ބޭރުގެ ނުފޫޒުތަކަށް އަމަލު ނުކުރުމަކީ ރާއްޖޭގެ ވަރުގަދަކަން: ޝަހީމް

ބޭރުގެ އެކިއެކި ޖަމިއްޔާތަކުން ރާއްޖެއަށް އިއްވާ ވަސިއްޔަތްތަކަށް އަމަލު ނުކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭ ވަރުގަދަކަން ކަމުގައި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރަތުން ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އެކަހެރިވެފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބޭއްވި އިދިކޮޅުގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވާތީ އެކަމަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވީ، ބައިނަލްއަގްވާމީ މުޖުތަމައުއާ ރާއްޖެ ގުުޅުން ގާއިމްވެފައިވާ އޮތް މިންވަރު އެނގޭނީ އެކަންކަން އެނގޭ މީހުންނަށް ކަމަށެވެ.

އަދި ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި މީގެ ކުރިން ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ވެފަ ނެތް މިންވަރަށް އެކަން ހަރުދަނާ ވެގެން ގޮސްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެކަމުގެ ހެއްކެއްގެ ގޮތުގައި ޝަހީމް ދެއްކެވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި އެތައް ގައުމަކާ އަލަށް ގުޅުން ވަރުގަދަކޮށް، ރާއްޖެއަށް މީގެ ކުރިން ނާންނަ ވަރުގެ ބޮޑެތި އިންވެސްޓްމަންޓުތަކާ ވިޔަފާރީގެ އެތައް އެއްބަސްވުންތަކެއް ގާއިމްވެގެންދިޔަ ދިއުމެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ބޭރުގެ ޖަމާއަތްތަކުން ރާއްޖޭގެ މައްޗަށް އިއްވާ ވަސިއްޔަތްތަކަށް އަމަލު ނުކުރުމުން އެއީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ އެކަހެރިވެގެންދިޔަ ދިއުމެއް ނޫން ކަމަށެވެ.

“ބޭރުގެ އެކިއެކި ޖަމާއަތްތަކުން އަޅުގަނޑުމެންގެ މައްޗަށް އިއްވާ ވަސިއްޔަތްތަކަށް އަމަލު ނުކުރުމަކުން އެއީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ އެކަހެރިވެގެންދިޔަ ދިއުމެއް ނޫން. އޭގެ މާނައަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ވަރުގަދަ އިއްޔޭ،” ދ. މީދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ޝަހީމް ވިދާޅުވިއެވެ.

އެގޮތުން ކޮމެންވެލްތުން ވެސް ރާއްޖެއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން އުޅުނު ކަމަށާއި ނަމަވެސް އެ ޖަމިއްޔާއިން ރާއްެޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކުރީން، އެ ޖަމިއްޔާއަށް ރައީސް ފިޔަވަޅު އެޅުއްވިކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އެހެން ވިދާޅުވިއިރު، ދާދިފަހުން މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އަޅައި، ޑިމޮކްރަސީ މަގަށް ރުޖޫއަ ނުވެއްެޖެނަމަ ގާނޫނުގެ ވެރިކަން ކުރުމަށް ހުރަސް އަޅާ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ވިސްނާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ރާއްޖެއަށް ދީފިއެވެ.

އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އަޅާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަނުން ނިންމައި، އެފިޔަވަޅުތަކުގެ އޮނިގަނޑެއް ވެސް ވަނީ އެކުލަވާލައިފައެވެ.

ރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ، ވެރިއަކަށް ބޭނުންވަނީ ހަމައެކަނި ސާލިހު މީހެއްގެ ބަދަލުގައި ގަޓުހުރި ވަރުގަދަ ސާލިހު ވެރިއެއް ކަމަށާއި އެއީ އިސްލާމީ ޝަރީއަތުގައި ވެސް އެކަން އޮންނަ ގޮތްކަމަށެވެ.

އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ ވެށީގައި ރައީސް ޔާމީންފަދަ ހިތްވަރުގަދަ ވަރުގަދަ ޝަހްޝިއްޔަތެއް ނެތް ކަމަށާއި ދިވެހި ޒުވާނުން ވެސް އެމަނިކުފާނު ހިމާޔަތްކުރެއްވުމަށް ޝަހީމް ރޭ ވަނީ ގޮވާލައްވައިފައެވެ.

މިހާރަކު ވަހީ ބާވާލައްވާނެ ރޫހާނީ ލީޑަރުންނެއް ނުތިބޭނެ، މާ ބަރަކާތްތެރި ބަޔަކު ނޫޅޭނެ: ޝަހީމް

މިހާރަކު ވަހީ ބާވާލައްވާނެ ރޫހާނީ ލީޑަރުންނެއް ނުތިބޭނެ ކަމަށާއި މާ ބަރަކާތްތެރި ބަޔަކު ވެސް ނޫޅޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާއެއްގައި ޝެއިހް އިލްޔާސް ހުސައިނަށް ނުސީދާކޮށް ރައްދު ދެއްވަމުން ހދ. ނޮޅިވަރަމަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ތިމަންނާ ބުނާ އެއްޗަކުން ވެރިކަން ވެއްޓޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.

“މިހާރަކު ވަހީ ބާއްވާލައްވާނެ ރޫހާނީ ލީޑަރުންނެއް ނުތިބޭނެ. ނަބީ ބޭކަލުންގެ ރިސާލާތްތައް މާތްﷲ ވަނީ މަތިވެރިކުރައްވާފައި. މިހާރަކު ނޫޅޭނެ މާ ބަރަކާތްތެރި ބައެއް. އެމީހުން ހީކޮށްގެން ނުވާނެ ތިމަންނާމެން ބުނާ އެއްޗަކުން ވެރިކަމެއް ވެއްޓޭނެ ކަމަކަށް،” ޝަހީމް ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ މުސްލިމުން ވާންޖެހޭނީ ގައުމަށް ވަފާތެރި، ދީނަށް ވެސް އަމާނާތްތެރި ބަޔަކަށް ކަމަށާއި މުސްލިމު އިލްމުވެރިންނަކީ ފިތުނަ ފަސާދައަށް މަގުފަހިކޮށްދޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ނޭނގޭ ކަންކަމުގެ ވާހަކަ ދައްކަންޖެހޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިހް އިލްޔާސް ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަކީ ހުއްދަ ކަމެއް ކަމަށާއި އިންސާފު ގާއިމުކުރަން ޖެހޭ ކަމަށެވެ.

ވެރިކަމަށް ތަޅާފޮޅުން ނިމުމަކަށް ގެނެސް، ރާއްޖޭގެ ވެރިކަން އާ ޖީލަކަށް ވާރުތަވާންޖެހޭ: ޑރ. ޝަހީމް

ދިވެހިރާއްޖޭގެ ވެރިކަން ބޭނުންވެގެން އެކަމަށް ތަޅާފޮޅުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހދ. އަށާއި ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހދ. ހަނިމާދޫއަށް ވަޑައިގަތް އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޝަހީމް ރޭ ވިދާޅުވީ، ރާއްޖޭގެ ވެރިކަން އާ ޖީލަކަށް ވާރުތަވާންޖެހޭ ކަމަށާއި އެ ޖީލުގެ މުވައްސިސަކީ ރައީސް އަބްދުﷲ ޔާމީން ކަމުގައި ވާންޖެހޭ ކަމަށެވެ.

“ރާއްޖޭގެ ވެރިކަން އާ ޖީލަކަށް ވާރުތަވާން އެބަޖެހޭ. އެ ޖީލުގެ މުވައްސިސަކީ ރައީސް އަބްދުﷲ ޔާމީނަށް ވާން އެބަޖެހޭ. އެއީ އާ ސިވިލައިޒޭޝަނެއް އިސްލާމީ އުސޫލުތަކުގެ މައްޗަށް ގާއިމްވެފައިވާ ތަރައްގީ މިތަނަށް ގާއިމްވާން އެބަޖެހޭ،” ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެތިން ހަތަރު މީހެއްގެ ކޯލިޝަނެއްގެ ތެރޭގައި ދިވެހިން ތާށިވެފައި ތިބޭކަށް ނުޖެހޭ ކަމަށެވެ. އާ ކޯލިޝަނަކަށް ވެރިކަން ހަވާލުކޮށްގެން ވާނެ ފައިދާއެއް ވެސް ނެތް ކަމަށާއި އެކަން ރާއްޖޭގެ ތާރީހު ދައްކައިދީފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ވޭތުވެދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިކަމާ ކޯޅޭބަޔަކު އެބަތިބި ކަމަށާއި އެކަން ކޮންމެވެސް ގޮތަކަށް ނިންމަންޖެހޭ ކަމަށެވެ.

“މިކަން އެބަޖެހޭ ނިމެން. އެ މަރުހަލާ ގޮސްފި މިހާރު. އިސްލާހީ ހަރަކާތާއި ގާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ވެރިކަން ބަދަލަކަށް ބޭނުންވެގެން ވޯޓު ލުމާއި މިކަންކަން މިހާރު ނިމިއްޖެ. މިހާރު ކުރިއަށް ގެންދަންވީ ބިނާކުރުން،” އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެ ޝަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ މިވެރިކަމުން ފައްޓަވާފައިވާ މަޝްރޫއުތައް ހުއްޓި ޕާޓީތައް ކޯޅެން ފަށާނެ ކަމަށެވެ. އޭގެ ބަދަލުގައި އިދިކޮޅު މެންބަރުން ވެސް ރައީސް ޔާމީނާ ގުޅި، ރަނގަޅު ކުރަންހުރި ކަންކަން ކިޔައިދެއްވުމަށް ޝަހީމް ގޮވާލެއްވި އެވެ.

“އެބޭފުޅުން ވެސް ]އިދިކޮޅު ފިކުރުގެ ބޭފުޅުން[ ރައީސް ޔާމީނަށް ވޯޓު ދެއްވާފައި މިއިން ހުރިކަންކަން އިސްލާހުކުރަން ތިއްބަވަންވީ. ނަސޭހަތް ދެއްވަންވީ މަޝްވަރާ އަރުވަންވީ. އެގޮތަށް މިކަން ކުރަންވީ. މި ވެރިކަމާހެދި ތަޅާފޮޅުމުގެ ކަންކަން އެބަޖެހޭ ނިމުމަކަށް ގެންނަން،” ޝަހީމް ވިދާޅުވިއެވެ.

ރާއްޖެ ދަތުރުކުރަމުން މިދަނީ ޒަމާނީ ތަރައްގީއާއި ތަހުޒީބު ރާއްޖެއަށް ގާއިމްކުރުމުގެ މިސްރާބަށްކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އެކަމުގައި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅާލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީނަށް އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ، ރާއްޖޭގެ ސިޔާސީ ތައައްސުބާއި އަދާވާތްތެރިކަން ނައްތާލައި އިސްލާމީ އުހުތްވަތްތެރިކަން ގާއިމްކުރަން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހދ. އަށާއި ށ. އަތޮޅަށް ޝަހީމް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހދ. ގެ ރަށްތަކުގެ ތެރެއިން ދެން ވަޑައިގަންނަވާނީ ހދ. ގެ ހަތް ރަށަކަށާއި ށ. އަތޮޅުގެ ތިން ރަށަކަށެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ޑރ. ޝަހީމް، ހދ. އާއި ށ. އަތޮޅަށް

މިމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހދ. އަތޮޅަށާއި ށ. އަތޮޅަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެގޮތުން އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ޑރ. ޝަހީމް މިއަދު ވަޑައިގަތީ ހދ. ހަނިމާދޫ އަށެވެ. އެއަށްފަހު ހދ. އިން ދެން ވަޑައިގަންނަވާނީ ކުޅުދުއްފުއްޓަށާއި ވައިކަރަދޫ، ނެއްލައިދޫ، ކުމުންދު، ނާވައިދޫ، ނޮޅިވަރަމް އަދި ކުރިނބީ އަށެވެ.

ށ. އަތޮޅުން ޝަހީމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮމަންޑު އާއި ފޯކައިދޫ އަދި މަރޮއްޓަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވުމާއެކު ޝަހީމް ގެންދަވަނީ އެމަނިކުފާނަށް ތާއީދު އިތުރު ކުރެއްވުމަށް ގިނަ ރަށްތަކަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.

އެގޮތުން، ގއ. ގެ ބައެއް ރަށްތަކަށާއި ނައިބް ރައީސް އަބްދުﷲ ޖިހާދާއި ޝަހީމްގެ އަނބިކަނބަލުންގެ އުފަން ރަށް ގދ. ތިނަދޫގެ އިތުރުން ފުވައްމުލަކަށް އޭނާ ވަނީ ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ. ޝަހީމް އެންމެ ފަހުން ވަޑައިގަތީ ލ. އަތޮޅަށެވެ.

ޝަހީމް ކެމްޕެއިން ދަތުރުތަކުގައި އަވަދިނެތި އުޅުއްވާއިރު، ރައީސް ޔާމީން ގެންދަވަނީ މި ސަރުކާރުގައި ރަށްތަކުގައި ކޮށް ނިންމާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް އެރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުނެވެ.

އަދި މިދިޔަ މަހުގެ ފަހުކޮޅު ނިލަންދޫގައި ވަނީ އެމަނިކުފާނުގެ ފުރަތަމަ ކެމްޕެއިން ޖަލްސާ ބާއްވައިފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރައްވާނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އެމަނިކުފާނާއި ރަނިންމޭޓް ފައިސަލް ވެސް ގެންދަވަނީ ކެމްޕެއިންގައި ބުރަކޮށް އުޅުއްވަމުންނެވެ.

އެގޮތުން އިބޫ މިހާރު ވެސް ގެންދަވަނީ ހުވަދު އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް ކުރައްވަމުންނެވެ. އަދި ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް މިއަދުގެ ވަގުތެއްގައި ފައިސަލް ވަނީ އިންޑިއާއަށް ދަތުރުފުޅެއްގައި ވަޑައިގެންފައެވެ.

ލ. އަތޮޅުން ޝަހީމަށް ހޫނު މަރުހަބާއެއް، އިދިކޮޅުން ސައިކަލް ބުރެއް

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލ. އަތޮޅުން ހޫނު މަރުހަބާއެއް ދެންނެވި އިރު، އިދިކޮޅުން ސައިކަލް ބުރެއް ބާއްވައިފިއެވެ.

އިސްކަންދަރު ވައިގެ މައިޒާނުން ޝަހީމަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ މީހުން މިއަދު ބައިވެރިވިއެވެ. ޝަހީމަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި ކުދިބޮޑު އެންމެންނާ ޝަހީމް ވަނީ ސަލާމް ކުރައްވައިފައެވެ.

ލ. އަތޮޅުގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ސައިކަލް ބުރު --
ލ. އަތޮޅުގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ސައިކަލް ބުރު:

ޝަހީމް ދަނީ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން ޝަހީމް ވަނީ ދާދި ފަހުން ގދ. ތިނަދޫ އަދި ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގެންފައެވެ.

ލ. އަތޮޅަށް ޝަހީމް ވަޑައިގެން ވަގުތާ ދިމާކޮށް، އިދިކޮޅު ޕާޓީތަކުން ވަނީ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އޮތް ތާއީދު ދެއްކުމަށް ސައިކަލް ބުރެއް ބާއްވައިފައެވެ. އެ ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

ދިވެހި ހައްޖުވެރިންގެ ހާލު ޝަހީމް ބައްލަވައިލައްވައިފި

ދިވެހި ހައްޖުވެރިންގެ ހާލު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްލަވައިލައްވައިފިއެވެ.

މިއަދު ޝަހީމް ވަނީ ހައްޖު ކޯޕަރޭޝަނަށް ގުޅުއްވާ ދިވެހި ހައްޖުވެރިންގެ މައުލޫމާތުތައް އޮޅުން ފިލުވައިފައެވެ.

މަބުރޫރު ހައްޖަކަށް އެދިވަޑައިގެން ޑރ. ޝަހީމް ވަަނީ އެ ފަރާތްތަކަށް އީދުގެ ތަހުނިއްޔާ އަރިސްކުރައްވައިފައެވެ. ހައްޖު ކޯޕަރޭޝަންގެ އިތުރުން ޝަހީމް ގެންދަވަނީ އެހެން ހައްޖު ގްރޫޕްތަކަށް ވެސް ގުޅުއްވާ ދިވެހި ހައްޖުވެރިންގެ ހާލު ބައްލަވަމުންނެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ވަނީ ރާއްޖެއަށް 2000 ކޯޓާ ދީފައެވެ. އޭގެ ތެރެއިން 1000 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

މި ސަރުކާރުން ދީނީ އިލްމުވެރިންނަށް އެތައް ފުރުސަތަކާއި މިނިވަންކަމެއް ދީފައިވޭ: ޝަހީމް

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދީނީ އިލްމުވެރިންނަށް އެތައް ފުރުސަތަކާއި މިނިވަންކަމެއް ދީފައިވާ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނީ ފަތުވާދީގެން އެއްވެސް އާލިމެއް ޖަލަށްލައި އަނިޔާ ކޮށްފައިނުވާ ކަމަށާއި ދީނީ އިލްމުވެރިންނަށް ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައިވަނީ މި ސަރުކާރުން ކަމަށެވެ.

“ރާއްޖޭގެ ތާރީހުގައި ވެސް އިސްލާމީ ދައުވަތަކަށް މަގުފައިވެފައި ނެތް މިންވަރަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ އިލްމުވެރިންނަށް ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފުރުސަތާއި މިނިވަންކަން ވަނީ ދީފައެވެ. ދީނީ ފަރުވާ ދީގެން އެއްވެސް އާލިމެއް ޖަލަށްލައި އަނިޔާ ކޮށްފައި ނުވެއެވެ.،” ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ރާއްޖޭގެ ތާރީހަށް ބަލާއިރު ﷲގެ ރަހުމަތާއެކު ރަސްރަސްކަލުންނާއި ހިތްވަރުގަދަ، ދީން ދެކެ ލޯބިވާ ވެރިންނާއި، ރައްޔިތުން އިސްތިއުމާރީ، ފިކުރީ ހަނގުރާމައާއި އަޅުވެތިކަމާ ދެކޮޅަށް ކުރެއްވި ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ.