މޮރީނިއޯ އެންމެ ފަހުން ޝޯ ހޯސްޓް ކުރުމަށް!

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަމިއްލަ ޓީވީ ޝޯއެއް އުފައްދަން ނިންމައިފިއެވެ.

“އޮން ދަ ޓަޗްލައިން ވިތް ހޯސޭ މޮރީނިއޯ” ގެ ނަމުގައި އެ ފުޓްބޯޅަ ޝޯ ގެނެސްދޭން ހަމަޖެހިފައިވަނީ ރަޝިއާގެ ދައުލަތުން ފަންޑުކުރާ ޓީވީ ޗެނަލްއެއް ކަމަށްވާ އާރުޓީ ނުވަތަ ކުރީގެ ރަޝިއާ ޓުޑޭއިންނެވެ.

އެ ޗެނަލުން ބުނީ، އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ، މޮރީނިއޯ ހޯސްޓްކުރާ އެ ޝޯއިން ގެނެސްދޭނީ ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ އެނަލިސިސްތައް ކަމަށެވެ

އާރުޓީ ޗެނަލްގައި މޮރީނިއޯގެ އަމިއްލަ ފުޓްބޯޅަ ޝޯއެއް ހޯސްޓްކުރާއިރު، ރަޝިއާގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޕަންޑިޓް އެއްގެ ގޮތުގައި ވެސް އޭނާ ވަނީ އެ ޗެނަލަށް މަސައްކަތްކޮށްދީފައެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ 2016 ވަނަ އަހަރު މެއި މަހު ހަވާލުވި ޕޯޗުގަލްގެ ކޯޗު މޮރީނިއޯ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރީ، ޔުނައިޓެޑްގެ ނަތީޖާ ވަރަށް ބޮޑަށް ދަށްވުމައި ކުޅުންތެރިންނާއެކު އުފެދުނު މައްސަލަތައް ހައްލު ނުކުރެވި ދިއުމުންނެވެ.

“އަހަރެންގެ ކުރީގެ ކެރިއަރު ނިމުމުން އެންމެން ވެސް އަހަރެން ދެން ކުރާނެ ކަމަކާ ވިސްނި. އަހަރެން ބޭނުންވީ އާ ޗެލެންޖެއް. މީހުން ސަޕްރައިޒް ކުރުމަކީ އަހަންނަށް އާ ކަމެއް ނޫން،” ހުށަހަޅައިދޭ ޝޯގެ އިސްތިހާރެއްގައި މޮރީނިއޯ ބުނެފައިވެއެވެ.

ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުން ފެންނަ އާރުޓީ ޗެނަލްގައި މޮރީނިއޯގެ އަމިއްލަ ޝޯއެއް ދައްކަން ފަށާއިރު އޭނާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރުމުން އެންމެ ފުރަތަމަ މީޑިއާއެއްގެ ކުރިމައްޗަށް އަރާފައިވަނީ ގަތަރުގެ ބްރޯޑްކާސްޓަރެއް ކަމަށްވާ ބެއިން ސްޕޯޓްސްގެ ޕަންޑިޓެއްގެ ގޮތުގައެވެ.

ޕޯލް ސްކޯލްސް، އޭނާ ކުޑައިރު ސަޕޯޓްކުރި ކުލަބުގެ މެނޭޖަރަކަށް!

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ސެންޓްރަލް މިޑްފީލްޑަރު ޕޯލް ސްކޯލްސް، އޭނާ ކުޑައިރު ސަޕޯޓްކުުރި ކުލަބުގެ މެނޭޖަރު ކަމާ ހަވާލުވެއްޖެއެވެ.

ދެވަނަ ލީގުގެ ކުލަބެއް ކަމަށްވާ އޯލްޑްހެމް އެތްލެޓިކްއާ، އިންގުލޭންޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފިލްޑަރު ހަވާލުވީ އެއް އަހަރާއި ހަ މަސް ދުވަހުގެ ކޮންޓުރެކްޓެއްގެ ދަށުންނެވެ.

އަދި އޭނާ އެކުލަބާ ހަވާލުވިކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

“ޕޯލް ވަނީ ފުޓްބޯޅައިގާ ކާމިޔާބު ކުރަންޖެހޭ ހުރިހާ އެއްޗެއް ކާމިޔާބު ކޮށްފައި. އަދި އޭނާއަކީ ފުޓްބޯޅައިގެ އެތައް ހުނަރެއް ގެނެސްދޭނެ މީހެއް. ޕޯލް އަށް އަހަރެންގެ 100 ޕަސެންޓް ބެކިން ދޭނަން. އަދި އެކުގައި މަސައްކަތް ކޮށްގެން ކުލަބަށް ކާމިޔާބީ ހޯދޭނެ ކަމަށް އުއްމީދުކުރަން،”  އޯލްޑްހެމްގެ އޯނަރު އަބްދުﷲ ލެމްސަގަމް ވިދާޅުވެފައިވެއެވެ.

މިއީ އުމުރުން 44 އަހަރުގެ ސްކޯލްސް މެނޭޖްމަންޓުގެ ރޯލަކާ ހަވާލުވި ފުރަތަމަ ފަހަރެވެ. އަދި ސްކޯލްސްގެ އެސިސްޓަންޓެއްގެ ގޮތުގައި ހުންނާނީ އޯލްޑްހެމްގެ ކުރީގެ ކޯޗު މިކް ޕްރީސްޓެވެ.

އޯލްޑްހެމް އެތްލެޓިކްގެ މެނޭޖަރުކަމާ ސްކޯލްސް ހަވާލުވިއިރު، ސަލްފޯޑް ސިޓީގެ ޑިރެކްޓަރުގެ މަގާމުން އޭނާ ވަނީ އިސްތިއުފާ ދީފައެވެ. ނަމަވެސް އެކުލަބުން އޭނާއަށް ދޭން އެއްބަސްވެފައިވާ 10 ޕަސެންޓްގެ ހިއްސާ ކަނޑާލާފައެއް ނުވެއެވެ.

ޔުނައިޓެޑްގައި އިތުރު އެއް އަހަރު މަޑުކުރަން ޔަންގް ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް ދިގު ދައްމާލަން އެ ޓީމުގެ އިތުރުބާރު ފުލްބެކް އޭޝްލީ ޔަންގް ނިންމައިފިއެވެ.

އެސްޓަން ވިލާއިން 2011 ވަނަ އަހަރު ޔުނައިޓެޑާ ގުޅުުނު ޔަންގް، 2020 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑްގައި މަޑުކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ޔަންގްއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ.

ސަތާރަ މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވި އުމުރުން 33 އަހަރުގެ ޔަންގްއަކީ ޔުނައިޓެޑަށް އެންމެ ގިނަ ދުވަސްވަންދެން ކުޅެމުން އަންނަ އެއް ކުޅުންތެރިޔާއެވެ.

އެގޮތުން އެކުލަބާއެކު މިވީ އަށް އަހަރުގެ ތެރޭގައި 227 މެޗު ކުޅެދީ، ޔަންގް ވަނީ އެ ކުލަބާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް، ޔޫރަޕާ ލީގު އަދި ލީގް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ޔުނައިޓެޑްގައި އިތުރު އެއް އަހަރު މަޑުކުރަން ޔަންގް ނިންމިއިރު، ޔުނައިޓެޑްގެ ފްރާންސް ވިންގާ އެންތަނީ މާޝިއަލް އާއި ޑިފެންޑަރު ފިލް ޖޯންސް އެ ޓީމާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށްވެއެވެ.

މާޝިއަލް އިތުރު ފަސް އަހަރު ޔުނައިޓެޑްގައި މަޑުކުރަނީ؟

މެންޗެސްޓާ ޔުނައިޓެޑުން ފްރާންސްގެ ވިންގާ އެންތަނީ މާޝިއަލް އެ ކުލަބުގެ އިތުރު ފަސް އަހަރު މަޑުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެކަން އަދި ޔުނައިޓެޑުން ހާމަނުކުރި ނަމަވެސް އުމުރުން 23 އަހަރުގެ މާޝިއަލްގެ ގާތް މަސްދަރަކާ ހަވާލާދީ އީއެސްޕީއެން އެފްސީގައި ބުނެފައިވަނީ، ލެއިސެސްޓާ ސިޓީއާ ދެކޮޅަށް އެޓީމުން އަންނަ އާދީއްތަ ދުވަހު ކުޅޭ މެޗުގެ ކުރިން އެކަން އިއުލާން ކުރާނެ ކަމަށެވެ.

މާޝިއަލް ޔުނައިޓެޑާއެކު ސޮއިކުރާ އެ އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރާ ހަމައަށް އޭނާ އެކުލަބުގައި މަޑުކުރާނެއެވެ.

މާޝިއަލް އިތުރު ފަސް އަހަރު ޔުނައިޓެޑުގައި މަޑުކުރަން ނިންމާނެ ކަމަށް ރިޕޯޓްތައް ބުނާއިރު އެލެކްސިސް ސަންޗޭޒް ޔުނައިޓެޑާ ގުޅުނު ހިސާބުން ފުރަތަމަ އެގާރައިން ފުރުސަތު ލިބޭލެއް މަދުވެ، ހޫނު މޫސުމުގައި ކުލަބް ދޫކޮށް ދާން މާޝިއަލް އުޅުނު ކަމުގެ ކަންބޮޑުވުންތަކެއް އޮތެވެ.

އެގޮތުން ޔުނައިޓެޑުން ހުށަހެޅި ހުށަހެޅުންތަކެއް މާޝިއަލް ގަބޫލުކޮށްފައިނުވާއިރު، އެއްބަސްވުމަކަށް އާދެވިފައި މިވަނީ ގިނަ މަޝްވަރާ ތަކަކަށްފަހުއެވެ.

މޮނާކޯއިން، 2015 ވަނަ އަހަރު 36 މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވި މާޝިއަލް ވަނީ މިހާތަނަށް ޔުނައިޓެޑަށް 161 މެޗު ކުޅެފައެވެ.

އަދި މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ވެސް މާޝިއަލް ހިމެނިފައިނުވި ނަމަވެސް މި ސީޒަންގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިފަހުން ކުޅުނު 25 މެޗުގައި އޭނާ ވަނީ ޔުނައިޓެޑަށް 10 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ވެސްޓް ހަމްގެ ލޫކަސް ޕެރޭޒް ހޯދަން ޝަލްކޭއިން މަސައްކަތް ކުރަނީ

ވެސްޓް ހަމްއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ލޫކަސް ޕްރޭޒް ހޯދަން ޝަލްކޭއިން މަސައްކަތް ފަށައިފިއެވެ.

އެޓްލެޓިކޯ މެޑްރިޑް އަދި އާސެނަލްއަށް ވެސް ކުޅުނު އުމުރުން 30 އަހަރުގެ ޕެރޭޒް ގެންދަން ފްރާންސްގެ ޝަލްކޭއިން މަސައްކަތްކުރަނީ ލޯނެއްގެ ދަށުން، މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ކޮންޓުރެކްޓެއް ހެދޭނެ ގޮތަކަށެވެ.

ތިން އަހަރު ދުވަހުގެ ކޮންޓުރެކްޓެއްގައި ހަތަރު މިލިއަން ޕައުންޑުގެ ފީއަކަށް ޕެރޭޒް ވެސްޓް ހަމްއަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި މިހާތަނަށް އެ ކުލަބަށް 14 މެޗު އޭނާ ކުޅެދީފައިވާއިރު ފަސް ގޯލު ވަނީ ކާމިޔާބު ކޮށްދީފައެވެ.

ބުންޑެސްލީގާގެ 12 ވަނައިގާ އޮތް ޝަލްކޭ އިން ޕެރޭޒް ހޯދަން މަސައްކަތްކުރާއިރު، އަންނަ މަހުގެ 21 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެ ކުލަބް ކުޅޭނެއެވެ.

10 ހަފްތާއަށް ނޭމާ ކުޅުމާ ދުރަށް، ޔުނައިޓެޑާ ދެކޮޅަކަށް ނުކުޅެވޭނެ!

ޕެރިސް ސެއިންޓް ޖާމައިން އަދި ބްރެޒިލްގެ ފޯވާޑް ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން 10 ހަފްތާއަށް ކުޅުމާ ދުރަށް ދާންޖެހި، ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ ލެގުގައި ވެސް އޭނާ ނުކުޅެވޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޭމާއަށް އަނިޔާވީ، ފްރެންޗް ކަޕްގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ސްޓްރަސްބާގް އާ ދެކޮޅަށްކުޅެ 2-0 އިން ޕީއެސްޖީ މޮޅުވި މެޗުގެ 62 ވަނަ މިނެޓުގައެވެ. އަނިޔާވެގެން ބޭލިއިރު ނޭމާއަށް ހުރީ ވެސް ރޮވިފައެވެ.

ނޭމާގެ އަނިޔާއާ ގުޅިގެން ފުރާންސްގެ ޗެމްޕިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ނޭމާގެ ކަނާތު ފައިގެ ކުޅަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ދުނިޔޭގައި ތިބި މަޝްހޫރު ސިއްހީ މާހިރުން ގެނެސް ފުރިހަމަ ރިވިއުއެއް ހެދި ކަމަށެވެ.

“ސްޕެޝަލިސްޓުންގެ ފުރިހަމަ އެނަލިސިސް އަކަށްފަހު، އޮޕަރޭޝަން ނުކޮށް ނޭމާގެ ކުޑަހުޅަށް ފަރުވާ ދިނުމަށް ވަނީ އެއްބަސްވެވިފައި،” ޕީއެސްޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ނިންމުމަށް ނޭމާވެސް އެއްބަސްވެފައިވާ ކަމަށާއި ކުރިއަށްއޮތް 10 ހަފްތާތެރޭގައި ނޭމާއަށް އެނބުރި ކުޅުމަށް ދަނޑަށް ނުކުމެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގާތްގަނޑަކަށް ދެ މަހާއި ބައިގެ މުއްދަތަކަށް ނޭމާ ކުޅުމާ ދުރަށް ދާންޖެހިފައިވާއިރު، މިދިޔަ އަހަރުގެ މާޗް މަހު ފްރެންޗް ލީގު ކަޕްގެ މެޗެއްގައި ވެސް ނޭމާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއް ރެނދުލުމުގެ ސަބަބުން މުޅި ސީޒަނުގައި ނުކުޅެވި ދިޔައެވެ. އޭނާ އެއަށްފަހު ފެނިގެންދިޔައީ އަނިޔާއިން ރަނގަޅުވެ ވޯލްޑް ކަޕުންނެވެ.

ނޭމާއާ ނުލާ ޕީއެސްޖީ ޔުނައިޓެޑާ ދެކޮޅަށް ކުޅެންޖެހޭއިރު، ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގު ކުޅޭނީ މާޗް ހައެއްގައެވެ.