ޔުނައިޓެޑްގައި އިތުރު އެއް އަހަރު މަޑުކުރަން ޔަންގް ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް ދިގު ދައްމާލަން އެ ޓީމުގެ އިތުރުބާރު ފުލްބެކް އޭޝްލީ ޔަންގް ނިންމައިފިއެވެ.

އެސްޓަން ވިލާއިން 2011 ވަނަ އަހަރު ޔުނައިޓެޑާ ގުޅުުނު ޔަންގް، 2020 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑްގައި މަޑުކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ޔަންގްއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ.

ސަތާރަ މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވި އުމުރުން 33 އަހަރުގެ ޔަންގްއަކީ ޔުނައިޓެޑަށް އެންމެ ގިނަ ދުވަސްވަންދެން ކުޅެމުން އަންނަ އެއް ކުޅުންތެރިޔާއެވެ.

އެގޮތުން އެކުލަބާއެކު މިވީ އަށް އަހަރުގެ ތެރޭގައި 227 މެޗު ކުޅެދީ، ޔަންގް ވަނީ އެ ކުލަބާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް، ޔޫރަޕާ ލީގު އަދި ލީގް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ޔުނައިޓެޑްގައި އިތުރު އެއް އަހަރު މަޑުކުރަން ޔަންގް ނިންމިއިރު، ޔުނައިޓެޑްގެ ފްރާންސް ވިންގާ އެންތަނީ މާޝިއަލް އާއި ޑިފެންޑަރު ފިލް ޖޯންސް އެ ޓީމާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށްވެއެވެ.

މާޝިއަލް އިތުރު ފަސް އަހަރު ޔުނައިޓެޑްގައި މަޑުކުރަނީ؟

މެންޗެސްޓާ ޔުނައިޓެޑުން ފްރާންސްގެ ވިންގާ އެންތަނީ މާޝިއަލް އެ ކުލަބުގެ އިތުރު ފަސް އަހަރު މަޑުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެކަން އަދި ޔުނައިޓެޑުން ހާމަނުކުރި ނަމަވެސް އުމުރުން 23 އަހަރުގެ މާޝިއަލްގެ ގާތް މަސްދަރަކާ ހަވާލާދީ އީއެސްޕީއެން އެފްސީގައި ބުނެފައިވަނީ، ލެއިސެސްޓާ ސިޓީއާ ދެކޮޅަށް އެޓީމުން އަންނަ އާދީއްތަ ދުވަހު ކުޅޭ މެޗުގެ ކުރިން އެކަން އިއުލާން ކުރާނެ ކަމަށެވެ.

މާޝިއަލް ޔުނައިޓެޑާއެކު ސޮއިކުރާ އެ އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރާ ހަމައަށް އޭނާ އެކުލަބުގައި މަޑުކުރާނެއެވެ.

މާޝިއަލް އިތުރު ފަސް އަހަރު ޔުނައިޓެޑުގައި މަޑުކުރަން ނިންމާނެ ކަމަށް ރިޕޯޓްތައް ބުނާއިރު އެލެކްސިސް ސަންޗޭޒް ޔުނައިޓެޑާ ގުޅުނު ހިސާބުން ފުރަތަމަ އެގާރައިން ފުރުސަތު ލިބޭލެއް މަދުވެ، ހޫނު މޫސުމުގައި ކުލަބް ދޫކޮށް ދާން މާޝިއަލް އުޅުނު ކަމުގެ ކަންބޮޑުވުންތަކެއް އޮތެވެ.

އެގޮތުން ޔުނައިޓެޑުން ހުށަހެޅި ހުށަހެޅުންތަކެއް މާޝިއަލް ގަބޫލުކޮށްފައިނުވާއިރު، އެއްބަސްވުމަކަށް އާދެވިފައި މިވަނީ ގިނަ މަޝްވަރާ ތަކަކަށްފަހުއެވެ.

މޮނާކޯއިން، 2015 ވަނަ އަހަރު 36 މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވި މާޝިއަލް ވަނީ މިހާތަނަށް ޔުނައިޓެޑަށް 161 މެޗު ކުޅެފައެވެ.

އަދި މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ވެސް މާޝިއަލް ހިމެނިފައިނުވި ނަމަވެސް މި ސީޒަންގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިފަހުން ކުޅުނު 25 މެޗުގައި އޭނާ ވަނީ ޔުނައިޓެޑަށް 10 ގޯލު ކާމިޔާބު ކޮށްދީފައެވެ.

10 ހަފްތާއަށް ނޭމާ ކުޅުމާ ދުރަށް، ޔުނައިޓެޑާ ދެކޮޅަކަށް ނުކުޅެވޭނެ!

ޕެރިސް ސެއިންޓް ޖާމައިން އަދި ބްރެޒިލްގެ ފޯވާޑް ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން 10 ހަފްތާއަށް ކުޅުމާ ދުރަށް ދާންޖެހި، ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ ލެގުގައި ވެސް އޭނާ ނުކުޅެވޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޭމާއަށް އަނިޔާވީ، ފްރެންޗް ކަޕްގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ސްޓްރަސްބާގް އާ ދެކޮޅަށްކުޅެ 2-0 އިން ޕީއެސްޖީ މޮޅުވި މެޗުގެ 62 ވަނަ މިނެޓުގައެވެ. އަނިޔާވެގެން ބޭލިއިރު ނޭމާއަށް ހުރީ ވެސް ރޮވިފައެވެ.

ނޭމާގެ އަނިޔާއާ ގުޅިގެން ފުރާންސްގެ ޗެމްޕިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ނޭމާގެ ކަނާތު ފައިގެ ކުޅަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ދުނިޔޭގައި ތިބި މަޝްހޫރު ސިއްހީ މާހިރުން ގެނެސް ފުރިހަމަ ރިވިއުއެއް ހެދި ކަމަށެވެ.

“ސްޕެޝަލިސްޓުންގެ ފުރިހަމަ އެނަލިސިސް އަކަށްފަހު، އޮޕަރޭޝަން ނުކޮށް ނޭމާގެ ކުޑަހުޅަށް ފަރުވާ ދިނުމަށް ވަނީ އެއްބަސްވެވިފައި،” ޕީއެސްޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ނިންމުމަށް ނޭމާވެސް އެއްބަސްވެފައިވާ ކަމަށާއި ކުރިއަށްއޮތް 10 ހަފްތާތެރޭގައި ނޭމާއަށް އެނބުރި ކުޅުމަށް ދަނޑަށް ނުކުމެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގާތްގަނޑަކަށް ދެ މަހާއި ބައިގެ މުއްދަތަކަށް ނޭމާ ކުޅުމާ ދުރަށް ދާންޖެހިފައިވާއިރު، މިދިޔަ އަހަރުގެ މާޗް މަހު ފްރެންޗް ލީގު ކަޕްގެ މެޗެއްގައި ވެސް ނޭމާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއް ރެނދުލުމުގެ ސަބަބުން މުޅި ސީޒަނުގައި ނުކުޅެވި ދިޔައެވެ. އޭނާ އެއަށްފަހު ފެނިގެންދިޔައީ އަނިޔާއިން ރަނގަޅުވެ ވޯލްޑް ކަޕުންނެވެ.

ނޭމާއާ ނުލާ ޕީއެސްޖީ ޔުނައިޓެޑާ ދެކޮޅަށް ކުޅެންޖެހޭއިރު، ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގު ކުޅޭނީ މާޗް ހައެއްގައެވެ.

ޗައިނާގެ ކުލަބަކަށް ފެލައިނީ ވިއްކާލަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މަރުއާނޭ ފެލައިނީ ވިއްކާލުމަށްޓަކާ ޗައިނާގެ ކުލަބަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޔުނައިޓެޑުން ކަށަވަރުކޮށްދީފިއެވެ.

އެވަޓަންއަށް ކުޅުމަށްފަހު 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 27.5 މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑާ ގުޅުނު ފެލައިނީ ވިއްކާލަން އުޅޭކަމުގެ ރިޕޯޓްތަކެއް މީޑިއާއަށް ތިލަވީ މިމަހުގެ މެދެއްހާ ހިސާބުގައެވެ.

އެގޮތުން ފެލައިނީއަށް އޭސީ މިލާނުންނާއި ޕޯޓޯގެ އިތުރުން ތުރުކީގެ ކުލަބްތަކުން ވެސް ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ.

ނަމަވެސް ޔުނައިޓަޑުން، ފެލައިނީ ވިއްކާލަން މި ހަފްތާތެރޭގައި މަޝްވަރާ ކޮށްފައިވަނީ ޗައިނީސް ސުޕާ ލީގުގެ ކުލަބެއް ކަމަށްވާ ޝަންޑޮން ލުނެންގ ޓައިޝަންއާއެކުއެވެ. ޗައިނީސް ސުޕަ ލީގަކީ އެގައުމުގެ އެންމެ ޕްރޮފެޝަނަލް ފުޓްބޯޅަ ލީގެވެ.

އެ ޓީމާއެކު ޔުނައިޓެޑުން ބާއްވާ މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، ކުރިއަށް އޮތް ހަފްތާތެރޭގައި ފެލައިނީ ޗައިނާ ކުލަބަށް ވިއްކާލާނެއެވެ. އެއީ ޗައިިނާގެ ޓްރާންސްފާގެ ދޮރު އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ބަންދުވާނެތީ އާއި ޔޫރަޕިއަން ޓްރާންސްފާގެ ދޮރު މާދަމާ ބަންދުވާނެތީއެވެ.

އުމުރުން 30 އަހަރުގެ ފެލައިނީ ވިއްކާލަން ޔުނައިޓެޑުން ނިންމާ އެކަމުގެ މަޝްވަރާތައް ކުރަމުން އަންނައިރު، އެޓީމުގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި ފެލައިނީއަށް ކުޅެން ގިނަ ވަގުތު ލިބުނެވެ.

ނަމަވެސް އޭނާ ވަކިކުރުމަށްފަހު މި ސީޒަނުގެ ނިޔަލަށް އެޓީމުގެ ކޯޗުކަން ހަވާލުކުރި ކުރީގެ ފޯވާޑް ނޯވޭގެ އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން އޭނާއަށް އަދި ކުޅެން ލިބިފައެއްނުވެއެވެ.

އެގޮތުން ސޯލްޝެއާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު އަށް މެޗުން ފެލައިނީއަށް ކުޅެލަން ލިބުނީ އެންމެ ދެ މެޗުގައެވެ. އެއީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ބެލްޖިއަމް ގައުމީ ޓީމުން ވެސް ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ފެލައިނީ ޔުނައިޓަޑުން ވަކިވެގެންދާއިރު، އޭނާވަނީ ޔުނައިޓަޑަށް ކުޅުނު 177 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ފެލައިނީ ވަނީ އެ ކުލަބާއެކު އެފްއޭކަޕާއި، ލީގު ކަޕާއި، ޔޫރޮޕާ ލީގުގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝިލްޑު ވެސް ކާމިޔާބުކޮށްފައެވެ.