ތަކެތީގެ އަގު މައްޗަށްދާތީ، ތުރުކީ ސަރުކާރުން މާރުކޭޓްތައް ހަދައިގެން ތަކެތި ވިއްކަނީ

އިސްޓަންބުލް (ރޮއިޓާސް): ތުރުކީގައި ކާތަކެތީގެ އަގުތައް މައްޗަށްދާން ފެށުމުން އެކަން ކޮންޓްރޯލް ކުރުމަށް، އެގައުމުގެ ސަރުކާރުން ހިންގާ މާރުކޭޓްތަކެއް ހުޅުވައި، ކާތަކެތި އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

އާންމު ފިހާރަތަކުން ވިއްކާ އަގަށްވުރެ ދެގުނަ އަގުހެޔޮކޮށް ކާތަކެތި ވިއްކަން ފެށުމުން، ތުރުކީގެ މައި ސިޓީ އިސްޓަންބުލްގެ ބޭރަމްޕަސާ ޑިސްޓްރިކްޓުގައި ހަދާފައިވާ މުނިސިޕަލިޓީ ޓެންޓުތަކުން ވިއްކާ ޓޮމާޓޯ، ފިޔާ އަދި މިރުސް ގަތުމަށް ގިނަ ބަޔަކު ވަނީ ކިއު ހަދާލައިފައެވެ.

އެގޮތުން އިސްތަންބުލްގެ އިތުރުން ތުރުކީގެ ވެރިރަށް އަންކާރާގައި 50 ސަރަހައްދަކުން ކާތަކެތި ވިއްކަމުން ގެންދިޔަ ނަމަވެސް، އެ ޓެންޓުތަކުން ކާތަކެތި ވިއްކުމުގެ ހުއްދަ ދީފައިވަނީ ކޮންމެ މީހަކަށް ވެސް އެންމެ ގިނަވެގެން ތިން ކިލޯގެ ކާތަކެއްޗެވެ.

ތުރުކީގެ ސަރުކާރުން އަގުހެޔޮކޮށް ކާތަކެތި ވިއްކާ މާރުކޭޓުތަކެއް ހަދާފައި މިވަނީ އަހަރަކުން އަހަރަކު ކާތަކެތީގެ އަގުތައް މައްޗަށްގޮސް، މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި 31 ޕަސެންޓަށް ތަކެތީގެ އަގުތައް އުފުލުމުންނެވެ.

އަދި އެކަން ވެފައިވަނީ އަންނަ މަހު ބާއްވާ އާންމު އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ރަޖަބު ތައްޔިބު އުރުދުގާންގެ އޭކޭ ޕާޓީއަށް ތާއީދު ލިބުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށެވެ.

އުރުދާން ވިދާޅުވެފައިވާ ގޮތުގައި، މިވަގުތު ސަރުކާރުގެ މާރުކޭޓްތަކުން ތަރުކާރީ އެކަނި ވިއްކި ކަމުގައި ވީނަމަވެސް، ކުރިއަށް އޮތް ތަނުގައި ހަނޑުލާއި މުގުގެ އިތުރުން ސާފުކުރަން ބޭނުންވާ ތަކެތި ވެސް އެ މާރުކޭޓްތަކުން ވިއްކާނެއެވެ.