލަތައް އަޑުއަހައި އިހުސާސްތަކާ ތަސައްލީ އިހުސާސްކުރި މީހެއްގެ ހައިސިއްޔަތުން ލިބުނު ލިބުނު ތަޖުރިބާ އާއި ގާބިލްކަން ބޭނުންކޮށްގެން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދައިދިނުމަށް ކަމަށް ސަގީފު ވިދާޅުވިއެވެ.

މުބާރާތް ބޭއްވީ އެންމެނަށް، ދިން އިނާމުތަކަކީ ވޯޓު ހޯދަން ކުރި ކަމަކަށް ނުބެލެވޭނެ: އަލްހާން

މުބާރާތްތައް ބޭއްވީ އިޖްތިމާއީ ހަރަކާތެއްގެ ތެރެއިން ހުރިހާ ޒުވާނުންނަށް ހުޅުވާލައިގެން ކަމަށާއި އެހެންކަމުން އެ މުބާރާތްތަކުގައި ދިން އިނާމުތަކަކީ ވޯޓު ހޯދަން ކުރި ކަމަކަށް ނުބެލެވޭނެ ކަމަށް ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ، އޭނާގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ “އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019” އާއި ރާޒުވާ މުބާރާތާ ގުޅޭގޮތުން މިއަދު އޭސީސީއަށް ހާޒިރުކުރުމުން ނުކުމެވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ.

އަލްހާން ވިދާޅުވީ، އޭނާ އޭސީސީއަށް ހާޒިރުކުރީ އެ މުބާރާތްތަކުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ދިން ފައިސާއަކީ ރިޝްވަތުގެ ގޮތުގައި ހުށަހެޅުނު އެއްޗެއް ކަމަށް ތުހުމަތު ކުރައްވައިގެން އެކަމާ ސުވާލު ކުރެއްވުމަށް ކަމަށެވެ.

އެގޮތުން އެ މުބާރާތްތަކަކީ ކެމްޕެއިންގައި ހިންގި އިޖްތިމާއީ ހަރަކާތެއްގެ ތެރެއިން މުޅި މާލެއަށް ހުޅުވާލައިގެން ހިންގި ހަރަކާތެއް ކަމަށާއި އެއީ ދާއިރާގެ ރައްޔިތުންނަށް ނުވަތަ ވޯޓުލާ މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަށް ބޭއްވި މުބާރާތްތަކެއް ނޫން ކަމަށް އަލްހާން ވިދާޅުވިއެވެ.

އެހެންކަމުން އެއީ ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ވޯޓު ހޯދަން ކުރި މަސައްކަތެއް ކަމަށް ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެއްގެ ޗެމްޕިއަނުންނަށް ކަނޑައެޅިފައިވާ އިނާމަކީ ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ވަކި ޖަމާއަތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވޯޓުލާ މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަށް ބޭއްވުނު ކަމަށް ނުވާއިރު މީގެ އިނާމަކީ އަޅުގަނޑު ވޯޓު ހޯދަން ކުރި މަސައްކަތެއް ކަމަށް ގާނޫނީ ހަމަތަކުން ބެލޭނެ އެއްވެސް އަސާސެއް ނެތް،” އަލްހާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އޭސީސީން މައްސަލަ ނަގައިގެން ގެންދާގޮތަށް ވަރަށް ބޮޑަށް އިންކާރު ކުރައްވާ ކަމަށެވެ. އަދި އޭސީސީން ކުރިއަށް ގެންދާ ތަހުގީގަކީ ގަބޫލުކުރައްވާ ތަހުގީގެއް ނޫން ކަމަށް އެ ކޮމިޝަންގައި އަލްހާން މިއަދު ވަނީ ދަންނަވައިފައެވެ.

އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް 4.8 މިލިއަން ރުފިޔާ ލިބިފައިވޭ: އެމްޑީޕީ

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީއަށް 4.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް އެމްޑީޕީން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ކެމްޕެއިން ތަރުޖަމާން އަފްޝަން ލަތީފު މިއަދު ވިދާޅުވީ، އެމްޑީޕީގެ ކެމްޕެއިނަށް ވަކި އަދަދެއް ހަރަދު ކުރުމަށް ކަނޑައަޅާފައިވާ ވަކި އަދަދެއް ނެތް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކަށް ފަންޑު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ، މިހާތަނަށް ހެޔޮ އެދޭ ފަރާތްތަކުގެ އެހީ އާއި ފަންޑު ހޯދުމުގެ ހަރަކާތްތަކުން އެޕާޓީއަށް 4.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ވަރަށް ގިނަ ހެޔޮ އެދޭ ފަރާތްތަކުން ފޮއްޗާއި ކުލަ އާއި ޓީޝާޓް ފަދަ ކެމްޕެއިނަށް ބޭނުންވާ ތަކެތި ހަދިޔާކޮށް، ޕްރިންޓް ކުރުމުން ފަދަ ކަންކަން ކޮށްދެއްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަފްޝަން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވަކި ދާއިރާތަކަށް ފަންޑު ހޯދުމަށް ހަރަކާތްތަކެއް ރާވަމުންދާ ކަމަށެވެ.

“…ވީހާވެސް ބޮޑަކަށް ޕަބްލިކް ނޫނީ އާންމުން ޝާމިލުވާ ގޮތަށް ވަރަށް އަވަހަށް ޕްރޮގްރާމެއް ފަށަން އަޅުގަނޑުމެން މިވަނީ ގަސްތުކޮށްފައި، މި ޕްރޮގްރާމްގެ ދަށުން ސީދާ އެ ދާއިރާތަކަށް އެ ދާއިރާތަކުގެ ބޭފުޅުންނަށް ފަންޑް ފޯރުކޮށްދެވޭނެ ނޫނީ ކެމްޕެއިން ހަރަދަށް ފައިސާ ނުވަތަ އެހެނިހެން އެހީ ފޯރުކޮށްދެވޭނެ،” އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބަށް ބޮޑެތި ތައްޔާރީތަކެއް ވަމުންދާއިރު، އެޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްދެއްވުމަށް ރައީސް އިބްރާހިމް ސޯލިހު ގެންދަވަނީ ދާއިރާތަކަށް ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ.

އެގޮތުން މިހާރު ވެސް އެމަނިކުފާނު ދަނީ ވ. އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ޅ. އަތޮޅަށް ދަތުރުފުޅެއް ކުރައްވާއިރު މިމަހުގެ 16 އަދި 17 އަށް ރައީސް ސޯލިހު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ނ. އަތޮޅަށެވެ.

އަލްހާން އޭސީސީއަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލްހާން ފަހުމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

އޭނާ އޭސީސީއަށް ހާޒިރު ކުރަނީ މިއަދު ހަވީރު 3:00 އަށެވެ.

އޭސީސީން އަލްހާނަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ، އޭނާ އެ ކޮމިޝަނަށް ހާޒިރުކުރަނީ މަޖިލީހަށް ވާދަ ކުރައްވާ ކެންޑިޑޭޓަކަށްވެ ހުންނަވައިގެން ގާނޫނާ ހިލާފަށް މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމްތައް ދީފައިވާކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.

އޭސީސީއަށް އަލްހާން ހާޒިރު މިކުރަނީ، މިދިޔަ މަހުގެ ފަހުކޮޅު “އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019″ގެ ނަމުގައި އޭނާ ވަނީ ފުޓްސަލް މުބާރާތެއް ބާއްވައިފައެވެ.

ހެންވޭރުގައި ހަރަކާތްތެރިވާ ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުކޮށްގެން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި މާލޭގެ އެކި ސަރަހައްދުތަކުން 33 ޓީމު ބައިވެރިވެފައިވެއެވެ.

އެ މުބާރާތުގައި އެއްވަނަ ޓީމަށް 50،000 ރުފިޔާ އަދި ދެވަނަ ޓީމަށް 25،000 ރުފިޔާ ވަނީ ދީފަ އެވެ.

އަލްހާންގެ އިތުރުން ވެސް އެކި ދާއިރާތަކަށް ވާދަ ކުރާ އެހެން ގިނަ ކެންޑިޑޭޓުން ގެންދަނީ ފުޓްސެލް މުބާރާތްތަކާއި އެހެނިހެން މުބާރާތްތައް ބާއްވަމުންނެވެ.

އޭގެ އިތުރުން މަޖިލިސް އިންތިހާބާ ދިމާކޮށް ބައެއް ކެންޑިޑޭޓުން ގެންދަނީ އެކި ޖަމިއްޔާތަކުގެ ނަންނަމުގައި ތަފާތު ބޮޑެތި އެހީތެރިކަން ރަށްރަށަށާއި އަމިއްލަ ފަރުދުންނަށް ވަމުންނެވެ.

މި ސަރުކާރު ދެމި އޮތްހާ ހިނދަކު އައްޑޫ ރައްޔިތުން ތިބޭނީ ތަނަވަސްކަމާއެކު: ނަޝީދު

މި ސަރުކާރު ދެމި އޮތްހާ ހިނދަކު އައްޑޫ ރައްޔިތުން އުޅެމުންދާނީ ތަނަވަސްކަމާއެކުގައި ކަމަށް  ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހިތަދޫ މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހުމަދު ރަޝީދު (ޗެކްމާކް)ގެ ކެމްޕެއިން ފައްޓަވައިދެއްވުމަށް މިއަދު ބޭއްވި ހަފްލާގައި ނަޝީދު ވަނީ އައްޑޫ އާއި އެ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑު ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ.

އެގޮތުން އެމްޑީޕީގެ ސިޔާސަތުތައް އެކުލެވިގެން ވަނީ، ތޮބީއީ ގޮތުން އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކާ އެކީގައިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން މި ސިޓީ ތަރައްގީ ކުރުމުގެ މަސައްކަތް ހިންގާނެ ކަމަށެވެ. އަދި އެއީ ޝައްކު އުފުދޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

“އައްޑޫ ސިޓީ ތަރައްގީ ކުރުމުގައި އެމްޑީޕީ މަސައްކަތްކުރާނެ. މި ޕާޓީ އުފެދިފައިވަނީ އެތައް ގޮތަކަށް ދެކޭއިރުގައި ސީދާ އެ މަސައްކަތަށް. މިޕާޓީގެ އެންމެ ގިނަ މެންބަރުންނަކީ އައްޑު ސިޓީގެ މެންބަރުން. މިޕާޓީގެ އެންމެ ގިނަ ހަރަކާތް ހިނގަނީ ވެސް މި އައްޑޫގައި. އެމްޑީޕީގެ އުފެދިގެން އައިއިރުގައި އެންމެބޮޑު ބާރުވެރިކަމެއް އެހީތެރިކަމެއް ތާއީދެއް ދިން ބޭފުޅުންނަކީ ވެސް ތިބޭފުޅުން،” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަމާޒަކީ މާގިނަ މީހުން ތަނަވަސްކަމާއެކީގައި ގަދަރުވެރި ދިރިއުޅުމެއް އުޅޭތަން ދެކުން ކަމަށާއި “އެ މަންޒަރު މި ސަރުކާރު ދެމި އޮތްހާ ހިނދަކު ފެންނަމުން އެނގެމުން އޮޅުންފިލަމުންދާނެ” ކަމަށެވެ.

ވެރިކަމުގައި މިތިބީ އެމްޑީޕީން، މެޖޯރިޓީ ދެއްވައިފިނަމަ ތަފާތު ދައްކާނަން: ރައީސް

މިއަދު ރާއްޖޭގެ ވެރިކަމުގައި މިތިބީ އެމްޑީޕީން ކަމަށާއި ރައްޔިތުންގެ މެޖޯރިޓީ ލިބިއްޖެނަމަ ތަފާތު ދައްކަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހިތަދޫ މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހުމަދު ރަޝީދު (ޗެކްމާކް)ގެ ކެމްޕެއިން ފައްޓަވައިދެއްވުމަށް މިއަދު ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ، މީގެ ކުރިން ވެސް އެމްޑީޕީން ވެރިކަމަށް އައި ނަމަވެސް އެފަހަރު ރައްޔިތުން މަޖިލީހުގެ މެޖޯރިޓީއެއް ނުލިބުނު ކަމަށެވެ.

އެގޮތުން މިއަދުވެސް ވެރިކަމުގައި މިއޮތީ އެމްޑީޕީ ކަމަށާއި މިފަހަރު ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ތަފާތު ދައްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“މިއަދު ވެރިކަމުގައި މިތިބީ އަޅުގަނޑުމެން. މި ސިޓީގެ ކައުންސިލް އޮތީ އަޅުގަނޑުމެންނާ އެކީގައި. އަޅެ ގޮތްބަލާލަން މި ސިޓީގެ ހުރިހާ ގޮނޑިއެއް އަޅެ އަޅުގަނޑުމެންނަށް ދެއްވަބައްލަވާށޭ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މިފަހަރު އަޅެ އަޅުގަނދުމެންނަށް ދެއްވަބަލައްވާށޭ. ތަފާތު އަޅުގަނޑުމެން ދައްކާނަން.،” ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އެމަނިކުފާނު ހޮއްވަވާފައި ހުރީ އެމްޑީޕީގެ ބޭފުޅެއްގެ ގޮތުގައި ނަމަވެސް އެ މަގާމަށް އާދެވުނީ ގިނަ ބައެއްގެ ތާއީދާއެކުކަން ހަނދާން ނުނެތޭ ކަމަށެވެ.

އެގޮތުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ އެމްއާރުއެމްގެ އިތުރުން އަދިވެސް ގިނަ ބަޔަކު ކުރި މަސައްކަތް އެމަނިކުފާނުގެ ހިތުގައި އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެއިން އެއްވެސް ބޭފުޅަކަށް އަދި އެއްބާރުލުން ދެއްވި އެއްވެސް ޕާޓީއަކަށް އެމްޑީޕީން ކުރާ މަސައްކަތުން ދެރަ ގޮތެއް ނުވާނެ ކަމާށާއި ވާނީ ރަނގަޅު ގޮތްތަކެއް ކަމަށެވެ.

ޕާޓީތަކަކީ މުގައްދަސް އެއްޗެއްކަން ގަބޫލުކޮށް، އަޅުންގެ ގޮތުގައި އުޅެގެން ނުވާނެ: އަލްހާން

ޑިމޮކްރަސީއަކަށް ރާއްޖެ ފުރޮޅާލިއިރު އުފެދުނު ކުލަތަކަކީ މާ މުގައްދަސް އެއްޗެއްކަން ގަބޫލުކުރާ ކުރުން ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށް ރޭ ބޭއްވި ހަފްލާގައި އަލްހާން ވިދާޅުވީ، ރާއްޖޭގެ ހާލަތު މިއަދު މިއޮތީ ބަދަލުކުރަންޖެހިފައި ކަމަށެވެ. އަދި ބަދަލުކުރަންޖެހިފައި އޮތް ހަގީގަތަކީ ޑިމޮކްރަސީއަކަށް ރާއްޖެ ފުރޮޅާލިއިރު އުފެދުނު ޕާޓީތަކަކީ މާ މުގައްދަސް އެއްޗެއްކަން ގަބޫލުކުރާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

“ދިވެހި ގައުމިއްޔަތުގެ ބަހާތައް އޮތީ ދެމެހެއްޓިފަ. އެއީ އިސްލާމީ ޝަހްޝިއްޔަތު. ފެއްސާއި ރަތާއި ހުދުން އޮންނަ އެއްޗެއް. އެއީ ރީނދުލަކުން ރަތަކުން ފެއްސަކުން އޮންނަ އެއްޗެއް ނޫން. ހިތުގައި އޮންނަންވީ ގައުމީ ލޯބި. މަސައްކަތްކުރަންޖެހޭނީ ގައުމަށްޓަކާ ވަކި މީހަކަށްޓަކާ އަޅުދާސްތުވެގެން ވަކި ޕާޓީއެއްގެ އަޅުންގެ ގޮތުގައި އުޅެގެން ނުވާނެ،” އަލްހާން ވިދާޅުވިއެވެ.

ރޭގެ ހަފްލާގައި އަލްހާން ތަކުރާރުކޮށް ވަނީ، ޕާޓީއަށްވުރެ ގައުމުދެކެ ލޯބިވުމަށާއި މިއީ މިނިވަނުން ކަމުން ލޯބިވާނީ ގައުމު ދެކެ ކަމަށް ހަރުއަޑުން ވިދާޅުވެފައެވެ.

އަލްހާން ވިދާޅުވީ، ރައްޔިތުން މަޖިލީހަށް އޭނާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގިހުރެ ކަމަށެވެ.

އެގޮތުން ދައުލަތް ހިންގަން ބޭނުންވާ ގާނޫނުތައް ހެދުމާއި ރާއްޖެ ވަކި ގޮތަކަށް އިންތިޒާމް ކުރުމަށް ތަރުތީބު ކުރަންޖެހޭ ގާނޫނީ ކަންކަން އެންމެ މަތިން ނިންމާ ތަނަކީ ރައްޔިތުންގެ މަޖިލިސްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ގާނޫނު ހެދުމުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން އެއިރަކު އޮންނަ ސަރުކާރެއް ޒިންމާދާރު ކުރުވުމަކީ ވެސް ރައްޔިތުންގެ މަޖިލީހަށް މަތިވެފައި އޮންނަ މަސްއޫލިއްޔަތެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

“އެއީ ތިންބާރު ވަކިވެފައި އޮންނަ ދައުލަތެއްގައި އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ ޒިންމާދާރު ވެރިކަމެއް ހިންގުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް އޮންނަ މަސްއޫލިއްޔަތެއް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ޕާޓީއަކުން ކޮންމެ ކުލައަކުން ހޮވިގެން އައިކަމަށް ވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތްޕުޅު ކުރައްވަން ވާނީ ވަކި ކުލައަކަށް ވަކި ޕާޓީއަކަށް ވަކި ލީޑަރަކަށް ނުބަލާ ސީދާ ރައްޔިތުންގެ ހައްގުކަން،” އަލްހާން ވިދާޅުވިއެވެ.

ޕާޓީން ވިޔަސް ރައްޔިތުންނަށް ގެއްލުންވާ ކޮންމެ ކަމަކަށް އޮންނާނީ ޒީރޯ ޓޮލަރެންސް: އަލްހާން

ސަރުކާރުން ވިޔަސް ރައްޔިތުންނަށް ގެއްލުންވާ ނުވަތަ ރައްޔިތުންގެ މަތީ މަސްލަހަތާ ހިލާފަށް ކުރާ އެއްވެސް ކަމަކަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށް ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އަލްހާން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކީގައި ރައްޔިތުންނަށް ހިދުމަތް ކުރަން ފަސްނުޖެހި މިހުރީ ގައުމީ ހިދުމަތުގެ ވަރުގަދަ ރެކޯޑެއް ގާސިމްގެ ފަހަތްޕުޅުގައި ފެންނަން އޮތަތީވެ ކަމަށެވެ.

އަދި ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީއާއެކުގައި ދިވެހި ދައުލަތާއި ސަރުކާރުގެ ހިދުމަތުގައި އަދި ރައްޔިތުންނަށް ހެވާ ލާބައަށްހުރި ކޮންމެ ކަމެއްގައި ދެމިހުންނާނެ ކަމަށާއި އެއީ މިހާތަނަށް ވެސް މަސައްކަތްކުރި ގޮތް ކަމަށް އަލްހާން ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންނަށް ގެއްލުންވާ ގޮތަކަށް ޕާޓީން ވިޔަސް އަދި ސަރުކާރުން ވިޔަސް ކަންކަން ކުރާނަމަ އެކަމަށް ދެވޭނީ ޒީރޯ ޓޮލަރެންސް ކަމަށް އަލްހާން ހަރުއަޑުން ތަކުރާރުކޮށް މިރޭ ވިދާޅުވިއެވެ.

“ޖޭޕީން ވިޔަސް ސަރުކާރުން ވިޔަސް ކޮންމެ ފަރާތަކުން ވިޔަސް ރައްޔިތުންނަށް ގެއްލުންވާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަތީ މަސްލަހަތު ކޮމްޕްރައިމައިޒް ކުރާ އެއްވެސް ކަމަކާ އަޅުގަނޑުމެން އޮންނާނީ ސީދާ ޒީރޯ ޓޮލަރެންސް. އިތުރު ގޮތެއް ނޯންނާނެ. ކޮންމެ ޕާޓީއަކުން ކިތަންމެ ބައިވަރު ވިޕެއް ނެރުނު ކަމުގައި ވިޔަސް އަޅުގަނޑު މަސައްކަތް ކުރާނީ އެގޮތަށް،” ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެން ހަފްލާގައި އަލްހާން ވިދާޅުވިއެވެ.

ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަލްހާން އިތުރަށް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކާއި ވަކާލާތު ކުރަންޖެހޭ ގޮތާއި ވޯޓު ދޭންޖެހޭ ގޮތް ސިފަކުރަނީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކޮށްގެން ކަމަށް ރާއްޖޭގެ ގާނޫނު އަސާސީގައި ސާފުކޮށް ބުނެފައި އެބައޮތް ކަމަށެވެ.

ނަމަވެސް ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭނެ ކަމަށް ވިދާޅުވެ ކަންކަން އޮޅުވާލައްވާ ސިޔާސީ ލީޑަރުން އެބަތިއްބެވި ކަމަށާއި އެކަން އެގޮތަށް ވިދާޅުވެގެން ނުވާނެ ކަމަށް އޭނާ  ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތްޕުޅު ކުރައްވަންވާނީ ވަކި ކުލައަކަށް ވަކި ޕާޓީއަކަށް ވަކި ލީޑަރަކަށް ނުބަލާ ސީދާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

ސަގީފު، ހުޅުމާލޭގައި ދިރިއުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ ގާތަށް!

ހުޅުމާލޭގައި ދިރިއުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯއްދެއްވުމަށް އެދާއިރާއަށް ވާދަކުރައްވާ ހުސެއިން ސަގީފު ދޮރުން ދޮރަށް ވަޑައިގެންފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ ސަގީފު ވަނީ އިއްޔެ ހުޅުމާލޭގައި އުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުން ދިރިއުޅޭ ގޭގެއަސް ޒިޔާރަތްކޮށް ގިނަ ބަޔަކާ ބައްދަލުކުރައްވައިފައެވެ.

އަދި ވައިކަރަދޫ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އެކަންކަމަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހިޔާލު ބައްދަލު ކޮށްފައިވެއެވެ.

“ތިލަދުންމަތި ފިކުރު” ގެ ސްލޯގަންގައި ކެމްޕޭން ކުރައްވަމުން ގެންދަވާ ސަގީފު އިއްޔެ ހުޅުމާލޭގައި އުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، “ފިކުރު ކޮފީ”ގެ ނަމުގައި މިފަހުން ވަނީ ދާއިރާގައި ހިމެނޭ ކުރިނބީ އަދި ނެއްލައިދޫގެ ހިންގުންތެރި ޒުވާނުންނާ ވެސް ބައްދަލުކޮށް އެމީހުންގެ ހިޔާލާ މަޝްވަރާ ވެސް ހޯއްދަވައިފައެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް ސަގީފާއެކު ތިން ބޭފުޅުން ވާދަކުރައްވައެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުސެއިން ޒިޔާދު (ފިއްޓޭ) އާއި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ޝަރީފެވެ.

ސަގީފުގެ ކެނޑިޑޭޓް ނަންބަރަކީ 2 އެކެވެ.

އަލްހާންގެ ސުވާލެއް: މިއީ އެމްޑީޕީގެ ސަރުކާރެކޭ ވިދާޅުވާނަމަ އިންސާފަކީ ކޮބާ؟

ޕާޓީތަކެއް އެއްބައިވަގެން ވަކި ގޮތަކަށް ސަރުކާރުން ހިންގަން އައިސް އޮއްވާ މިއީ ހަމައެކަނި އެމްޑީޕީގެ ސަރުކާރެކޭ ވިދާޅުވުމަކީ އިންސާފުވެރި ވާހަކަފުޅެއްތޯ އަލްހާން ފަހުމީ ސުވާލު އުފައްދަވައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަލްހާން އެގޮތަށް ސުވާލު އުފެއްދެވީ އޭނާގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ހަފްލާގައެވެ.

އެމްޑީޕީގެ އިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އަލްހާން ރޭ ވަނީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މިއަދު މިއޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެކޭ ވިދާޅުވާތީ ގިނަ ސުވާލުތަކެއް އުފައްދަވައިފައެވެ.

އެގޮތުން އެހެން ވިދާޅުވާނަމަ އެއީ އިންސާފުވެރި ވާހަކަފުޅެއްތޯއޭ އަލްހާން ރައްޔިތުންގެ ގާތު އެއްސެވިއެވެ.

“ކޮބައިތޯއޭ ޖުމްހޫރީ ޕާޓީއާއި މި ޕާޓީގެ މެންބަރުން ކުރިހާ މަސައްކަތާއި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށްޓަކާ މި ޕާޓީތަކުން ކުރި މަސައްކަތާ ކުރި ހޭދަ ކޮބައިތޯއެވެ. އޭގެ އަގު ވަޒަން ކުރުމެއް ނެތީތޯއޭ. އެވާހަކަ އަޑުއެހުމެއް ވެސް ނެތީތޯއޭ،” ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެން ހަފްލާގައި އަލްހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ނިންމި އެއް ސަބަބަކީ މިއަދުގެ ސަރުކަރާއި ޖުމްހޫރީ ޕާޓީއަށް މަންފާ ކުރަނިވި ކަންކަމުގައި އެއްބާރުލުން ދިނުން ކަމަށާއި އަދިވެސް މިތިބީ މިއަދުގެ ސަރުކާރާ އެކީގައި ކަމަށެވެ.

އަދި އެ ސަރުކާރަކީ ޖުމްހޫރީ ޕާޓީ ވެސް އެކުލެވޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ކަމަށާއި އެއީ އެމްޑީޕީ ސަރުކާރުގެ ވާހަކައެއް ނޫން ކަމަށް އަލްހާން ވިދާޅުވިއެވެ.

ކުރިން ފޭދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަލްހާން އިތުރަށް ވިދާޅުވީ، އޭނާ މަޖިލީހަށް ކުރިމަތިލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ވެސް ރައީސްއާ މަޝްވަރާ ކުރެއްވި ކަމަށާއި މަޝްވަރާގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓް ހޯއްދަވައިގެން ކުރިއަށް ވަޑައިގެންނެވުމަށް ރައީސް ވިދާޅުވި ކަމަށް އަލްހާން ވިދާޅުވިއެވެ.

“އެހެންވީމަ އަޅުގަނޑު މިހުރީ އެގޮތަށް އައިސް. އެހެން ވެގެން އަޅުގަނޑު މި ބުނަނީ އިބޫ ސަރުކާރު ދަމަހައްޓާނަމޭ. ނަމަވެސް އެދޭ ގޮތަށް ރައީސްގެ ފަރާތްޕުޅުން މި ތާއީދެއް ވެސް ނުލިބޭ. އުއްމީދު ކުރިގޮތަކަށް ނޫން ކޯލިޝަންގެ ކަންކަން ނިމިގެން ދިޔައީކީ،” ޕާޓީތައް ހިމެނޭ ކޯލިޝަންގެ އިހުލާސްތެރިކަން ރައްޔިތުންނަށް ދައްކަންޖެހޭކަން ފާހަގަކުރައްވާ އަލްހާން ވިދާޅުވިއެވެ.