ފެބްރިގާސް މޮނާކޯ އަށް ބަދަލުވެއްޖެ

ޗެލްސީއަށް ކުޅެމުން އައި ސްޕެއިންގެ މިޑްފިލްޑަރު ސެސްކް ފެބްރިގާސް، ފްރާންސްގެ ލީގު ވަންގެ މޮނާކޯއަށް ބަދަލުވެއްޖެއެވެ.

އާސިނެލްއަށް އެކުގައި ކުޅުނު ތިއެރީ އޮންރީ ކޯޗު ކޮށްދެމުން އަންނަ މޮނާކޯއަށް ފެބްރިގާސް ބަދަލުވެފައިވަނީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މޮނާކޯއަށް ބަދަލުވުމަށްފަހު ފެބްރިގާސް ބުނެފައިވަނީ، ކުރިއަށް އޮތްތަނުގައި އޭނާގެ ގެއަކަށް ވާނީ މޮނާކޯ ކަމަށާއި އެ އާ ޗެލެންޖެއް ފަށަން ކެތްމަދުވެފައިވާ ކަމަށެވެ.

ޗެލްސީއަށް 2014 ވަނަ އަހަރު ބަދަލުވި އުމުރުން 31 އަހަރުގެ ފެބްރިގާސް އެކުލަބާއެކު ހޭދަކުރި ހަތަރު އަހަރާއި ބައި އަހަރުގެ ތެރޭގައި އެ ކުލަބަށް 198 މެޗް ކުޅެދީ، އެ ކުލަބާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕް އެއް ފަހަރު އުފުލާލައިފައެވެ.

ނަމަވެސް ފެބްރިގާސް ޗެލްސީ ދޫކޮށްލިއިރު މި ސީޒަނުގައި އޭނާއަށް ވަނީ އެ ކުލަބުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން އެއްކޮށް ގެއްލިފައެވެ.

ރެލިގޭޓް ވުމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މޮނާކޯއަށް ފެބްރިގާސް ބަދަލުވިއިރު، އެޓީމު މިވަގުތު އޮތީ ފްރެންޗް ލީގުގެ 17 ވަނައިގައެވެ.

ޗެލްސީ ބަލިކޮށް، ސިޓީން ފަސްވަނަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

އެފްއޭ ކަޕް ޗެމްޕިއަން ޗެލްސީ ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފަސްވަނަ ފަހަރަށް އެފްއޭ ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޗެލްސީގެ މައްޗަށް ސިޓީން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުން ވެސް މެޗަށް ނުކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑާއި ބްރެޒިލް ފޯވްޑް ވިލިއަންގެ އިތުރުން ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ޗެލްސީގެ ޓީމުން ފެނިފައިނުވާ އިރު، ސިޓީގެ ފުރަތަމަ 11އިން ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާގެ އިތުރުން އިންގްލެންޑް ފޯވަޑް ރަހީމް ސްޓާލިންގް އަދި ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ހެސޫސް ފެނިފައެއް ނުވެއެވެ.

ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ސިޓީން ވަނީ މެޗުގެ 13 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯއެވެ. ޗެލްސީން ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގައި ސިޓީން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ 58 ވަނަ މިނެޓުގައެވެ. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަގުއެރޯއެވެ.